ފައްޔާޒްގެ ހިސާބު: މަޖިލިސް އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ނަގާނެ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީން 65 ގޮނޑި ނަގާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ, އަމާޒަކީ 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބު ކުރި އަދަދަށް ނުވަތަ އެއަށް ވުރެ ވެސް ގިނަ ގޮނޑި ނެގުމަށް ކަމަށެވެ.
"ދެހާސް ނަވާރަ ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހާ އެއްވަރު ނޫނީ އެއަށްވުރެ ރަނގަޅު އަދަދެއް ކާމިޔާބު ކުރަން މަސައްކަތް ކުރާނީ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި މި ސަރުކާރާ މެދު ރައްޔިތުން ދެކެމުން އައި އުއްމީދާ އިތުބާރު ދެ މަސް ތެރޭގައި ވަނީ ގެއްލިފައެވެ. ރައްޔިތުންގެ ހުރި ކަަންބޮޑުވުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
''ސަރުކާރުގެ ގާބިލުކަމާއި މެދު ރައްޔިތުންނަށް ޝައްކު އުފެދިއްޖެ'' ފައްޔާޒު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީން ދެ ދާއިރާއެއް ފިޔަވައި އެހެން ދާއިރާތަކުން ކެނޑިޑޭޓުން ވަނީ ނެރެފައެވެ. ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ވަނީ 46 ބޭފުޅަކު ކަށަވަރު ކުރައްވައިފައެވެ. މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް އިން ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ 93 ދާއިރާއަކަށެވެ.
އިއްޔެ ލިބުނު 46 ފޯމްއާ އެކު ކޮމިޝަނަށް މިހާތަނަށް ލިބިފައިވަނީ 68 ފޯމް ކަމަށް އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވަނީ ވިދާޅުވެފައެވެ. ފޯމު ބަލައިގަންނާނީ ހެނދުނު ނުވަޔަކުން މެންދުރު ފަހު ދޭކަށް، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުންނެވެ. ފޯމްތައް ބަލައިގަންނާނީ 14 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށެވެ.
މަޖިލީހުގެ އާ ދައުރުގެ އިންތިހާބު އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ގޮތަށް އީސީން ކަނޑައަޅާފައިވިޔަސް އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށް ވާތީ އެ ދުވަސްވަރު އިންތިހާބު ބޭއްވުމާ މެދު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު އިދކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުން ވޯޓުން ރައްޔިތުންގެ މަޖިލިހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.