ދީން

ގަޟާގަދަރަށް އީމާންވާ މީހަކު ދަތި އުނދަގޫކަމެއް ދިމާވުމުން ބަލިކަށިވެގެން ނުދާނެ: ޚުޠުބާ

  • އަޅުގަނޑުމެން އެންމެންނަކީ މުސްލިމުންނަށް ވާހިނދު އަޅުގަނޑުމެން އެންމެންވެސް އީމާންވާން ޖެހޭ 5 ކަމެއް އެބަވެއެވެ. އެ 5 ކަމަކަށް އީމާންވުމުން ނޫނީ އަޅުގަނޑުމެންގެ އީމާންތެރިކަން ފުރިހަމަ ނުވާނޭ ފަސް ކަމެކެވެ.
ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވާހިނދު އަޅުގަނޑުމެން އެންމެންވެސް އީމާންވާން ޖެހޭ 5 ކަމެއް އެބަވެއެވެ. އެއީ އެ 5 ކަމަކަށް އީމާންވުމުން ނޫނީ އަޅުގަނޑުމެންގެ އީމާންތެރިކަން ފުރިހަމަ ނުވާނޭ ފަސް ކަމެކެވެ.

Ads by STELCO

އެގޮތުން ސަލާމްލެއްވި ޖިބްރީލްގެފާނު ރަސޫލާގެ އަރިހުގައި އީމާންކަމަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެއީ ﷲ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި އަދި ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ." އެހެން ކަމުން މި ކަންކަމަކީ އީމާންކަމުގެ ރުކުންތަކެވެ. އެއިން ރުކުނެއް ދޫކޮށްލައިފިމީހާ ފުރިހަމަ ގޮތުގައި އީމާންވި ކަމުގައި ނުވާނެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައި ވަނީ "މިންވަރަށް އީމާންވުން" މި މައުޟޫއުގެ މައްޗަށެވެ. އެގޮތުން ގަޟާގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ވޭތަކުރަމުން ދާނީ ހިތްހަމަ ޖެހުމާއެކުގައި ކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށާއި އަދި ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނޭކަން ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޚުތުބާގައި ބުނެފައިވަނީ މިންވަރަށް އީމާންވުމުގެ ސަބަބުން ސުވަރުގެ ލިބުމަށް މަގުފަހިވެގެންދާ ކަމަށެވެ. އަދި ހަމަ އެހެންމެ ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިގޮތަށް އީމާންވެ، އަޤީދާ ވަރުގަދަ ކޮށްފި މީހާގެ ހަށިގަނޑާއި ގުނަވަންތަކުން އެކަން ފައުޅުވެގެން ދާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުން އިމްތިހާން ކުރައްވާނެ ކަމަށް އަންގަވާފައިވާ ކަމަށާއި އަދި މި އިމްތިހާނުން ކާމިޔާބު ލިބޭނީ ގަޟާގަދަރަށް ރުހިގެން ތިބޭ ކެތްތެރިންނަށް ކަންވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މާތް ﷲ އަކީ އެންމެ މޮޅަށް ބައްލަވާ އަދި އެންމެ މޮޅަށް އައްސަވާ ވޮޑިގެންވާ އިލާހުކަން ވެސް މިއަދުގެ ހުތުބާގައި ވަނީ ހަނދާން ކޮށްދެއްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!