އިސްލާމްދީނުގައި ނަފްސު ރައްކާތެރިކުރުމަށް ބޮޑު އަހައްމިއްޔަތެއް ދެއްވާފައިވޭ
ދިރިއުޅުމަކީ އިމްތިހާނެކެވެ. ދިރިއުޅުމުގެ މި އިމްތިހާނުގައި ހިތްނޭދޭ ހިތް ނުތަނަވަސްވާނެ ފަދަ އެތައް ކަމަކާވެސް ކުރިމަތިލާން ޖެހިދާނެއެވެ. ދެރަވެ ހިތާމަކުރަން ޖެހޭ އަދި ކެތްތެރިވާން ޖެހޭ ވަގުތުތަކާވެސް ކުރިމަތިލާން ޖެހޭނެކަން ޔަގީނެވެ. އަދި ދިމާވާ ކަންކަމުގައި އެކަކު އަނެކަކު ދެކެ ހިތްހަމަ ނުޖެހި ދެބަސްވާ ފަހަރުވެސް އަންނާނެ ކަން ޔަގީނެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައިވެސް ތިމާގެ އަމިއްލަ ނަފްސަށް ނުވަތަ އަނެކާއަށްވެސް ގެއްލުންވާފަދަ ކަންތައްތައް ކުރުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމެވެ.
މީސްތަކުންގެ ފުރާނަ ރައްކާތެރިކުރުމަށްވެސް އިސްލާމްދީނުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައި ވެއެވެ. މިގޮތުން، މީހެއްގެ ފުރާނައަށް ގެއްލުމެއްވެދާނެ އެންމެހާ ކަންތައްތައް ކުރުމާއި،އެފަދަ އެއްވެސްކަމަކަށް މަގުފަހިވެދާނޭ ކަންތައްތައް ކުރުން ޝަރުޢުގައި ވަނީ މަނާކުރެވިގެންނެވެ. އަދި މިކަންތައްތައް ބޮޑުވެގެންވާ ފާފަކަމުގައި ވަނީ ކަނޑައެޅިފައެވެ.
ނަފުސު ރައްކާތެރިކުރުމަށްޓަކައި ޝަރުޢުގައި ކަނޑަ އެޅިގެންވާ ކަންތައްތަކެއްވެއެވެ.އެގޮތުން ނަފްސަށް ގެއްލުންދިނުން ވަނީ ހަރާމްކުރައްވާފައެވެ.އަދި މީހަކު ޤަތުލުކުރުމަށް މަގުފަހިވާ އެންމެހާ ކަންތައްތައް ވަނީ މަނާ ކުރެވިގެންނެވެ.އަދި ޤިސާސް ހިފުން ވަނީ ޝަރުޢުކުރެވިގެންނެވެ.އަދި ޤަތުލުގެ ހުކުމް ތަންފީޒު ކުރެވޭނީ ކަށަވަރު ހެކި ސާބިތުކުރުމުންނެވެ. ޤަތުލުކުރުން ވާޖިބުވެފައިވާ މީހެއްގެ މައްޗަށް،އެހުކުމް ތަންފީޒުކޮށްފިނަމަ އެހެން ނަފުސަކަށް ގެއްލުން ލިބިދާނެކަމުގެ ބިރުއޮތްނަމަ، ހުކުމް ތަންފީޒުކުރުން ފަސްކުރެއެވެ.ޤިޞާސް ހިފަންވާ މީހާއަށް މަޢާފުދިނުން ވެސް ޝަރުޢުގައި ހިމެނިގެންވެއެވެ.އަދި ނަފްސަށް ގެއްލުންވާ ހާލަތުގައި، ހަރާމްކުރެވިފައިވާ އެއްޗެއްގެ މިންވަރެއް ބޭނުން ކުރުންވެސް ވަނީ ހުއްދަ ކުރެވިގެންނެވެ.ކަންމިހެން އޮތްއިރު އިސްލާމީ ޝަރުޢީ ނިޒާމުގައި ނަފްސު ރައްކާތެރިކުރުމަށް ދެއްވާފައިވާ އަހަންމިއްޔަތު ވަރަށް ރަނގަޅަށް ވެސް ދޭހަވެގެންދެއެވެ.
މިގޮތުން ﷲއަށް ޝަރީކުކުރުން ފިޔަވާ އެންމެ ބޮޑު ފާފައަކީ،ހައްޤަކާނުލާ މީހުން މެރުންކަން رسول الله صىل الله عليه وسلمގެ ބަސްފުޅުތަކުން ސާބިތުވެއެވެ.ހައްޤަކާނުލާ މީހުން މެރުމުގެ ނުބައިކަން ބަޔާންކުރައްވާ ކީރިތިވަންތަ މާތްﷲ ވަޙީކުރައްވާފައި ވެއެވެ.
﴿93﴾ وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا) މާނައީ:- އަދި،ޤަސްތު ގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.
އިސްލާމްދީނުގައި ތިމާގެ އަމިއްލަ ނަފްސަށް ގެއްލުންދިނުން ވެސް ވަނީ ހަރާމްކުރައްވާފައެވެ.އެހެނީ އަޅުގަނޑުމެންގެ ފުރާނައަކީވެސް ﷲ ސުބްހާނަހޫ ވަތަޢާލާގެ މިލްކެކެވެ.ވަގުތު ޖެހުމުން އެކަލާނގެ ހަޟްރަތަށް ގެންދަވާނެއެވެ.ނަފްސުގެ ހުރުމަތް ކެނޑޭ އެންމެހާ ކަންކަމާއި ފުރާނައަށް ގެއްލުން ލިބިދާނޭ ހުރިހާ ދޮރުތަކެއް އިސްލާމްދީން ބަންދު ކުރެއެވެ.