ޚަބަރު

ޕީއެންއެފް އުފައްދާ ޖަލްސާ މާދަމާ ރޭ، ހުއްދަ ނުދިނަސް ޔާމީން ބައިވެރިވާނެ!

އައިކާ ޔުނާން ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ އުފައްދަވާ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން މިރޭ ބާއްވަން އުޅުނު ޖަލްސާ މާދަމާ ރެއަށް ފަސްކޮށްފިއެވެ.

Ads by Sosun Fihaara

މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކުރީ ދައުލަތުގެ އެކި އިދާރާތަކުން ލިބެން ޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ވިދާޅުވެފައެވެ.

މަލީހު އެހެން ވިދާޅުވިއިރު, ޖަލްސާގައި ބައިވަރިވެވަޑައިގެންނެވުމުގެ ހުއްދަ އަށް، ގޭ ބަންދުގައި ހުންނެވި ޔާމީނު ވަނީ އެދިވަޑައިގަންނަވާފައެވެ. ނަމަވެސް އެ ހުއްދަ ދެވެން ނެތް ކަމަށް ކަރެކްޝަނުން ވަނީ ނިންމާފައެވެ.

ނަމަވެސް, ޖަލްސާއަށް އަލުން ތާރީހު އިއުލާނުކޮށް މަލީހު ވިދާޅުވީ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ ކަމެއް ނިންމަވަނީ ސީދާ ރައީސް ޔާމީން, ޖަލްސާ ބާއްވަނީ ކަމާ ގުޅޭ އިދާރާތަކުން ހަމަ ޖެހެން ޖެހޭ އިންތިޒާމުތައް ހަމަޖެހިގެން," މަލީހު ވިދާޅުވިއެވެ.

ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިއަދު ވެސް އިއުލާނުކުރެއްވިނަމަވެސް, ކަރެކްޝަންސް ނިންމުން ބަދަލުކޮށްފައި ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

މިދިޔަ ސަރުކާރުގެ ފަހުކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ޔާމީން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ލުއިތަކާއެކު ހުއްދަ ލިބެނީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އެކަންޏެވެ. އެހެންވެ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމުގެ ހުއްދައެެއްނޯވެއެވެ. ނަމަވެސް ޔާމީން ގެންދަަވަނީ ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެހެންވެ ދީފައިވާ ލުއިތައް ރިވިއު ކުރަމުންދާ ކަމަށް ކަރެކްޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ. ޕީއެންއެފްގެ މަސައްކަތް ފެއްޓެވުމަށް ފަހު ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުންނެވެ.

Ads by Ooredoo
  1. ޒާބިލް

    ސަރުކާރާ ދައލަތައްވުރެ ބާރުގަދަވެގެން އުޅޭނަމޭ ހިތާދޯ މީނަ މިއުޅެނީ! ގައުމު ހަލަބޮލިކުރާނެ ގޮތެއް ހޯދަނީ އުތަ؟