ޚަބަރު އިޖުތިމާޢީ

ސަރުކާރުން ކަނޑައެޅި އަގުތަކަށް އަމަލެއް ނުކުރާނަން: ޓެކްސީ ޑްރައިވަރުން

އަލީ ސަމާޙް ، ދެން އޮންލައިން

މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތައް ކުރެެވޭނެ ކަމަށް ސަރުކާރުން އިއްޔެ ކަނޑައެޅި އަގުތަކަށް އަމަލު ނުކުރާނެ ކަމަށް ޓެކްސީ ޑްރައިވަރުން މިއަދު ބުނެފި އެވެ.

Ads by STELCO

އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީން އަގު ކަނޑައެޅީ ހަ ފަސެންޖަރުން ނުވަތަ އެއަށްވުރެ ގިނަ ފަސެންޖަރު އަރުވައިގެން ޓެކްސީ ކުރެވޭ އަގުތަކެވެ. އެ އަގުތަކަށް އިއްޔެއިން ފެށިގެން އަމަލުކުރަން އަންގައި، ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައި އެވެ.

އެކަމުގައި ކަންބޮޑުވުން އޮތަތީވެ ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ ޑްރައިވަރުންގެ ހިޔާލާއި މަޝްވަރާ ނުހޯދާ ޓެކްސީގެ އަގުތައް ކަނޑައެޅުމެވެ.

ޕްރެސް ގައި ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރުން ބުނީ ގިނަ ޓެކްސީތަކަކީ ބޭންކުން ލޯނު ނަގައިގެން ގަނެފައިވާ ޓެކްސީތަކަށްވާއިރު އަގުތައް ކޮންޓްރޯލް ކުރުމުން ޑްރައިވަރުންނަށް ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭނެ ކަމަށެވެ. އަދި އެ ނިންމުމަކީ ޑްރައިވަރުން 'ބިކަ' ވެގެން ދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.

ޑްރައިވަރުން ބުނީ ޓެކްސީގެ ދަތުރުތަކުގެ އަގުތައް ނޫން އެހެން ހުރިހާ އަގެއް ކަނޑައެޅުމުގެ ބާރު ސަރުކާރުން އޮންނަނީ އެބައެއްގެ އަތް މައްޗަށް ދޫކޮށްލާފައިވާ ކަމަށެވެ.

''އަޅުގަނޑުމެންގެ އަގު ހަމައެކަނި ކޮންޓްރޯލް ކުރާތީ މިއީ ކަންބޮޑުވުމެއް'' ޑްރައިވަރުން ސުވާލު އުފެއްދި އެވެ.

... އަޅުގަނޑުމެން މި ވަގުތު ހުރިހާ ޑްރައިވަރުންގެ ފަރާތުން މި އެދޭ އެންމެ ބޮޑު އެދުމަކީ އަޅުގަނޑުމެން އަގުތައް ކޮންޓްރޯލް ކުރުމުގެ ކުރިން އަޅުގަނޑުމެން ބޯ މައްޗަށް އެބަހުއްޓޭ އެއަށްވުރެ މާ އަސާސީ ހައްގުތަކެއް އެ އަސާސީ ހައްގުތައް ކޮންޓްރޯލް ކުރުމަށް ފަހު އަޅުގަނޑުމެންގެ ހައްގުތައް ކޮންޓްރޯލްކުރާށޭ

ޑްރައިވަރުން، ޓްރާންސްޕޯޓަށް ގޮވާލީ އަގުތައް މުރާޖާ ކުރުމަށެވެ. އަގުތަކަށް ބަދަލު ނުގެންނަހާ ހިނދަކު އަމަލުނުކުރާނެ ކަމަށް ބުންޏެވެ.

''ސަރުކާރުން ނެރެފައިވާ ނޫސް ބަޔާން، މިއޮތް އަގުތައް މުޅި އަގުތައް މުރާޖާ ނުކޮށް އަޅުގަނޑުމެން މިތިބީ މި އަށް އަމަލުކުރާ ގޮތަކަށް ނޫން'' ޑްރައިވަރުން ބުންޏެވެ.

އެ ޕްރެސްގައި ވާހަކަ ދެއްކި ޑްރައިވަރު، އިބްރާހިމް ޝަމީމް ބުނީ ވޭން ދަތުރުތަކުގެ އަގު 40 ޕަސެންޓް ކުޑަކޮށްފައިވާއިރު ސަރުކާރުން ޓެކްސީ ނިޒާމުގެ ތެރެއަަށް ވަދެފައިވާ ކަމަށެވެ. ސަރުކާރު ހިއްސާވާ އެމްޓީސީސީން ގިނަ އަދަދެއްގެ ކާރުތައް ކުއްޔަށް ނަގައިގެން އެއާޕޯޓުން ދަތުރުތައް ނަގަން ފަށާފައިވާ ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

''އަޅުގަނޑަށް އެނގިފައެއް ނެތް، އެމްޓީސީސީން ޓެކްސީ ދަތުރު ފެށިއިރު އެއިން އެއްވެސް (ހުއްދަ) ވަސީލަތެއް ހަމަކުރެވިފައި ހުރި ކަމަށް. އެކަމަކު މިއަދު ދަނީ އެއާޕޯޓް ޓެކްސީ ކިއުއަށް އަރައި ދަތުރުކުރަމުން'' ޝަމީމް ބުންޏެވެ.

  1. ގޮދާ ހަސަނު

    ސަރުކާރެއް އޮވެގެން ޤާނޫނު ތަކަކާއި ޤަވާއިދު ތަކެއް ހަދައިގެން މި އުޅެން ޖެހެނީ އެމީހަކު ބޭނުންހާ ގޮތަކަށް އުޅުމުގެ މިނިވަންކަން އޮންނަން ނުޖެހޭތީ، މިނިވަން ކަމުގެވެސް ހައްދެއް އޮންނަން ޖެހޭ.