ޚަބަރު

އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި ގޮނޑި ގެއްލެން ފުރުސަތު ނުދޭން ރައީސްގެ އިލްތިމާސެއް!

އައިކާ ޔުނާން ، ދެން އޮންލައިން
ކެމްޕޭނުގެ ޑޯޓުޑޯ ހަރާކާތެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ/ފޮޓޯ:ޕީޕީއެމް

ޕާޓީގެ އެތެރޭގައި ހުރި ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މުހިންމު ގޮނޑިތަކެއް ގެއްލުމުގެ ފުރުސަތު ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިލްތިމާސްކުރައްވައިފިއެވެ.

Ads by MWSC

ސަރުކާރު ހިންގާ ޕީއެންސީއިން ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ޔަޒްމީދު އަހުމަދުގެ ކެމްޕެއިނު ޖަލްސާ ގައި ރައީސް ވިދާޅުވީ, ހިޔާލުތަފާތުވުންތަކާއި ޒާތީ ތައައްސުބުން އެއް ފަރާތްވެ ޕާޓީ އާއި ގައުމަށްޓަކައި އެކައްޗެއް ކިޔައިގެން ސަރުކާރަށް މަޖިލިސް ކާމިޔާބު ކޮށްދޭން ޖެހޭ ކަމަށެވެ.

ނައިފަރު ދާއިރާއިން މިސާލު ނަންގަވައި ރައީސް ވިދާޅުވީ, ބައެއް ދާއިރާތަކުގައި ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓު ނޫން އެހެން ކެންޑިޑޭޓަކު ޕާޓީގެ ތެރެއިން ނިކުމެ ވަކިން ވާދަކުރުމުން އަބަދުވެސް ޕާޓިއަށް ލިބެން އޮންނަ ގޮނޑިއެއް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އެ ރަށުގެ ގޮނޑި އަޅުގަނޑުމެންގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުމެއްގެ ސަބަބުން ގެއްލި ހިނގައިދާނެ," ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ, މިވަގުތުން ފެށިގެން ޕާޓީގެ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށް, ނަމެއްގައި 'އިންނަ' ކެންޑިޑޭޓަކަށް އެމްޑީޕީއަށް އެ ގޮނޑި ނުދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް ތަކުރާރުކޮށް އެދިވަޑައިގެންނެވީ ސަރުކާރަށް މަޖިލިސް ކާމިޔާބުކޮށްދިނުމަށް އެންމެން އެކަތިގަނޑަކަށް ވުމަށެވެ.

"އަޅުގަނޑުމެން އެކަތިގަނޑަކަށް ވާންވީ. އަޅުގަނޑުމެންގެ ގައުމު ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ހިތުގައި އޮންނަންވީ ގައުމީ ލޯބި ގައުމީ ޖޯޝު ގައުމީ ރޫހު. އަމިއްލަ މަސްލަހަތު, އަމިއްލަ ބޭނުންތައް ހުންނާނެ ކޮންމެ މީހަކު ވެސް, އެކަންކަމަށް ބައެއް ފަހަރު ޖެހޭނީ ތިމާގެ ކިބައިން ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އިސްކޮށް ގައުމު ތިބާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލައި ކުރިއަށް ދާން, މިއީ އެ ވަގުތު," ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ, އެ ގޮތަށް ދިއުމުން ކުރިއެރުން ލިބޭނެ ކަމަށާއި އެއީ ދަރިންނަށްޓަކައި ކޮށްދެވޭ ހެޔޮ ކަމެއް ކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެވެން އޮތީ މަޖިލިސް ތެރެއިން ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި ރައީސް ވިދާޅުވީ, ނަމެއްގައި އިންނަ ކެންޑިޑެޓެއް ހޮވުމަކީ ކުރިއަށް އޮތް ފަސް އަހަރަށް "އެފޯޑު'' ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

Ads by HDC
  1. ހޮޅި

    ކައްޒާބުއާއި ޓިނު ޕުރޮފެސަރުއަށް އުމުރަށް ގައުމު އެއްކޮށް ދިނިއްޔާ ކިހިނެތްވާނެ. ރައީސް ޔާމީންގެ ފޮޓޯ ޖަހައިގެން ވެރިކަމަށް އައިސް އެމަނިކުފާނު ބަންދުގަ ބަހައްޓާފަ ޕާޓީ މެމްބަރުން މަގުމަތި ކޮށްފަ ލިބޭނެ ވޯޓެއްނެން.

  2. ދޫފަރިތަ

    ސަރުކާރަށް މެޖޯރިޓީ ދީގެން ރައްޔިތުންނަށް ފައިދާއެއް ވާނަމަ ވޭތުވެ ދިޔަ 5 އަހަރު ރާއްޖޭ އޮތީހީ މެދުއުޑަށް އުފުލާފައި… ސަރުކާރަށް މެޖޯރިޓީ ދިނީމާ ވާނީ ދަރަނި ބޮޑު…. ވާނީ ބަނގުރޫޓު…. ރައްޔިތުން ވާނީ ނިކަމެތި…. ސަރުކާރުގެ މަތިފަޑީގައި ތިއްބަވާ ބޭފުޅުންގެ ތިޖޫރި ވާނީ ބަރު… އެކައުންޓު ވާނީ ފުލް….