ރައިސް ޑރ. މުޙައްމަދު މުޢިއްޒަކީ އަމިއްލަ ޕާޓީގެ އުސޫލުތަކާއި ހަމަތައް ވެސް ހިފަހައްޓާ ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެެވެ.
ތިމަރަފުށީ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވާ މީރާގެ ކުރީގެ ކޮމިޝަނަރު ފަތުހުﷲ ޖަމީލްގެ ކެމްޕޭނު ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ޞާލިޙް ވިދާޅުވީ އަމިއްލަ ޕާޓީގެ މެމްބަރުން ނިންމި ނިންމުންވެސް ރައީސް މުއިއްޒު ގަބޫލު ނުކުރައްވާ ކަމަށެވެ.
"މިއަދު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒަކީ އެ ޕާޓީގެ އެތެރޭގެ އުސޫލުތަކަށް ހަމަތައް ވެސް ހިފަހައްޓާ ބޭފުޅެއް ނޫން. މިރަށުން އެއޮތީ ސާފުކޮށް އެކަން ފެންނަން،" މިހެންނެވެ.
އެ ރަށުން އެކަން ވަރަށް ސާފުކޮށް ފެނިފައިވާ ކަމަށާއި އިންތިހާބެއް ބާއްވާ, ކެންޑިޑޭޓަކު ހޮވުމުން ވެސް ރައީސް އެކަން ޤަބޫލުނުކުރާ ކަމަށް ސޯލިހު ތުހުމަތުކުރެއްވިއެވެ.
"ޕްރައިމަރީން ކެންޑިޑޭޓަކު ހޮވިއްޖެ. ގަބޫލެއް ނުކުރި. ނޫން ނޫނެކޭ. ތިމަންނާ ބުނާ ގޮތަށޭ ކެންޑިޑޭޓުން ކަންކުރަން ޖެހޭނީ. ތިމަންނަ ބުނާ މީހެކޭ ކެންޑިޑޭޓަކަށް ވާންޖެހޭނީ. ރައްޔިތުން މަޖިލީހަށް އަންނަން ޖެހޭނީ. މި ފަދަ ބޭފުޅަކު ކޮން ގާނޫނަކަށްތޯ އަމަލުކުރައްވާނީ" ޞޯލިހު ވިދާޅުވިއެވެ.
ޞާލިޙް ވިދާޅުވީ މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ފެނިގެންދާނީ 2013 އިން 2018 އާ ހަމައަށް ފެނިގެންދިޔަ ބިރުވެރި މަންޒަރުތަކެއް ކަމަށާއި މިއީ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
ރައްޔިތުން ބޭނުންވާ ފަދަ އަމާން ވެއްޓެއް މި ގައުމަށް ގެނެވޭނީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށްވެސް ޞާލިޙް ވިދާޅުވިއެވެ.