ޚަބަރު އިޖުތިމާޢީ ސަރުކާރު ސިޔާސީ

ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫޢެއް ނޮޅިވަރަންފަރުގައި ހިންގާނަން: ރައީސް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރަނގަޅު ފެންވަރުގެ ހައުސިންގ މަޝްރޫޢެއް ހދ. ނޮޅިވަރަންފަރުގައި ހިންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި  ނޮޅިވަރަންފަރުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ މި ފަސް އަހަރު ދުވަހަށް ބަހާލައިގެން 40،000 ހައުސިންގ ޔުނިޓް ގާއިމުކުރާއިރު އޭގެ ތެރޭގައި ހިމެނިގެން ރަނގަޅު ފެންވަރުގެ ހައުސިންގ މަޝްރޫޢެއް ނޮޅިވަރަންފަރުގައި ހިންގާނެ ކަމަށެވެ.

ހަމަ އެހެންމެ ނޮޅިވަރަންފަރަކީ އާބާދީ އެއްފަސްކުރުމުގައި މެދުރާސްތާ އަދި ދުރުރާސްތާގެ ޕްލޭނުގައިވެސް މުހިންމު ރަށެއްކަމުގައި ރައީސް ވިދާޅުވިއެވެ.

އެރަށުގެ ބަނދަރު ބޮޑުކޮށް ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ބަދަލުގެންނަވާނެ ކަމަށާއި، ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެން ޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރު ކުރުމާއި، ހަދަންޖެހޭ ގިނަ ޓެސްޓުތައް ހެދޭ ރަނގަޅު ފެންވަރުގެ ލެބޯޓްރީގެ ޚިދުމަތްދެވޭ ތަނަކަށް ރަށުގެ ޞިއްޙީ މަރުކަޒު ހެދުމަކީ ވަރަށް އިސްކަމެއްދެއްވާނެ ކަންތައްތައް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މަލްޓިޕަރޕަސް ހޯލާއި ބޭނުންވާ އެހެން ވަސީލަތްތަކާއެކު މުޅިން އައު ސްކޫލެއް ބިނާ ކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އިޤުތިޞާދު މެނޭޖު ކުރަމުންވެސް އެ މަނިކުފާނު ނޮޅިވަރަންފަރަށް ވަޢުދުވެވަޑައިގެންނެވި ހުރިހާކަމެއް ކުރިއަށް ގެންދަވާނެ ކަމުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!