ރައީސް ރައީސީ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއިއެކު: ރައީސް މުއިއްޒު

އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ރައީސީ އާއި އީރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ އަވަހާރަވީ އެ ދެބޭފުޅުން ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާ އެއްގަ އެވެ. ހެލިކޮޕްޓަރު ފެނުނުއިރު ހެލިކޮޕްޓަރު ވަނީ އެއްކޮށް އަނދައިފަ އެވެ.
މިހާދިސާއާއި ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ރައީސް ރައީސީ އާއި މިނިސްޓަރު އަބްދުﷲ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއިއެކު ކަމަށެވެ. އަދި މި ބަދުނަސީބު ހާދިސާގައި ފުރާނަ ގެއްލުނު ދެބޭފުޅުންނަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ފުން ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިންގެ ވިސްނުމާއި ދުއާ ވަނީ ދެ ބޭފުޅުންގެ އާއިލާއާއި އީރާނުގެ ރައްޔިތުންނާއި އެކުގައި ކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އީރާނުގެ ރައީސް ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައި އޮއްވައި ފެނުނީ ތުރުކީގެ ޑްރޯންއަކަށެވެ. ފެނުނުތާ ގާތްގަނޑަކަށް 15 ގަޑިއިރު ފަހުން ރެސްކިއު ޓީމުތަކަށް އެހިސާބަށް ދެވުނު އިރު ހެލިކޮޕްޓަރު ވަނީ މުޅިން އަނދައިފަ އެވެ. އަދި ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް އީރާނުގެ ގައުމީ ޓީވީން ވަނީ ބުނެފަ އެވެ.
އީރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ލީޑަރުން ދަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.