ދިމާވާ ކޮންމެފަހަރަކު "ހާދަ ހިއްކޭ" ކިޔައި ވެސް ތިޔަ ކުރެވެނީ މަލާމާތް!
އަޅުގަނޑުމެން ދިވެހިންގެ ކަށީގައި ހިފާފައިވާ އެއް އާދައަކީ މީހަކާ ބައްދަލުވާ ހިނދު އެމީހެއްގެ ހަށިގަނޑާ ބެހޭ ގޮތުން ސުވާލު ކުރުމެވެ. އެ ގޮތުން ހަމަ ގިނަ ފަހަރަށް މީހަކާ ދިމާވުމުން އަޑު އިވޭ އެކައްޗަކީ "ހާދަ ހިކިއްޖޭ ދޯ" ނުވަތަ "ހާދަ ފަލަވެއްޖޭ ދޭ" މި ބަސް ތަކެވެ. މި ބަސްތަކާ ކުރިމަތިލާން ނުޖެހޭ ދިވެއްސަކު މަދުވާނެކަން ޔަގީނެވެ. ކޮންމެއަކަސް މިހެން ބުނާ މީހާއަށް މިކަމަކީ މާ ބޮޑު ކަމަކަށް ނުވިކަމުގައި ވިޔަސް މީހަކާ ދިމާއަށް މިފަދަ އެއްޗެއް ބުނުމުން އެމީހަކު އެކަމާ ދޭތެރޭ ފިކުރު ކުރާނެއެވެ.
ބައެއް މީހުންނަށް ވިސްނޭ ގޮތުގައި މީހަކު ހަމައެކަނި ދެރަވާނީ ފަލައޭ ބުނުމުންނެވެ. ނަމަވެސް މީހަކާ ދިމާއަށް ހާދަ ހިއްކޭ ، ނުކަނީ ހޭ ބުނުމުން ވެސް ވަރަށް ދެރަވެދާނެއެވެ. އެކަމާމެދު ފަހުން ވިސްނާ ފިކުރު ކުރެވިދާނެއެވެ. އަދި އެހާ ހިކިކޮށް ހުންނަ ކަން މީހުންނަށް ފާހަގަ ވަނީ ހަމަ ހަގީގަތުގައި ވެސް އައިބު ވާ ވަރަށް ވެސް ހިކީތޯ އަމިއްލަ ނަފުސާ ސުވާލު ކުރެވޭނެއެވެ. އަދި އެހެން ވިސްނުމުން ފަލަވާން ބޭނުންވާނެއެވެ. އަދި ފަލަވުމަށް މަސައްކަތް ވެސް ކުރެވޭނެއެވެ.
ރާއްޖޭގެ ސުކޫލެއްގައި ތައުލީމު ހާސިލު ކުރަމުންދާ ކުއްޖަކު ބުނީ ހިކިކޮށް ހުންނާތީ އޭނާ އާއި ރައްޓެހިން ވަރަށް ދިމާކޮށް ހަދާ ކަމުގައެވެ. އެގޮތުން ވައިގަދަ ތާކަށް ގޮސްފިނަމަ ގައިގައި ހިފަހައްޓާ ވަޔާ އެއްލާލަފާނެ ކަމުގައި ބުނެ ދިމާކޮށް ހަދާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ބައެއް ފަހަރަށް އެކަމާ ވަރަށް ދެރަވާކަން ވެސް ފާހަގަ ކުރިއެވެ.
"ދެން ބައެއް ފަހަރަށް ދެރަވޭ ދޯ. އެނގޭ މަޖަލަށް ކަންވެސް ދިމާކުރަނީ އެކަމު ހިތަށް އަރާ އޮޑް ވާ ވަރަށް ހަމަ ހިކީ ބާވައޭ އަހަރެން. ދެން ވަރަށް ގިނައިން އަތުން މިން ވެސް ނަގާނެ ބޮޑުވައިއިނގިލި އަދި ޝަހާދަތް އިނގިލި އަޅުވާފަ. ދެން ބައެއް ފަހަރަށް ހީވޭ ހަމަ މަލާމާތް ކުރަނީ ހެންވެސް" އެކުއްޖާ އިތުރަށް ބުންޏެވެ.
ބައެއް މީހުންނަކީ ކިތަންމެ ވަރަކަށް ކޭ ނަމަވެސް ފަލަވާ މީހުންނެއް ނޫނެވެ. އެމީހުން ކާތަން ފެނުމުން މީހަކު ހައިރާން ވާނެއެވެ. ދަންވަރެއް މެންދަމެއް ބަލައިނުލާ އަބަދާއި އަބަދު ކެއުމައިގެން މަޝްއޫލުވެގެން އުޅޭ ބައެއް މީހުން ވެސް ފަލަ ނުވެއެވެ. އެއީ އެމީހުންގެ ކުށެއް ނޫންތާއެވެ. އަދި ހިކިކޮށް ހުރުމަކީ މައްސަލައެއް ވެސް ނޫންތާއެވެ.
ފެންނަ ކޮންމެ ފަހަރަކު ހިނިތުން ވެސް ނުވެ ހާދަ ހިއްކޭ ތިޔަ ބުނަނީ، ބުނާނެ އެހެން އެއްޗެއް ހަމަ ނޭނގޭތީ ހެއްޔެވެ. ނުވަތަ ހަމަ މަލާމާތްކޮށް ދެރަކޮށްލުމުގެ ނިޔަތުގައި ހެއްޔެވެ. ކުޑަކުޑަ ކަމަކަށް ހަދައި އަޅުގަނޑުމެންގެ މުޖުތަމައުގެ ގިނަ ބަޔަކު ކުރަމުންދާ މިކަންތަކަކީ ހަގީގަތުގައި ކުޑަ ކަމެއް ނޫނެވެ. ދިމާވާ ކޮންމެ ފަހަރަކުހެން ހާދަ ހިއްކޭ ހާދަ ފަލައޭ ކިޔާފައި ވެސް ތިޔަ ކުރެވެނީ ހަމަ މަލާމާތެވެ.
އެސްފީނާ ޖެހޭނެެެެެ ކަމެއް
އެއީ ހަމަ ހަސަދަވެރިކަން