ރޭޕް ފަދަ ކުށްތައް ކުރަން ޖެހިލުންވާ ވަރަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: ޕީޖީ

ރޭޕް ކުރުމާއި ޖިންސީ އަނިޔާ ދިނުން ފަދަ ކުށްތައް ކުރުމަށް ޖެހިލުންވާ ވަރަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދެ މީހެއްގެ މައްޗަށް މިއަދު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ދައުވާ އުފުލުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދާ ގޮތަށް ގޮސް މިބާވަތުގެ ކަންކަން ކުރުމަކީ މީހުން އިންތިހާއަށް ޖެހިލުންވާ ކަމަކަށް ވަންދެން ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އެގޮތުން ޝަރީއަތްތައް އަވަސްކުރަންޖެހޭ ކަމަށާއި އައްޑޫ ސިޓީ ޕީޖީ އޮފީހުގެ މުވައްޒަފުން މި މައްސަލައިގައި ކުރި ބުރަ މަސައްކަތް ޕީޖީ ވަނީ ފާހަގަކުރައްވާފައެވެ.
ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީ އާއި ސ. ހިތަދޫ، ޒަހާމަންޒިލް، އަލީ ޝިމާއު ޒުބައިރުގެ މައްޗަށެވެ.
އެގޮތުން މަޚްތޫމް މޫސާ ދީދީގެ މައްޗަށް ކޮށްފައިވަނީ ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. އަދި އަލީ ޝިމާއު ޒުބައިރުގެ މައްޗަށް ކޮށްފައިވަނީ ނުކުޅެދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި ބަނގުރާ ބުއިމުގެ ކުށުގެ ދައުވާއެވެ.