ފްލައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން ގަމަށް އޮތް ފްލައިޓް ކެންސަލްކޮށްފި

ފްލައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން ގަމަށް އޮތް ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.
މޯލްޑިވިއަނުން ބުނީ ޓެކްނިކަލް މައްސަަލައެއް ދިމާވެފައިވަނީ އޭ320 ބޯޓަށް ކަމަށެވެ. އެ މައްސަލަ ހައްލުކޮށް އަލުން ދަތުރު ފެށުމަަށް މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. ދިމާވީ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
"އަޅުގަނޑުމެންގެ އޭ320 ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މިއަދުގެ ގަން ފްލައިޓް ކެންސެލް ކުރެވިފައިވާ ވާހަކަ ހިތާމައާއިއެކު ދަންނަވަން. އަޅުގަނޑުމެންގެ ޓީމުން މި މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން. މިގޮތުން ލިބޭ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން" މޯލްޑިވިއަނުން ބުންޏެވެ.
މި ދަތުރު ކެންސަލްކޮށްފައިވާއިރު މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓްތަކުގެ ދަތުރުތަކަށް ބަދަލުތަކެއް އަތުވެދާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ވެސް ވަނީ ބުނެފަ އެވެ.