ޕާޓީގެ ވިޕްލައިނުން ގައުމު ހަލާކު ކުރާ ބަޔަކު ހޮވައިގެން ނުވާނެ: ރައީސް
ޕާޓީއެއްގެ ވިޕްލައިނަކާ ހެދި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާ ބަޔަކު ހޮވައިގެން ގައުމަަށް ހަމަޖެހުން ނާންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މާލޭގައި ދިރިއުޅުއްވާ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކި ވާހަކަފުޅުގައި ރައީސް މިރޭ ވިދާޅުވީ, ސަރުކާރު ނޫން ކެންޑިޑޭޓުން ހޮވައިގެން މުހިންމު ކަމަކަށް ސަރުކާރުން ވޯޓަށް އަހާ ވަގުތު ޕާޓީއިން އެގޮތް ބޭނުން ނުވެގެން ވޯޓު ދޭން ހުރަސް އަޅާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ނަތީޖާ ނެރެން ބޭނުން ނަމަ ބޭނުންވަނީ ޕާޓީގެ ވިޕްލައިނަކާ ގުޅިގެން އެކަމަށް ހުރަސް ނާޅާނެ ކެންޑިޑޭޓުން ހޮވުމަށް ކަމަށެވެ.
ވޭތުވެދިޔަ މާޒީގައި އައްޑޫގައި 20 އަހަރު 15 އަހަރު 10 އަހަރު އެކި ބޭފުޅުންނަށް ފުރުސަތު ދީގެން މަޖިލީހުގައި ތަމްސީލް ކުރިނަމަވެސް ނަތީޖާ ނުނުކުންނަ ކަމަށާއި އެކަމާ އައްޑޫ ރައްޔިތުން ތިބީ މާޔޫސް ވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އައްޑޫއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ އިހުލާސްތެރިކަމާއެކު ނަތީޖާ ނެރެދޭނެ ބޭފުޅުން ކަމަށެވެ. އަދި, މި ވެރިކަމުގައި މާލެއާ އެއް ފެންވަރަށް އައްޑޫ ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވާ ވާހަކަ ރައީސް ތަކުރާރު ކުރެއްވިއެވެ.
"އަޅުގަނޑު ބޭނުން މާލެއާ އެއް ފެންވަރަށް އައްޑޫ ތަރައްގީކުރައްވަން. އެކަން ކޮށްދެއްވާނަން އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ތެރޭގައި," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ, އެކަން ކުރުމަށް މިހާރު ވެސް ގިނަ ކަންކަން ފެށިފައިވާ ކަމަށާއި ނަމަވެސް މަޖިލީހުގެ އެއްބާރުލުން ނުލިބުމުން ކަންކަން ކުރަން ދަތިތައް އެބަހުރި ކަމަށެވެ.
ރައީސް އެދިވަޑައިގެންނެވީ ކަންކަމުގެ ނަތީޖާ ނެރެދޭން އައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ސަރުކާރުގެ 93 ކެންޑިޑޭޓުން ހޮވައިދިނުމަށެވެ.
ވަރަށް ބާރު ސްޕީޑުގައި ރައްޔިތުން ބޭނުންވާ ފެންވަރަށް ހުރިހާ ކަމެއް ކޮށްދޭނަން މި ފަސް އަހަރު, އެހެންވީމާ އަޅުގަނޑުމެންގެ 93 ކެންޑިޑޭޓުން ހޮވައިދޭންވީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާދިއްތަ ދުވަހުގެ ވޯޓުގައި އިސްކުރަންވީ އަމިއްލަ ''އީގޯ'' އާއި އަމިއްލަ މަސްލަހަތު ނޫން ކަމަށާއި ފަހިކޮށްދޭންވީ ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ސަރުކާރެއް ހޮވާފައި އެކަން ފަހިކޮށްދޭނެ ފުރުސަތު ކަމަށެވެ.