ބޮލީވުޑް އޭޝިއާ މުނިފޫހިފިލުވުން ދުނިޔެ

ކަންގަނާ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަތަލާ ކަންގަނާ ރަނައުއަތު

އިންޑިއާގެ އާންމު އިންތިހާބު، ލޮކް ސަބާ ގައި ވާދަކުރި ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު އިންތިހާބުވެއްޖެ އެވެ.

Ads by WAMCO
Ads by Sosun Fihaara

އޭނާ ވާދަކުރީ ގާނޫނު ހަދާ މަޖިލީހުގެ، ހިމާޗަލް ޕްރަދޭސްގައި އޮންނަ މަންޑީ ކިޔާ ދާއިރާއެއްގެ ގޮނޑި އަށެވެ. އިންޑިއާގައި ބަރުލަމާނީ ނިޒާމެއް އޮންނާތީ ސަރުކާރު އެކުލަވައިލަނީ ގާނޫނު ހަދާ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ލިބޭ ޕާޓީންނެވެ.

ކަންގަނާ ވާދަކުރީ މިފަހަރުގެ އިންތިހާބުގައި މެޖޯރިޓީ ލިބުނު ބީޖޭޕީގެ ޓިކެޓުގަ އެވެ. ކޮންގްރެސް ޕާޓީގެ ވިކްރަމަދިތިޔަ ސިންގްއާއި ވާދަކޮށް 74،000 ވޯޓުން ކުރި ހޯދައިގެން ކަންގަނާ ގޮނޑި ކާމިޔާބު ކުރިއިރު، ވުކްރަމަދިތިޔަ އަކީ ބާރުގަދަ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މެމްބަރެއްކަންވެސް ފާހަގަކޮށްލެވެ އެވެ.

މިފަހަރުގެ އިންތިހާބުގައި ބީޖޭޕީއަށް އެކަނި މެޖޯރިޓީ ނެގޭ ގޮތެއް ނުވި އެވެ. މެޖޯރިޓީ ލިބުނީ އެޕާޓީން ހަދާފައިވާ ކޯލިޝަނަށެވެ. މެޖޯރިޓީ ލިބެނީ 272 ގޮނޑި ކާމިޔާބު ކޮށްގެންނެވެ. ބިޖޭޕީން މައި ޕާޓީގެ ގޮތުގައި ހަރަކާތްތެރިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ވަނީ ޖުމްލަ 292 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ތިންވަނަ ދައުރަކަށް ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމަށް އިންތިހާބުވެފައިވާއިރު އިދިކޮޅުން ވާދަކުރީ ރާހުލް ގާންދީ އެވެ. އޭނާއަށް ތާއީދު ބޮޑުކަމުން މޯދީއަށް ލިބޭނެކަމަށް ބެލެވުނު ގިނަ ގޮނޑިތަކެއް މިފަހަރުގެ އިންތިހާބުގައި ގެއްލުނެވެ.

ކަންގަނާ މަޖިލީހަށް އިންތިހާބުވުމާއިއެކު ބޮލީވުޑް މަސައްކަތްތަކުން ދުރަށް ދާނެކަމަށް އޮތީ ބެލެވިފަ އެވެ. އެހެންނަމަވެސް މަސައްކަތް ނިންމާފައި އޮތް ފިލްމެއް މިއަހަރު ރިލީޒް ވާނެ އެވެ. އެއީ ކަންގަނާ ލީޑް ރޯލުން ފެންނަ "އެމަޖެންސީ" އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!