ކޮވިޑް-19: މަތިވެރިން އިތުރު މީހަކު ބައްޔަށް ފައްސި ވެއްޖެ

އއ.މަތިވެރިން އިތުރު މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.
މަތިވެރި ކައުންސިލުގެ ރައީސް އިސްމާއިލް އާތިފް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން މިއަދު ކޮވިޑަށް ފައްސިވެފައިވަނީ އުމުރުން 21 އަހަރުގެ އަންހެނެއް ކަމަށެވެ.
"ފައްސި ވެފައި ވަނީ ވިހައިގެން ކަރަންޓީނުގައި ހުރި އަންހެނެއް. އޭނާގެ ކޮވިޑަށް ފައްސިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ސާމްޕަލްގެ ނަތީޖާ ލިބުމުން. އޭނާގެ ފިރިމީހާގެ ނަތީޖާ ނައްސި. ތުއްތު ދަރިފުޅުގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ" އާތިފް ވިދާޅުވިއެވެ.
އާތިފު ވިދާޅުވީ އެމީހުން ބައިތިއްބާފައި ތިބީ ކަރަންޓީނު ފެސިލިޓީއެއްގައެވެ.
މިއީ މަތިވެރިން ކޮވިޑަށް ފައްސިވީ ދެވަނަ މީހާ އެވެ. ކުރިން ފައްސި ވެފައިވަނީ އިންޑިއާ ރައްޔިތެކެވެ. އެރަށް މޮނީޓަރިންގ އަށް އަދި ނުލާ ކަމަށާއި އެހެން ނަމަވެސް އެޗްޕީއޭ އާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް އާތިފް ވިދާޅުވެފައިވެއެވެ.
އިއްޔެގެ ސާވެލެންސް ޑޭޓާއަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް މިބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 8،140 އަށް އަރާފައެވެ. އަދި ބަލިން ފަސޭހަވީ މީހުންގެ އަދަދު 5،338 އަށް އަރާފައިވެއެވެ. މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 29 މީހުންނެވެ.