ޖަލުގައި މަރުުވި ރަޝީދުގެ ހުވަފަތް އަނބިމީހާ ގިސްލަމުން ކުރި އާދޭހަށް ރައީސް ދެއްވީ އިންސާފު ހޯދައިދޭނެ ކަމުގެ ތަސައްލީ
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދުގެ ހުވަފަތް އަނބިމީހާ ގިސްލަމުން އިންސާފަށް އެދި ކުރި އާދޭހަށް ތަސައްލީއެއް ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.
އަބްދުالله ރަޝީދުގެ ހުވަފަތް އަންހެނުން ޝެހެނާޒް އަބްދުއްރަހީމް ރައީސަށް އެ ސުވާލުކުރައްވާފައިވަނީ މިރޭ ކުރިއަށްދާ "އަހާ" ފޯރަމްގަ އެވެ.
އޭނާ ބުނީ އިންސާފު ހޯދުމަށް އެދި މިދިޔަ ސަރުކާރުން އެކުލަވާލި އިންތިގާލީ އިންސާފުގެ ކޮމިޓީއަށް ހުށަހެޅި ކަމަށާއި އެ ކޮމިޝަންގެ ރިޕޯޓު ނެގީ ވެސް އެހާ ދަތި ހާލުން ކަމަށެވެ. ތިން ދުވަސްމަތިން ގޮސްގެން ރިޕޯޓު ލިބުނުއިރު, މި ވެރިކަމާއެކު އެ ކޮމިޝަން ވެސް އުވިފައިވާ ކަމަށް އޭނާ ބުންޏެވެ.
"އިންސާފު ލިބެން ޖެހޭނެ ކަމަށް ސަރުކާރަށް މާފަށް އެދެން ޖެހޭނެ ކަމަށް ބަދަލު ލިބެން ޖެހޭނެ ކަމަށް [ރިޕޯޓުގައި އޮތީ] އެކަމަކު އަޅުގަނޑު ދެން ކޮންތާކަށްތޯ ދާނީ. އަޅުގަނޑަކަށް ނޭނގެ ދެން އަޅުގަނޑު ދާންވީ ކޮންތަނަކަށް ކަމެއް. އަޅުގަނޑު ރައީސް އޮފީހަށް ވެސް ވާނެ ސިޓީއެއް ލާފައި ރިޕޯޓާ އެކުގައި." ގިސްލަމުން އޭނާ ބުންޏެވެ.
ފަސް ކުދިންނާއެކު އެކަނި ދިރިއުޅެމުން އަންނަ ޝެހެނާޒް ބުނީ, އިންތިގާލީ އޮފީހުން އެ އާއިލާގެ އެތައް ޒާތީ މައުލޫމާތުތަކެއް ނަގާފައިވާ ކަމަށާއި އެހެންނަމަވެސް އެއްވެސް އިންސާފެއް ނުލިބުނު ކަމަށެވެ. މިއަދު އޭނާ ދާންވީ ކޮންތާކަށް ކަން ނޭނގޭ ކަމަށް ވެސް ބުންޏެވެ.
"ތިއީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް. މިއަދު އަޅުގަނޑު އާދޭސް ދަންނަވަން އޮތީ މަނިކުފާނު އަރިހުގައި. ކޮން އިރަކުންތޯ އަޅުގަނޑުމެންނަށް [އިންސާފު ލިބޭނީ] އަނެއްކާ ވެސް ފަސް އަހަރު އަޅުގަނޑު މަޑުކުރަންވީތޯ. މި ފަސް އަހަރުތެރޭގައި އަޅުގަނޑަށް އިންސާފު ލިބޭނެތޯ," ޝެހެނާޒް ބުންޏެވެ.
އެ ސުވާލަށް ޖަވާބުދެއްވުމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމާ މަޝްވަރާ ކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ, އިންތިގާލީ އިންސާފުގެ އޮފީސް އުވުނީ ސަރުކާރު ބަދަލުވުމުން ނޫން ކަމަށާއި އެއީ ގާނޫނު ހަދާފައި އޮތް ގޮތުން ވީ ކަމެއް ކަމަށެވެ. އެކަމާ ހިތާމަކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.
އިންތިގާލީ އިންސާފު އޮފީހުގެ ހުރިހާ ކޭސްތަކެއް އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ވެސް ބަލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މަޑުކުރާކަށް ނުޖެހޭނެ, ފަސް އަހަރުވަންދެން, އަޅުގަނޑު ދެންމެ ދެންނެވި އޯގާތެރި ވެރިކަމެއް ކުރާށޭ އަޅުގަނޑު އައީ ރައްޔިތުން އަޅުގަނޑާ ވެރިކަން ހަވާލުކުރީ. ތިކަމަށް ހައްލު ގެނެސްދޭނަން އިރާދަކުރެއްވިއްޔާ," ރައީސް ވިދާޅުވިއެވެ.
ޖަލު ބަންދުގައި ހުއްޓައި އޮކްޓޯބަރު 10، 2017 ވަނަ ދުވަހު، އަބްދުﷲ މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެ އުޅޭތާ އެތައް ދުވަހެއް ވީ ފަހުންނެވެ. ފަސް ކުދިންގެ ބައްޕަ އަބްދުﷲގެ އާއިލާ އިން ތުހުމަތު ކުރަނީ އޭނާ މަރުވުމުގެ ސަބަބަކީ އެކަށީގެންވާ ފަރުވާ ނުލިބި، ޖަލުގައި ބޭއްވުން ކަމަށެވެ.
ބްދުﷲ މަރުވިއިރު، އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ޖަލުގައި ހުންނަ މެޑިކަލް ސެންޓަރުން އޮކްޓޯބަރު 7، 2017 ގަ އެވެ. އެއަށް ފަހު އޮކްޓޯބަރު 9، 2017 ގައި އޭނާ އައިޖީއެމްއެޗަށް ގެންދިއުމާ ހަމައަށް ޖަލުން ތިން ފަހަރު ފަރުވާ ހޯދާފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލައިގައި އިހުމާލުވި މޯލްޑިވްސް ކަރެކްޝަންސްއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެޗްއާރުސީއެމުން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ. ނަމަވެސް ޕީޖީން ދައުވާ ނުކޮށް އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.
ދެންކޮބާތަ ؟ އަނިޔާ ލިބުނު މީހާގެ ހައްޤު ފުލުހެއްވީމާ އޭނާގެ ހައްގެއް ނެތް…