ޚަބަރު އިޖުތިމާޢީ

"މަރު ހެރޮއިން" ރާއްޖޭގައި ދައުރުވަނީ، އެއީ ކޮން އެއްޗެއް؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޗައިނާ ވައިޓް ނަމަކަށް ކިޔާ މަސްތުވާ ބާވަތެއް ރާއްޖޭގައި ދައުރުވަނީ

ނިމިދިޔަ ހަފްތާ ރާއްޖޭގައި ނުރައްކާތެރި މަސްތުވާ ބާވަތެއް ދައުރުވަމުން ދާތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ބުނެފަ އެވެ. "ޗައިނާ ވައިޓް" ގެ ނަމުން ނަން ދީފައިވާ މި މަސްތުވާ ބާވަތް ބޭނުންކުރި ދެމީހަކު އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދިންކަންވެސް ވަނީ އެނގިފަ އެވެ. އެމީހުން ޑޮކްޓަރަށް ދައްކަން ދިޔައީ ސީރިއަސް އިންފެކްޝަނެއް މެދުވެރިވެގެންނެވެ. ބެލިބެލުމުން އެމީހުން ޗައިނާ ވައިޓް ބޭނުންކޮށްފައިވާކަން އެނގިފައިވާކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުން މައުލޫމާތު ދެއްވަ އެވެ.

Ads by MWSC

"ޗައިނާ ވައިޓް" އަކީ ތަދު ކަނޑުވަން އުފެއްދި ބޭހެކެވެ. އެހެންނަމަވެސް މި ބޭހުގެ ބާރު ގަދަކަމުން ގިނަ ގައުމުތަކުގައި މި ބޭސް ބޭނުން ކުރުން މުޅިން މަނަ އެވެ. އެހެންނަމަވެސް ވަރަށް މަދު ހާއްސަ ހާލަތެއްގައި ޗައިނާ ވައިޓް ބޭނުން ކުރެ އެވެ. މި ބޭހަށް އެކި ވައްތަރުގެ މޮޑިފިކޭޝަން ގެނަސްގެން މަސްތުވުމަށް ބޭނުން ކުރެ އެވެ.

މިއީ ހެރޮއިންގެ ބާވަތެކެވެ. އޭގައި ފެންޓަނައިލް ކިޔާ މާއްދާއެއް އެކުލެވެ އެވެ. މީގައި ކުލައެއް، ވަހެއް ނުކުރެ އެވެ. މި ބާވަތް ބޭނުން ކުރުމުން "ސުޕަ ހައި" އެއް ހަށިގަނޑުގައި އުފައްދަ އެވެ. މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށްވުރެއް 100 ގުނަ މި ބާވަތުގައި ބާރު ގަދަ އެވެ. ތިލަކޮށް ދަންނަވާނަމަ މަގުމަތީގައި "ޒޮމްބީ" ހެދިފައި ތިބޭ މީހުން އެ ނަގާ މަސްތުވާ ބާވަތަށްވުރެއް މި ބާވަތް 100 ގުނަ ބާރު ގަދަ އެވެ.

މި ބޭސް ސިއްހީ ފަރުވާއަށް ބޭނުން ކުރަނީ ވަރަށް ހާއްސަ ހާލަތެއްގަ އެވެ. މިސާލަކަށް ކެންސަރު ބަލީގެ ފަހު ސްޓޭޖުގައި ނުވަތަ މަރުގެ ތުންފަތް މަތީގައި ތިބޭ ބަލި މީހުންނަށް ކެތް ނުކުރެވޭވަރަށް ވޭން އެޅުމުން މި ބޭހުގެ ވަރަށް ކުޑަ މިންވަރެއް ދެ އެވެ. މަސްތުވާން ބޭނުން ކުރަނީ މި ބޭހަށް ހެރޮއިން އިތުރުކޮށްގެންނެވެ.

އެމެރިކާގެ ޑްރަގް އެންފޯސްމެންޓް އެޑްމިނިސްޓްރޭޝަނުން (ޑީއީއޭ) ބުނެފައިވަނީ މި ބާވަތް ބޭނުން ކުރާ މީހުންގެ ހިތުގެ ވިންދު އަވަސްވުމުގެ ސަބަބުން ނޭވާ ލާން އުނދަގޫވާން މެދުވެރިވާ ކަމަށެވެ. އަދި ބޭހުގެ ބާރު ހަށިގަނޑަށް ކެތް ނުވާ މިންވަރަށް އިތުރުވުމުގެ ސަބަބުން އޯވަ ޑޯޒްވާކަމަށްވެ އެވެ. ވަރަށް ކުޑަ މިންވަރެއް ބޭނުން ކުރިކަމުގައި ވިޔަސް މިގޮތަށް މެދުވެރިވެފައި އެބަ ހުރިކަމަށް ޑީއީއޭއިން ބުނެ އެވެ.

ޗައިނާ ވައިޓް ޑްރަގު އެކި ނަންނަމުގައި ދައުރު ކުރަމުން ދެ އެވެ. މި ބާވަތަށް ކިޔާ އެހެން ނަންތަކުގެ ތެރޭގައި "ބަޑް ލައިޓް"، "ތެރަފްލޫ" އަދި "އިންކަމް ޓެކްސް" ވެސް ހިމެނެ އެވެ. އެމެރިކާގައި މި ބާވަތް އާންމުވެފައިވާއިރު އޯވަޑޯޒްވެގެން މަރުވާ މީހުންގެ އަދަދުވެސް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މި މަސްތުވާ ބާވަތް ބޭނންކުރުމުގެ ސަބަބުން އަހަރެއްގެ ތެރޭގައި 3000 އާއި ގާތްކުރާ އަދަދަކަށް ހަމައެކަނި ނިއުޔޯކުން މީހުން މަރުވެފައިވާކަމަށް ސާވޭތަކުން ދައްކަ އެވެ. މިއީ ހަމައެކަނި ރިޕޯޓު ކުރެވުނު މިންވަރެވެ. އަދި މިއީ އޯވަޑޯޒްވެގެން މަރުވި މީހުންގެ އަދަދެވެ.

ޗައިނާ ވައިޓްގެ ހުރިހާ ސައިޑް އެފެކްޓުތައް އަދި ދެނެ ނުގަނެވެ އެވެ. ބާޒާރުގައި ދައުރުކުރާ މަސްތުވާ ބާވަތްތަކަށް ކޮންމެ އަހަރަކުހެން އެކި ބަދަލުތައް ގެނެ އެވެ. މަސްތުވާ މީހުންގެ މެދުގައި ޗައިނާ ވައިޓު އާންމުވާން ފެށީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު މި ބާވަތަށް ބޮޑެތި ބަދަލުތަކެއް ގެނަސް ބާރުވެސް ވަނީ ގަދަކޮށްފަ އެވެ.

ރާއްޖޭގައި ޗައިނާ ވައިޓު މީގެ ކުރިން އާންމެއް ނޫނެވެ. މިބާވަތް އިތުރުވަމުން ދާކަމަށް ރިޕޯޓުކޮށްފައި މިވަނީވެސް މިދިޔަ ހަފްތާ އެވެ. ރާއްޖޭގައި އާންމުކަމަށް ރިޕޯޓުތައް ބުނާ ހެރޮއިން، މެތަމްފެޓަމައިން (ކްރިސްޓަލް މެތު)، މެތީލެނެޑިއޮކްސީމެތަމްފެޓަމައިން (އެމްޑީއެމްއޭ) ފަދަ މަސްތުވާ ބާވަތްތަކަށްވުރެއް ޗައިނާ ވައިޓް ނުރައްކަލެވެ. އެމެރިކާގެ ޑީއީއޭ އިން ސިފަ ކުރާ ގޮތުގައި މިއީ "ކިލާ ހެރޮއިން" ނުވަތަ "މަރު ހެރޮއިން" އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!