ވައިރަލްވި ވީޑީއޯގައި ފެންނަ ހެލްމެޓް ނާޅާ ސައިކަލް ދުއްވި ދެ މީހުން ޖޫރިމަނާކޮށްފި
ހުޅުމާލެ ހުޅުލެ ހައިވޭގައި ހެލްމެޓު ނާޅައި ސައިކަލް ދުއްވި ބަޔަކު ޖޫރިމަނާކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ދެމީހުން ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި ދެމީހުން ވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށާއި ތިމާއާއި އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށް ގާނޫނާއި ގަވާއިދާ ހިލާފުވާފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހައިވޭގައި ދެ މީހަކު ހެލްމެޓް ނާޅައި ސައިކަލް ދުއްވާފައި ދަނިކޮށް މީހަކު ވަނީ އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން އެމީހުން ސައިކަލުގައި ދުއްވާފައި ދިޔައީ ވަރަށް ބާރަށް ކަމަށާއި، އެމީހުންނަށް ހެލްމެޓު އަޅަން މީހަކު ހަނދާންކޮށްދިނުމުން އެމީހާގެ ކަންކަށި މަތީގައި ޖަހާފައި ދިޔަ ކަމަށެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން އެމީހުން ދަތުރުކުރީ މާލެއިން ހުޅުމާލެ އަށެވެ.