ރިޕޯޓް ސިޔާސީ

އެމްޑީޕީ ދެފަޅިވުން: ރަން ރީނދޫ ލަޝްކަރު ބަލިކަށިވުމުގެ ސިއްރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި

ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ބައްދަލު ކުރިއިރު އެމްޑީޕީ އޮތީ ދެފަޅިއަށް ފަޅިވެފަ އެވެ. އެއް ފަޅީގައި ހުންނެވީ އެމްޑީޕީ މުށުތެރެއަށް ލައިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. ކުޑަ ފަޅި ހިއްޕަވައިގެން ދަ ޑިމޮކްރެޓްސް ހައްދަވަން ވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދެވެ. މި ދެބޭފުޅުންނަކީވެސް އެމްޑީޕީގެ ރަން ރީނދޫ ލަޝްކަރު ރުކުރުވިގެން އައިއިރު އެންމެ ކުރީ ސަފުގައި ތިއްބެވި ދެ ބޭފުޅުންނެވެ. އެހެންކަމުން ދެބޭފުޅުންވެސް ޕާޓީއަށް ވަރަށް މުހިންމެވެ.

Ads by Sosun Fihaara

މީގެ ކުރިންވެސް ރައީސް ނަޝީދާއި ދެކޮޅަށް ނިކުންނަވައިގެން ބައެއް ބޭފުޅުން އެމްޑީޕީއާއި ފެއަށް ޖެހުނެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު، އަލްހާން ފަހުމީމެންފަދަ ބޭބޭފުޅުން އެމްޑީޕީން ވަޑައިގެން އެހެން ސިޔާސީ ޕާޓީތަކާއި ބައިއަތު ހިފި އެވެ. އެއިން ކޮންމެ ފަހަރަކުވެސް ޕާޓީން ކޮންމެވެސް ބަޔަކު ސިޔާސީ މަސައްކަތާއި ދުރަށް ޖެހެ އެވެ. އެކަމަކު ޕާޓީގެ ރޫހަކަށް މާ ބޮޑު ބަދަލެއް ނައެވެ.

މިފަހަރު ވީ މުޅިން އެހެން ގޮތެކެވެ. އެމްޑީޕީއާއި ފެއަށް ޖެހިވަޑައިގަންނަވަން ޖެހުނީ ރައީސް ނަޝީދަށެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ޓިކެޓެއްގައި ރާއްޖޭގެ ވެރިކަން ކުރެއްވި ފުރަތަމަ ރައީސެވެ. އެމްޑީޕީއަށްޓަކައި އިސްލާހީ މަސައްކަތުގައި ކިސަޑާއި ވެލި ކާން ޖެހުނު ލީޑަރެވެ. މަގުމަތީގެ ހަރަކާތްތައް ހިންގާނެ ގޮތް އެމްޑީޕީއަށް ދަސްކޮށްދިން ވެރިޔާ އެވެ. ރައީސް ޞާލިހު ވެރިކަމުގައި ހުންނަވައި ބިޔަ ލަޝްކަރެއް ފަހަތްޕުޅުގައި އޮންނެވިކަމަށް ވިދާޅުވިއެއްކަމަކު ހަގީގަތުގައި އެމްޑީޕީގެ އެތެރެ އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ފެނުނީ މި މަންޒަރެވެ. ރައީސް ނަޝީދު މުޅިން އަލަށް އެމްޑީޕީއާއި ދެކޮޅަށް ކެމްޕެއިނެއް ހިންގެވި އެވެ. އެޕާޓީގެ ކެނޑިޑޭޓު ފަހަތަށް ޖައްސަވަން އެތައް މަސައްކަތެއް ކުރެއްވި އެވެ. އެމްޑީޕީގެ ހަތުރުންގެ މިތުރަކަށް ވެވަޑައިގެންނެވި އެވެ. ބޮޑު ޕާޓީއެއް އޮތެއް ކަމަކު ރައީސް ޞާލިހަކީ ރައީސް ނަޝީދަށްވުރެއް ސިޔާސީ ގޮތުން ތޫނުފިލި ބޭފުޅެކޭ ނުދެންނެވޭނެ އެވެ. ރައީސް ނަޝީދު ކުޅުއްވަމުން ގެންދެވީ އެއްކުޅި ކުރިއަށެވެ. އެމްޑީޕީ ރޫޅައިލާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ.

އެމްޑީޕީ ރޫޅެން ފެށިކަން އެންމެ ފުރަތަމަ ފެނިގެން ދިޔައީ ރިޔާސި އިންތިހާބުގަ އެވެ. ބޮޑު އަގުލަބިއްޔަތަކާއިއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޞާލިހު ވެރިކަމުން ފައިބައިވަޑައިގަންނަވަން ޖެހުނީ ހިތި ނަތީޖާއަކާއިއެކު އެވެ. ހުދު ރައީސް ޞާލިހުވެސް ގަބޫލު ކުރެއްވި ގޮތުގައި މި ނާކާމިޔާބީގެ ސިއްރަކީ ރައީސް ނަޝީދު އެމްޑީޕީއާއި ދުރަށް ޖެހިވަޑައިގެންނެވުމެވެ.

އެމްޑީޕީން އަދިވެސް މިކަން ގަބޫލުކުރާކަށް ބޭނުމެއް ނުވި އެވެ. މަޖިލިސް އިންތިހާބުގެ ކުރިން ރައީސް ނަޝީދާއި ރައީސް ޞާލިހާއި ދެމެދު ޖެހުނު މައްސަލަ ސުލްހަ ކުރާކަށްވެސް ބޭނުމެއް ނުވި އެވެ. އެހެންކަމުން ދެބޭފުޅުންވެސް ޕާޓީތަކުން ކެނޑިޑޭޓުން ނެރުނެވެ.

އެންމެ ހިތްދަތި ގޮތެއް މެދުވެރިވީ ރައީސް ނަޝީދަށެވެ. އެމަނިކުފާނު އެންޑޯޒް ކުރެއްވި ޑިމޮކްރެޓްސްގެ އެއްވެސް ކެނޑިޑޭޓަކަށް ކޮނޑި ކާމިޔާބެއް ނުކުރެވުނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، ހަސަން ލަތީފާއި، އިމްތިޔާޒު ފަހުމީފަދަ ބޭބޭފުޅުން ހިމެނެ އެވެ. މިއީ ހަގީގަތުގައި މިބޭފުޅުންގެ ސިޔާސީ ހަޔާތުގައި ސިއްކަ ޖެހުން ކަމުގައިވެސް ވެ ނިމިއްޖެ އެވެ.

އެމްޑީޕީއަށްވެސް ލިބުނީ އިންތިހާއަށް ހިތާމަވެރި ނާކާމިޔާބީ އެކެވެ. 80 އެތައް ކެނޑިޑޭޓުންނެއް ނެރުނު އިރު އޭގެ ތެރެއިން މަޖިލިސް ގޮނޑީގައި އިށީންނަން ފުރުސަތު ލިބުނީ އެންމެ 10 މެމްބަރުންނަށެވެ. މިއީ އެމްޑީޕީގެ މުޅި ސިޔާސީ ތާރީހުގައިވެސް މިވަރުގެ ބޮޑު ނާކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

އެމްޑީޕީ ބަލިކަށިވެގެން ދިޔުމުގެ ސިއްރަކީ ހަމައެކަނި ރައީސް ޞާލިހާއި ރައީސް ނަޝީދު އެކަންޏެއްވެސް ނޫނެވެ. އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުވެސް މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ އެވެ. ސަބަބަކީ މިފަހަރު އިންތިހާބާއި ކުރިމަތިލިއިރު ކުރިން އޮތް ސިޔާސީ ފޯރިއެއް އެޕާޓީގައި ނެތުމުންނެވެ. ކުރިން ބިޔަ ލަޝްކަރުތަކާއިއެކު މަގުތަކަށް ނިކުމެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހަރު ބޮޑަށް ފެނުނީ އެންޓި ކެމްޕެއިން ކުރި މަންޒަރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޖެއްސުން ކުރަމުން ދިޔަ މަންޒަރެވެ.

މިހާރު ހަގީގަތުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތެވެ. އެމްޑީޕީގައި އެ ހިތްވަރެއް، އެ ރޫހެއްވެސް ނެތެވެ. އެމްޑީޕީއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވަރުގަދަ އިދިކޮޅު ޕާޓީ އެވެ. އެހެންނަމަވެސް މިހާރު ފެންނަ ފެނުމަށް އެޕާޓީ ވަނީ ވަރަށް ބޮޑަށް ބަލިކަށި ވެފަ އެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީގެ މަގާމުވެސް އެމްޑީޕީއަށް ގެންލިދާނެކަމުގެ ބިރު އެބަ އޮތެވެ.

ދެން އުފެދޭ ސުވާލަކީ ރައީސް ޞާލިހާއި ރައީސް ނަޝީދު އެއް މޭޒެއްގެ ދޮށަށް ވަޑައިގެން ސުލްހަ ކުރައްވައިފާނެތޯ އުފެދޭ ސުވާލެވެ. މިކަން ވުމަށްވުރެއް ގާތީ ނުވުމެވެ. ސަބަބަކީ ސިޔާސީ ގޮތުން ރައީސް ޞާލިހު އެންމެ ބޮޑަށް ބަލިކަށި ކޮއްލީ ރައީސް ނަޝީދުކަމަށް ވުމެވެ. އަދި ރައީސް ނަޝީދުގެ މުޅި ސިޔާސީ ކެރިއަރުގައި ފުލުސްޓޮޕެއް ޖެހި ބޭފުޅަކީ ރައީސް ޞާލިހުކަމަށް ވުމެވެ. ކަން މިހެން އޮތަސް މީގެ ކުރިންވެސް އެމްޑީޕީގެ ފަރާތުން ސަޕްރައިޒްތަކާއި ކުރިމަތިލާން ޖެހިފައި އެބަ ހުއްޓެވެ. ޑިމޮކްރެޓްސް އުވާލައި މުޅި ލަޝްކަރު އަލުން އެމްޑީޕީގެ އެތެރޭގައި ރުކުރުވާލުމަކީ އެއް އިންސައްތައިން ނަމަވެސް ވެދާނެ ކަމެކެވެ.

އަވަސް ހައްލަކީ ކޮބައި ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި އަހަރެންގެ ހިޔާލަކީ އަވަސް ހައްލެއް ނެތޭ އެވެ. އަލުން ޕާޓީ އެކުލަވާލައި މުޅި ލީޑަޝިޕް މިވަނީ އާކުރަން ޖެހިފަ އެވެ. މިކަމަށްޓަކައި ޕްލޭންތައް ތައްޔާރުކޮށް ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި ސިޔާސީ މައިދާނަށް އެމްޑީޕީއަށް އާދެވިދާނެ އެވެ. ފަސްކުރަން އުޅެފިނަމަ ޕާޓީގެ ކުލަ މުޅިން ފޮހެވިގެން ހިނގައިދާނެ އެވެ.

ކޮންމެއަކަސް އެމްޑީޕީއަށް މިވަނީ ފަރުވާއަކަށް ބޭނުންވެފަ އެވެ. ކޮންމެވެސް ބަޔަކު އިސްނަގައިގެން އެޕާޓީގެ އެތެރެ މުޅިން މިވަނީ އިސްލާހު ކުރަން ޖެހިފަ އެވެ. ފަރުވާއަކީ ރައީސް ނަޝީދަށް ނުވެދާނެ އެވެ. އަދި ރައީސް ޞާލިހަށްވެސް ނުވެދާނެ އެވެ. ޕާޓީން މުޅިން އާ ލީޑަރެއް ދައްކައި ރައްޔިތުންގެ އިތުބާރު އަލުން އެޕާޓީން ހޯދުމުގެ މަސައްކަތް މިވަނީ ފަށަން ޖެހިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!