ޚަބަރު

ނެތިމޮށުމާއި އަބުރު ކަތިލުމުގައި ވަގުތުތައް ހޭދަ ނުކުރޭ: ޚުތުބާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގައި ވަގުތުތައް ހޭދަކުރާ މީހުން އެފަދަ ފާފަތަކުން ދުރުހެލިވުމަށް ޢަޒުމު ކަނޑައެޅުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފަވަނީ އިސްރާއާއި މިޢުރާޖުގެ ޒިކުރާގެ ތެރެއިން މި މަޢުޟޫއަށެވެ.

Ads by MWSC

ހުކުރު ހުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި އިސްރާއާއި މިޢުރާޖުގެ މަތިވެރި ޙާދިޘާއަކީ މާތް الله ކީރިތި ރަސޫލާ محمد رسول اللهއަށް ދެއްކެވި މުޢުޖިޒާތެކެވެ. އަދި މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިޙާނެއް ކަމަށާއި އިސްރާގެ ޙާދިޘާއަކީ ހިނގާފައިވާ ކަމެއްކަން ކީރިތި ޤުރްއާނުގެ ނައްޞުން ޘާބިތުވާ ކަމަށް ވިދާޅުވިއެވެ.

އިސްރާއަކީ ރޭގަނޑުން ބައެއްގައި މާތް الله މާތްކުރައްވާފައިވާ މައްކާގެ އަލްމަސްޖިދުލް ޙަރާމުން ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ ކީރިތި ރަސޫލާ ގެންދެވި ދަތުރުފުޅެވެ. މިޢުރާޖަކީ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއިން ހަތްވަނަ އުޑުގެ މައްޗަށް ކީރިތި ރަސޫލާ ގެންދެވި ދަތުރުފުޅެވެ.

ކީރިތި ރަސޫލާ محمد رسول اللهގެ ކުރިން ވެސް އަދި ފަހުން ވެސް އެއްވެސް މީހަކަށް ވާޞިލު ނުވެވޭނެ މަތިވެރި ދަރަޖަތަކަށް އެކަލޭގެފާނު މި ދަތުރުފުޅުގައި ވާޞިލުވެވަޑައިގަތްކަން ހަނދާންކޮށްދީ ހުތުބާގައި ވަނީ އިސްރާ ދަތުރުފުޅުގައި ރަސޫލާ ނަބީބޭކަލުންގެ އިމާމަކަށް ވެވަޑައިގެން އަލްމަސްޖިދުލް އަޤްޞާގައި ނަމާދުފުޅު ކުރެއްވި ކަމަށާއި އެއީ އެކަލޭގެފާނަށް މާތް الله ދެއްވި ބޮޑު ޝަރަފެއްކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ހުތުބާގައި ވިދާޅުވީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ބައެއް މީހުންކުރާ ކުށްފާފަތަކަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް ކީރިތި ރަސޫލާއަށް ދެއްކެވި ކަމަށެވެ. އޭގެ ތެރެއިން އެއް ބަޔަކީ އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރަމުންދާ ބައެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

"އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ އެއީ މީސްތަކުންނަށް ހެޔޮ ކަންތައްކޮށް މުންކަރާތްތައް ނަހީކުރާއިރު އެ މީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލައިފާވާ މީހުން ކަމުގައެވެ. މި ދަތުރުފުޅުގައި ފެނިވަޑައިގެންނެވި އަނެއް މަންޒަރަކީ، އެބައިމީހުންގެ އިނގިލިތަކުގައި، ލޮއިގެ ނިޔަފަތިތަކެއް ހުރި ބަޔަކު އެ ނިޔަފަތިތަކުން އެމީހުންގެ މެއާއި މޫނުގައި ވަކި އަޅައި ނޮޅަމުންދާ މަންޒަރެވެ. އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ އެއީ މީސްތަކުންގެ އަބުރަށް އަރައި ނެތި މޮށޭ މީހުން ކަމުގައެވެ." ހުތުބާގައި ވިދާޅުވިއެވެ.

އެ ނޫންވެސް އެތައް ކަމެއް އެ ރޭ އެކަލޭގެފާނަށް ފެނިވަޑައިގަތް ކަމަށާއި ރޭގަނޑާއި ދުވާލު ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގައި ތިމާމެންގެ ވަގުތުތައް ހޭދަކުރާ މީހުން އެ ކަމާ މެދު ވިސްނައި އެފަދަ ފާފަތަކުން ދުރުހެލިވުމަށް ޢަޒުމު ކަނޑައަޅަން ޖެހޭނެކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ އެ މަތިވެރި ދަތުރުފުޅުގެ ތެރޭގައި މާތް اﷲ މި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުން ކަމަށެވެ.

"އެހެން ފަރާތެއް މެދުވެރި ނުކުރައްވައި ސީދާ الله سُبْحَانَهُ وَتَعَالَى މި އުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެއްވުމުން މި ފަރީޟާގެ މަތިވެރިކަން އެނގޭ، ރަސޫލާ ބަޔާންކޮށް ދެއްވާފައިވާ ފަދައިން ނަމާދަކީ ދީނުގެ ތަނބު. އެއީ އީމާންކަން މިނެދޭ މިންގަނޑު، މަޙްޝަރުގެ ބިމުގައި ޙިސާބު ބެއްލެވޭއިރު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުން، އެކަން ރަނގަޅު ވެއްޖެ މީހާގެ ދެންހުރި ކަންތައް ރަނގަޅު ވެދޭ" ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ މާތް ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ދާންމަތިކޮޅުގައި އޮންނަވައި އެންމެ ފަހުން އުއްމަތަށް ކުރެއްވި ވަޞިއްޔަތުގައި ވެސް ނަމާދަށް ރައްކާތެރިވުމަށް އަންގަވާފައިވާ ކަމަށެވެ. އިސްރާއާއި މިޢުރާޖުގެ ޙާދިޘާއަކީ މީސްތަކުންނާއެކު މުޢާމަލާތު ކުރުމުގެ މަތިވެރި ދަރުސްތަކެއް އޭގައި ހިމެނޭ ޙާދިޘާއެކެވެ. އެއީ ރަނގަޅު ޞާލިޙު އެކުވެރިންނާއި އިޚުލާޞްތެރި މިތުރުންގެ ހެޔޮ ނަމޫނާ ހާމަކޮށްދިން ޙާދިޘާއެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!