ޚަބަރު ސަރުކާރު ސިޔާސީ

ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ބޮޑު ކޮށްދޭން އެދިއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ފުވައްމުލަކު ސިޓީގެ އެއާޕޯޓުގެ ރަންވޭ ބޮޑު ކޮށްދޭން އެ ސިޓީ ކައުންސިލުން ސަރުކާރުގައި އެދިއްޖެއެވެ.

Ads by Sosun Fihaara

އެގޮތަށް އެދިފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ފުވައްމުލަކު ކައުންސިލުގެ އިދާރާގައެވެ.

އެގޮތުން މި ބައްދަލު ކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފެށުމާއެކު އެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމާއި ދެންހުރި މަގުތައްވެސް ހެދުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެން ދިއުމަށް އެދޭކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުުރުން ސިޓީ ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމާއި، މަސް ރައްކާކުރާ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމާއި، އައު ހޮސްޕިޓަލެއް އެޅުމާއި މިހާރު ހުރި ހޮސްޕިޓަލުގައި ނުފެށި ހުރި މަތީ ފެންވަރުގެ ޚިދުމަތްތައް ފެށިގެންދިއުމަށް އެދިވަޑައިގަތުން ހިމެނެއެވެ.

މި ބައްދަލު ކުރެއްވުމުގައި އ.ތ.މ. ކޮމިޓީގެ ފަރާތުންވަނީ އެކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވޭ މުހިންމު ކަންކަންވެސް ރައީސްއާ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަޢުދު ވެވަޑައިގެންނެވި ފަދައިން ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއްވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ކަރަންޓުގެ މައްސަލައާއި ފާހަގަކުރެއްވި އެހެން މައްސަލަތަކަށް ސަމާލުކަން ދެއްވައިގެން އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށާއި، ޚާއްސަކޮށް އެ މަނިކުފާނު ފުވައްމުލައް ސިޓީއަށް ވަޢުދުވެވަޑައިގަންނަވާފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގެ ކުރިން ރައީސް ވަނީ އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވާފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!