ޚަބަރު

އެމްޑީޕީން ބޭރުކޮށްލި އެސްޑީއެފް ބިލު އަލުން މަޖިލީހަށް ފޮނުވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ އިދާރާ/ ފޮޓޯ: ދެން

މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ބޭރުކޮށް (ސަރުކާރުގެ ސޮވެރިން ޑިވޮލޮޕްމެންޓް ބިލު) އަލުން 20 ވަނަ މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

Ads by MWSC

އެސްޑީއެފް ބިލު މަޖިލީހުން ބޭރުކޮށްލީ ތިން މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްނުވުމުން އެކަމުގެ ކަންބޮޑުވުން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ފާޅުކުރައްވާފައެވެ.

އެސްޑީއެފްގެ ބިލުގައިވާ ބުނާ ގޮތުން ސޮވެރިން ޑިވޮލޮޕްމެންޓް ފަންޑުގައި ހުންނަ ފައިސާ ބޭނުން ކުރެވޭނީ އެ ގާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިންނެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޗީފް ސްޕޯކްސްފާސަން ހީނާ ވަލީދު ވިދާޅުވީ ސަރުކާރުގެ ''ހަފްތާ-14'' ގައި ހިމެނޭ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން މަޖިލީހަށް ހުށަހަޅަންޖެހޭ މުހިންމު ޤާނޫނުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ޖިނާޢީ އަދުލުގެ ނިޒާމާއި، އިޖްތިމާޢީ ރައްކާތެރިކަމާއި، ހިންގުމުގެ ނިޒާމާ ގުޅޭ ޤާނޫނުތައް ހިމެނޭކަން ހީނާ ފާހަގަކުރެއްވިއެވެ.

''އެބަހުރި މަޖިލީސް ފެށުމާއި އެކު ހުށަހަޅަން ޖެހޭ މުހިއްމު ގާނޫނުތަކެއް، ހާއްސަ ގޮތެއްގައި ހަފްތާ 14 ގައި ހުށަހަޅަން ޖެހޭ މުހިއްމު ގާނޫނުތަކަށް އެބަހުރި އެއީ ބޯހިޔާވަހިކަން.، ޖިނާއި އަދުލު، ބިމާއި ބެހޭ ގާނޫނު، ރިއަލް ސްޓޭޓް ގާނޫނު، ކޮޕީރައިޓްސްގެ ގާނޫނަށް، ޕްރޮވެންޓިވް، އެސްޑީއެފްގެ ގާނޫނު، ކަފަލާތުގެ ގާނޫނަށް، ހަފްތާ14 ގައި ހުރި ގާނޫނުތަކަށް އަހައްމިއްޔަތު ކަމެއްދީގެން ހުށަހަޅާނީ'' ހީނާ ވިދާޅުވިއެވެ.

ކޮމެޓީ މަރުޙަލާގައި ތާށިވެފައި ހުރި ޤާނޫނުތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ބިމާ ބެހޭ ޤާނޫނު، ރިއަލް އެސްޓޭޓް ޤާނޫނު، ވިޔަފާރިއާ ބެހޭ ޤާނޫނާއި، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ޤާނޫނާއި، އާބަން ޑިވެލޮޕްމަންޓްގެ ޤާނޫނާއި، ކޮޕީ ރައިޓްސް ޤާނޫނަށް ހުށަހަޅާ އިސްލާޙާއި، ޕްރިވެންޓިވް ހެލްތު ކެއަރގެ ޤާނޫނަށް ހުށަހަޅާ އިސްލާޙުވެސް ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށްޓަކާ ގާތްގަނޑަކަށް 200 އެއްހާ ޤާނޫނު އެކުލަވާލަންޖެހޭކަން ފާހަގަކޮށް ހީނާ ވިދާޅުވީ އެ ޤާނޫނުތަކާއި އިސްލާހުތައް އަވަހަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް މި ދައުރުގައި ކުރާނެ ކަމަށެވެ.

އޭޕްރިލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ ލިބިފައެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީއެވެ. އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރިއިރު، އޭގެތެރެއިން ހަތް ބޭފުޅަކު މިހާރު ވަނީ ޕީއެންސީ އަށް ސޮއިކުރައްވާފައެވެ. އެއާއެކު މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 77 އަށް އަރާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!