ސްޓެލްކޯއިން ބަންދުކުރި ގާކޮށި ސަރަހައްދު މި ހަފްތާގައި ހުޅުވާލަނީ

ގާކޮށި ޕާކިން ޒޯން ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަޙައްދު މި ހަފްތާ އާންމު ރައްޔިތުންނަށް ޕާކިންއަށް ހުޅުވާލަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓާ ހުސެއިން ފަހުމީ އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
ފަހުމީ ވިދާޅުވީ މިފަދައިން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން ގާކޮށީގެ ޕާކިން ޒޯނުން ބައެއް ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަޙައްދު މި ހަފްތާ ނިމުމުގެ ކުރިން ހުސްކުރުމަށް ފަހު އެތަން އާންމުންނަށް ހުޅުވާލުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯ އަކީ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީ ޚިދުމަތުގެ ބައިވެރިޔާ ކަމަށެވެ. އަދި އެ ކުންފުންޏަކީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށްޓަކައި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިފަދަ ގިނަކަންކަމަށް ދަނީ ހައްލުހޯދައިދެމުން ކަމަށްވެސް ފަހުމީގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ސްޓެލްކޯއިން ދަނީ ކެނޑިނޭޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ލިބޭނެކަން ކަށަވަރު ކުރުމަށްވެސް އެތައް މަސައްކަތެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ކުރިއަށް މިއޮތް ހޫނު މޫސުމަށް ތައްޔާރުވުމަށްވެސް އެ ކުންފުނިން ދަނީ ތައްޔާރީތައް ކުރިއަށް ގެންދަމުންނެވެ. މި ތައްޔާރީތަކުގެ ތެރެއިން މިހާތަނަށް ވަނި ޖެނެރޭޓަރުތަކެއް އިންސްޓޯލު ކުރުމުގެ މަސައްކަތްވެސް ފަށާފައިއެވެ.