ދީން

ވިޔަފާރިވެރީންނޭވެ! ތިޔަށްވުރެ މާ ބޮޑު އަގެއްގައި ތިޔަ މުދާތައް ވިއްކާލެވެން އެބައޮތެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ﷲ ތަޢާލާ އިންސާނުން އިމްތިހާން ކުރައްވަނީ އެކި ބީދައިންނެވެ. ހައިހޫނުކަމާއި ދަތި ޙާލަތްތައް ކުރިމަތި ކުރައްވައި މީސްތަކުން އިމްތިހާނު ކުރައްވައެވެ. ހަމައެހެންމެ މުއްސަދިކަމާއި މުދާވެރިކަން އިތުރު ކުރެއްވުމަކީ ވެސް އެއިލާހުގެ އިމްތިހާންކަން ކަށަވަރެވެ. ބުއްދިވެރިއަކީ އެއިލާހުގެ ޙަޟްރަތުގައި ހުއްޓިހުންނަށް ޖެހޭ ދުވަހާ މެދު ވިސްނާމީހާއެވެ. ތިމާއަށް ލިބުނު މުދާވެރިކަމުގެ ހަމަ ކޮންމެ ހިސާބެއް ، އެންމެ ލާރިއެއްގެ ފަރަގެއް ނެތި ބެއްލެވޭނެކަން ކަށަވަރު ކުރާ މީހާއެވެ.

Ads by STELCO

ނަމަވެސް ހިތާމައަކީ ބައެއް ވިޔަފާރިވެރިންނަކީ ޙާލަތާއި ވަގުތު ފާއިދާ ނާޖާއިޒު ގޮތުގައި ނަގާ މީހުންނަށް ވުމެވެ. މާކެޓިންއާއި ޕްރޮމޯޝަންގެ ނަމުގައި ދޮގު މަޢުލޫމާތާއި ދޮގު ހެކިދީ މުދާ ވިއްކާ މީހުން އަހަރެމެންގެ މިކުޑަ  މުޖުތަމަޢުގައި ވެސް މަދީކީ ނޫނެވެ.

އެފަދަ ވިޔަފާރިވެރީންނެވެ. އިޙްސާންތެރިވެ ލައްވާށެވެ. ނުފުދޭ ޙާލުގައި ތިބާ ވަނިކޮށް ﷲ ތިބާއަށް މުއްސަދިކަން ދެއްވި ފަދައިން ކުރީގެ ޙާލަތަށް ތިބާ ރުޖޫޢަ ކުރެއްވުމަށް ވެސް އެއިލާހު ކުޅަދުންވަންތައެވެ. އެއިލާހުގެ މަގުގައި ހޭދަ ކުރައްވާށެވެ. ﷲ ތިބާގެ ވިޔަފާރީގައި ބަރަކާތް ލައްވާނެތެވެ.

މިއީ ވިޔަފާރިވެރީންނަށް ޢިބްރަތުން ފުރިގެންވާ ދަރުހެކެވެ.

މީލާދީ ސަނަތުން 640 ވަނަ އަހަރު މަދީނާއަށް ވާރޭ ނުވެހި ހަނަފަސްކަން ދިގުލައިގެން ދިޔައެވެ. ގަސްތައް ހިކި ހަލާކުވިއެވެ. ޒައިތޫނި ގަސްތަކުގެ ގޮފިތައް ހުސްވެ ،ތީނި ގަސްތަކުގައި މޭވާ އެޅުން ހުއްޓުނެވެ. މީސްތަކުންނާއި ނަޢަމް ސޫފިތައް ކާނޭ އެއްޗެހި ހުސްވެ ދިރިތިބުމަށް ޓަކައި ގަސްގަހުގެ ފަތް ކައިގެން ތިބުން ނޫން ގޮތެއް މަދީނަގެ އަހުލުވެރީންގެ ކުރިމަތީގައި ނެތެވެ.

ހާންތިވެގެން އެތައް ބަޔަކު މަރުވެގެން ހިނގައިދާނެކަމުގެ ބިރުވެރިކަން އިންތިހާއަށް ފެތުރިގެން ދިޔައެވެ. މި ޙާލަތުގައި ވަނިކޮށް 1000 ޖަމަލުގެ ބިޔަބޮޑު ވިޔަފާރި ގާފިލާއެއް ދިމިސްގުން މަދީނާއަށް އަންނަ ޚަބަރު މީސްތަކުންނަށް ލިބުނެވެ. އެފަދަ ޙާލެއްގައި މީސްތަކުން ވާނެ އުފާ ހިތަށް ގެންނަވާށެވެ. ކޮންމެ ޖަމަލެއް ކާބޯތަކެތިން ބަރާ ކުރެވިފައިވާ، ކޮޅާކޮޅު ނުފެންނަ ބޮޑު ގާފިލާއެކެވެ. މިގާފިލާއަކީ ޞާލިޙް ތަޤްވާވެރި ވިޔަފާރިވެރިއެއްގެ ގާފިލާއެކެވެ. އެ ވިޔަފާރިވެރިއަކީ އޯގާތެރި ކުލުނުވެރި ދީލަތި ބޭކަލެކެވެ.

އިސާހިތަކު މަދީނާގެ ވިޔަފާރިވެރިން ވިޔަފާރި ގާފިލާތައް އަންނަތަނަށް ދިޔައެވެ. އަދި އެމީހުންގެ ފިހާރަތަކުގައި ވިއްކުމަށް ގާފިލާއިން މުދާ ގަތުމަށް ހުށަހެޅިއެވެ.

ޙާލަތަކީ އެ ވިޔަފާރި ގާފިލާއަށް ފަހި، ނުހަނު ބޮޑު މަންފާއެއް ލިބޭނެ ޙާލަތެކެވެ. ކިތަންމެ އަގު ބޮޑުކޮށް ނަމަވެސް މަދީނާގެ ވިޔަފާރިވެރީންނަށް އެގާފިލާއިން މުދާ ގަތުން ނޫން ގޮތެއް ނެތެވެ. އެގާފިލާއަށް ވެސް މިކަން ރަނގަޅަށް އެނގެއެވެ.

މަދީނާގެ ވިޔަފާރިވެރިން އަގު ހުށަހަޅަމުން ގެންދިޔައެވެ. އެހެން ނަމަވެސް ގާފިލާގެ އިސްވެރިޔާ އެ އަގަށް އިންކާރު ކުރައްވައި ކޮންމެ ފަހަރަކު ވެސް ވިދާޅުވަނީ އެއް ވާހަކައެކެވެ.

''ތިޔަށްވުރެ ބޮޑު އަގަކަށް ވިއްކާލެވެން ތިމަންނާއަށް އެބައޮތެވެ."

މި ޖަވާބާއެކު ވިޔަފާރިވެރިން މަތީ އަގުތައް ހުށަހަޅަމުން ގެންދިޔައެވެ. އެންމެފަހުން ޔަގީނުން ވެސް ދެން ވިއްކާނެ ކަމަށް ބަލާ ، އަގުގެ ފަސްގުނަ މަތީ އަގެއް ހުށަހެޅިއެވެ. އެހެން ނަމަވެސް ގާފިލާގެ އިސްވެރިޔާ އެ އަގަށް ވެސް ވިއްކުމަށް އިންކާރު ކުރައްވާ ވިދާޅުވިއެވެ.

''ތިޔަބައި މީހުންނަށް މިތަކެތި ވިއްކޭކަށެއް ނެތެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާ ދެއްވަން ވަޢުދު ކުރެއްވި އަގު މާ ބޮޑެވެ. އެއިލާހުގެ މަގުގައި ހޭދަ ކުރެވޭ އެއްޗެއްގެ ބަދަލު އެތައް ގުނައަކުން ދެއްވާނެކަމަށް އެއިލާހު އެންގެވިއެވެ."

އެއަށްފަހު 1000 ޖަމަލުގައި ބަރާ ކުރެވިފައިވާ މުދާ ހައިހޫނުކަމުގައި ތިބި މަދީނާގެ އަހުލުވެރިންނަށް ،، ﷲގެ މަގުގައި ޞަދަޤާތް ކުރެއްވިއެވެ. ސުބުޙާނަﷲ!

މި ދީލަތި ވިޔަފާރިވެރިއަކީ ކޮންބޭކަލެއްތޯއެވެ. އެއީ އުއްމަތުގެ ތިންވަނަ ޚަލީފާ ޢުޘްމާން ބުން ޢައްފާނެވެ. ﷲ ތަޢާލާ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އަހުލުވެރިންނަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އާމީން!

ލޮބުވެތި ވިޔަފާރިވެރީންނެވެ! މިފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލް ކުރައްވާށެވެ. ﷲ ހުއްދަ ކުރެއްވި ގޮތުގައި ތިޔަބައިމީހުން ވިޔަފާރި ކުރައްވާށެވެ. އެއިލާހުގެ މަގުގައި ހޭދަ ކުރައްވަން ފަސްޖެހި ވަޑައިނުގަންނަވާށެވެ. މުޅި ގައުމަށް ދިމާވެފައިމިވާ މުޞީބާތުގެ ޙާލަތުގައި ތިޔަބައިމީހުންގެ ދީލަތިކަން އިސްކުރައްވާށެވެ. އަނިޔާވެރިވެ ނުލައްވާށެވެ.

  1. މާލޭގައި މޭވާ ގެ ގޮތުގައި ވިއްކަނީ ރަންރިހި، މާލޭގައި ގިނަވާނީ ވެސް ރަން ރިހި ވިއްކާ ކަޑަތަށް !