ޚަބަރު އިޖުތިމާޢީ

ޑެންގީ، ޗިކުންގުންޔާ އަދި ޒިކާ ވައިރަސްވެސް ފެތުރެނީ، ސަމާލުވޭ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލޭގެ މަގެއްގެ މަތި

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައެއް ބަލިތައް މި ދުވަސްވަރު އާންމުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

Ads by Sosun Fihaara

މޯލްޑިވްސް ރެޑް ކްރެސެންޓުން މިއަދު ވަނީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އާންމުވަމުން ދާތީ ހޭލުންތެރިކުރުވުމުގެ ގޮތުން ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެވީޑިއޯގައި މި ބަލިތަކާއި ގުޅޭގޮތުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އެގޮތުން ފައިސަލް ވިދާޅުވީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ރާއްޖޭގައި އިތުރުވަމުންދާ ކަމަށެވެ. އެގޮތުން، ޑެންގީ ހުމާއި ޗިކުންގުންޔާ އަދި ޒިކާ ވައިރަސް ފެތުރޭކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ބަލިތައް ޖެހުމުން އާންމުގޮތެއްގައި ފެންނަނީ ވައިރަލް ހުމުގެ އަލާމާތްތައްކަމަށް ޑޮކްޓަރު ފާހަގަކުރެއްވި އެވެ. ޒިކާ ވައިރަސް ޖެހުމުން ގިނަ މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެނެ އެވެ. އެހެންނަމަވެސް މަދު މީހެއްގެ ގައިން ރަތް ކުލައިގެ ކުދި ބިހިތަކެއް ނެގުމާއިއެކު ލޯ ރަތްވުމާއި ގައިގައި ރިއްސުންފަދަ އަލާމާތްތައް ފެނެ އެވެ.

މި ވައިރަސްގެ ސަބަބުން މައިގަނޑު ގޮތެއްގައި އަސަރު ކުރަނީ މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ކުޑަ ދަރިފުޅަށެވެ. ޒިކާގެ ވައްތަރުތަކުގެ ސަބަބުން ގިނަ ފަހަރަށް ކުއްޖާ އުފަންވާއިރު ހުންނަ އައިބުތައް ވަރަށް ބޮޑަށް ފެންނަ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ. ހާއްސަކޮށް ޒިކާ ވައިރަސްގެ ސަބަބުން ކުއްޖާގެ ބޮލުގެ އައިބުތައް ފެންނަކަމަށް ވިދާޅުވި އެވެ.

ޑޮކްޓަރު ވަނީ މަދިރިން ސަލާމަތްވުމަށް އެތަކެތި އުފެދޭ ތަންތަން ރަނގަޅަށް ނައްތައިލަން އިލްތިމާސްކޮށްފަ އެވެ. އެގޮތުން ފެން ހަރުލާފައި ހުންނަ ތަންތަނުގެ ފެން އޮއްސާލުމަށްފަހު ފެންފަށަލަތަކުގައި އުފެދިފައި ހުންނަ މަދިރި ބިސްތައް ރަނގަޅަށް ނައްތައިލުމަށް ފައިސަލް އެދިލެއްވި އެވެ.

ފެން ފަށަލައިގައި ހަ މަހާއި 12 މަހާއި ދޭތެރޭ ބިސް ހަރުލާފައި ހުރެ އެވެ. މިގޮތަށް ހަރުލާފައި ހުންނަ ބިހަށް ފެން ލިބުމުން ހަފްތާއެއްގެ ތެރޭގައި މަދިރި އުފެދެ އެވެ.

ޑރ. ފައިސަލް ވަނީ މަދިރި ހެފުމުން ރައްކާތެރިވުމަށް، މަދިރި ލޯޝަން ބޭނުންކުރުމާއި މަދިރި ގިނަވާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އިލްތިމާސްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!