ޚަބަރު

 މިނިވަންކަމަށް އުނިކަން ލިބޭ ގޮތަށް ހިނގާފައި ހުރިކަންކަން 241 ކޮމިޓީން ބަލަން ޖެހޭ: އަޒާން

އައިކާ ޔުނާން ، ދެން އޮންލައިން

ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އުނިކަން ލިބޭ ގޮތަށް މިދިޔަ ފަސް އަހަރު ތެރޭގައި ހުރި ކަންކަން ތަހުގީގުކޮށް މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބަލަން ޖެހޭ ކަމަށް އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މި ދައުރުގައި 241 ކޮމިޓީގެ މަސައްކަތްތައް ބައްޓަން ކުރާނެ ގޮތް ރޭވުމަށް މިއަދު ވަނީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރަން ރައްޔިތުން ބޭނުންވި މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އަސަރު ކުރާ ކަންކަން ހިނގުން ކަމަށެވެ.

ރައްޔިތުން ވެރިކަން ބަދަލުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރެއްވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ގިނަ ކަންތައްތަކެއް ހިނގާފައި ހުރި ކަންކަން ބަލައި, އެކަން އެގޮތަށް ނުވާނޭ ގޮތަށް ކަށަވަރު ކުރުން ކަމަށް އަޒާން ވިދާޅުވި އެވެ.

ސަރުކާރަށް އައުމަށް އެއިރު އިދިކޮޅު ފަރާތްތަކުން ދައްކާފައިވާ ވާހަކަތައް ބަލައި ތަހުގީގުކުރަން ޖެހޭ ކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާން ވަނީ ސިޔާދަތާއި މިނިވަންކަމަށް އުނިކަން ލިބޭ ގޮތަށް ހިނގާފައި ހުރި ކަންކަން ބަލައި, 241 ކޮމިޓީގެ މަސައްކަތްތައް ބައްޓަން ކުރުމުގައި އެފަދަ މައްސަލަތަކަށް އިސްކަން ދިނުމަށް އެދިވަޑައިގެންފައެވެ.

ނިމިދިޔަ ސަރުކާރުން ޤައުމީ ސަލާމަތަށް ނުރައްކާ ގޮތަށް އަވައްޓެރި އިންޑިއާއެކު އެއްބަސްވުންތަކެއް ހަދާފައިވާކަމަށް އިދިކޮޅުގައި އޭރުއޮތް މިހާރުގެ ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ. ވެރިކަަމުގެ އެންމެ ބޮޑު ވައުދެއްގެ ގޮތުގައި މި ސަރުކާރުން ދައްކަމުން އައި ވާހަކައަކީ އެފަދަ އެއްބަސްވުުންތައް ބާތިލް ކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!