ހުޅުމާލޭގެ އެކި ސަރަހައްދުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އަންގައިފި
ހުޅުމާލޭގެ 1 ވަނަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ނެތި ބަހައްޓާފައިތަކެތި 30 ދުވަސް ތެރޭގައި ނެގުމަށާއި، ހުޅުމާލޭގެ 2 ވަ ފިޔަވައްސާއި 3 ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އަންގައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިނާއީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދިގު މުއްދަތަކަށް ތަކެތި ބަހައްޓަމުން ދިއުމުގެ ސަބަބުން އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެގޮތަށް ތަކެތި ބަހައްޓާފައިވާ ތަންތަނުގައި މަދިރި އާލާވާގޮތަށް ހުރުމުން ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަދަ އެ ތަންތަން ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.
އެހެންކަމުން ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ތަކެތި ވީހާވެސް އަވަހަކަށް ނަގައި ސާފުކޮށްދިނުމަށް އެ ކޯޕަރޭޝަނުން އެދެ އެވެ. އަދި ކަނޑައެޅިފައި ވާ މުއްދަތުގައި ނުނަގާ ހުންނަ ތަކެއްޗަކީ ވެރި ފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި، އެ ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ބަޔާނުގައި ބުންޏެވެ. އަ
އަދި މި މަސައްކަތުގައި ތަކެއްޗަށް ނުވަތަ ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަން ވެސް ދަންނަވަމެވެ.
މީގެ އިތުރުން ހުޅުމާލޭގެ 2 ވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްތައް ފެށުމަށްޓަކައި، ބިން ހުސްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، ހުޅުމާލޭގެ 2 ވަނަ އަދހި 3 ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ތަކެތި ބަހައްޓައިގެން ބޭނުން ކުރުމަކީ މަނާކަމެއް ކަމާއި، އެގޮތަށް ބިންތައް ބޭނުން ކުރާ ފަރާތްތަކުން އަންނަ ޖޫން މަހުގެ ހަތެއްގެ ކުރިން އެފަދަ ތަކެތި ނަގައި ބިން ސާފުކޮށްދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
ހުޅުމާލެ ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމްކޮށް، ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީގެ ފަރާތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.