ވެރިން ބުނާ ގޮތަށް ކަންކަން ކުރާނަމަ މަޖިލީހުގައި އޮންނާނީ ސިޔާސީ ނުފޫޒު: އަފީފް
ވެރިން ބުނާ ގޮތަށް މަޖިލީހުން ކަންތައްތައް ކުރާނަމަ ހުރިހާ ކަމަކަށް ވެސް ސިޔާސީ ނުފޫޒު ފޯރާނެ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަފީފް ވިދާޅުވީ ފެހި ގާނޫން އަސާސީ އުފެއްދުމުގެ ބޭނުމަކީ މިނިވަން މުއައްސަސާތަކުގައި ތިބި ފަރާތްތައް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ފުރުސަތު ދިނުމައް ކަމަށެވެ.
“ނަމަވެސް މިނިވަން މުއައްސަސާތަކާއެކު މަސައްކަތް ކުރެވޭނީ އެ ފަރާތުން އެމީހުންނަކީ ގާނޫނަށް ތަބާވާން ޖެހޭ ބައެއް ކަމާއި އަދި އެމީހުންގެ މަސައްކަތް މިނިވަން ކަމާއެކު ކުރެވޭނީ ގާނޫނައް ތަބާވެގެން ކަމަށް ގަބޫލު ކުރެވިގެން” އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ ސިޔާސީ ނުފޫޒު ވަންނަނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށާއި އެކަން އެންމެ ބޮޑަށް ހިނގަނީ މަޖިލީހުގައި ކަމަށެވެ. މަޖިލީހަށް މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މަގާމްތަކުގައި ތިބޭ ބޭފުޅުން ވަކި ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށާއި މަޖިލީހުގެ މެމްބަރުން ވެސް މަސައްކަތް ކުރަން ޖެހޭނީ ޤައުމަށް އެންމެ ފައިދާވާނެ ގޮތުގެ މަތިން ކަމަށް އަފީފް ވިދާޅުވި އެވެ.
“ސިޔާސީ ވެރިން ބުނާ ގޮތަށް މިތަނުން ކަންތައްތައް ކުރަން ވެއްޖިއްޔާ އަޅުގަނޑުމެން މިބުނާ ސިޔާސީ ނުފޫޒު ހުރިހާ ކަމަކަށް ވެސް ވަންނާނެ” އަފީފް ވިދާޅުވި އެވެ.
ސަރުކާރުން އަނގާ ގޮތަށް ކަންތައްތައް ނުކުރުމަށް މަޖިލީހުގެ މެމްބަރުން ވިސްނަން ޖެހޭކަން ފާހަގަކޮށް އަފީގް ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި ތިބޭ މުވައްޒަފުންނަކީ ވަކި ގާނޫނަކަށް ތަބާވާން ޖެހޭ ބައެއް ކަމަށާއި އެއީ ސިޔާސީ ކަންކަމަށް ބޭނުންކުރަން ޖެހޭ މަގާމްތައް ނޫން ކަމަށް ވިސްނައިގެން ކުރިޔަށް ދާން ޖެހޭ ކަމަށެވެ.