ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ: ޔާމީން

މިއަދު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް އެޑްވާންޓޭޖް އެބައޮތް ކަމަށާއި، އެކަށީގެންވާ އަދަދަކަށް ގޮނޑި ލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ވޯޓު ލެއްވުމަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ދާއިރާތަކަށް ޕްރޮޖެކްޓްތަކާއި، މަޝްރޫއުތައް ހިންގުމަށާއި، ވަޒީފާތައް އުފައްދަން ވެސް ފަސޭހަވާނީ ވެރިކަމުގައި ތިބޭ ބަޔަކަށް ކަމަށެވެ. އެހެންކަމުން، އެކަށީގެންވާ އަދަދަކަށް ގޮނޑި ނެގިދާނެ ކަމަށެވެ.
"އިންތިޒާރު ކުރެވޭ ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ޔާމީން ވިދާޅުވީ، ކޮންމެހެން ސަރުކާރަށް މަޖިލިސް މެޖޯރިޓީ ލިބެން ނުޖެހޭ ކަމަށެވެ. ސަބަބަކީ، ސަރުކާރަކީ ވަކި މަސައްކަތެއް ކުރާ ބަޔަކަށްވެފައި، މަޖިލީހުގައި ވެސް ކުރަނީ ވަކި މަސައްކަތަކަށް ވާތީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރާއި އެއްކޮޅަށް މަޖިލިސް މެޖޯރިޓީ ނުލިބުމަކީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާ މެޖޯރިޓީ ކޮންމެ ބަޔަކަށް ލިބުނަސް ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.