ޚަބަރު

ރައީސް ޞާލިހުގެ އެއްވެސް ގޮތެއް ފޮތެއް ނެތް: ރައީސް ވަހީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އެއްވެސް ގޮތެއްފޮތެއް ނެތްކަމަށް ކުރީގައި ވެރިކަން ކުރެއްވި ރައީސް ދރ. މުޙައްމދު ވަހީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑރ. ވަހީދު މިހެން ވިދާޅުވީ މިއަދު ހަވީރު 4:00 އަށް ޕޮލިހަށް ހާޟިރުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އެމަނިކުފާނު ފުލުހަށް ހާޟިރު ކުރައްވާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް މާސްކުވެސް ނާޅާ، އިދިކޮޅުން އިންތިޒާމު ކޮށްގެން މާލޭގައި ބޭއްވި ސައިކަލު ބުރެއް ބޭއްވި ކަމުގެ ތުހުމަތުގައެވެ. އެއެއްވުމުގެ ތެރެއިން ރައީސް ވަހީދު ވެސް މާސްކު ނާޅާ، ރައްޔިތުންނާއި މުޚާތަބު ކުރައްވަނިކޮށް ވަނީ ފެނިފައެވެ.

ފުލުހުންގެ އިދާރާއަށް ހާޟިރުވުމަށް ފަހު ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ދުވަހަކުވެސް އެއްވެސް މުއައްސަސާއެއްގެ އަގުވައްޓާލާފައި ނުވާނެ ކަމަށާއި އެހެންނަމަވެސް މިހާރު މިފެންނަނީ، ރައީސް ޞާލިޙު ރާއްޖޭގައި ކުރިން ވެރިކަން ކޮށްފައިތިބި ފަރާތްތައް ފުލުސް އޮފީހަށް "ދަމާތަން" ކަމަށެވެ.

"އަޅުގަނޑު އެކަނި ގެންދަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުގެ ކުރިން ރައީސްކަން ކުރެއްވި ބޭފުޅާވެސް މިދޭތެރެއަކުން ފެނިއްޖެ އެބޭފުޅާ ލިޔުއްވި ފޮތެއްގައި ސޮއި ކުރަން މާސްކު ނާޅުއްވާ މީހުންނާއި އެކީގައި އުޅުއްވިތަން. އަދި އޭގެ އިތުރުން ފުރާވަޑައިގަންނަވަންް އެއާޕޯޓުގައި ވެސް އެތައް ބައިވަރު މީހުންނެއް ގޮވައިގެން މާސްކު ނާޅާ އިންނެވިތަން އަޅުގަނޑު ދުށިން." ކުރީގެ ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

މީގެއިތުރުންް ރައީސް ވަހީދު ވިދާޅުވީ، ރާއްޖޭގެ ފުލުހުން މިހާރު އެބޭނުން ކުރައްވަނީ ސިޔާސީ ގޮތުން ކަމަށާއި އެކަން ހުއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކީ މިއަށްވުރެ ފުދޭ މީހަކަށް ވާން ޖެހޭނެ. ހިތްވަރު ހުރި މީހަކަށް ވާން ޖެހޭނެ. އަޅުގަނޑުމެން ހަމަ އެއްފަހަރު އަނގައިން ބުނާއިރަށް ނުޖެހޭ ޕޮލިސް ސްޓޭޝަނަށް ދަމާކަށް. އަޅުގަނޑުވެސް ދެ އަހަރެއްހާ ދުވަހު މިޤައުމު ދަމަހައްޓަން ހިފަހައްޓަން ވަރަށް ބުރަ މަސައްކަތްތަކެއް ކުރިން. އެހެންވީމަ މިހާ ދަށު ދަރަޖައަށް އަޅުގަނޑުމެން ވައްޓާލީމަ އަޅުގަނޑު ދަންނަވާނީ ރައީސުލް ޖުމްހޫރިއްޔާ ގެ ވެސް އެއްވެސް ގޮތެއް ފޮތެއް ނެތިއްޔޭ" ރައީސް ވަހީދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!