އެމްޑީޕީ އެކްސްޕަޔާވެއްޖެ، ތާއިދެއް ނުކުރާނަން: ޔާމީން
މިހާރު އިދިކޮޅުގެ މައި ޕާޓީ, އެމްޑީޕިއަށް އެއްވެސް އިރަކު ތާއީދު ނުކުރައްވާ ކަމަށާއި, އަދި ނުވެސް ކުރައްވާނެ ކަމަށް ކުރީގެ ރައީސް, ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ދަރިކަލުން އިސްވެ ހުންނަވާ އުފައްދަވާފައިވާ, ޕީއެންއެފްއިން މިރޭ ބޭއްވި ޖަލްސާގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ, ޕީއެންއެފްގެ ފިކުރާއި އެމްޑީޕީގެ ފިކުރަކީ އެއް ފިކުރެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ނެތިން އެމްޑީޕީއަށް ތާއީދު ކުރާކަށް. އަޅުގަނޑުމެންނަކީ އެމްޑީޕީ ފިކުރުގެ ބައެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޕާޓީން މިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ބައެއް ކެނޑިޑޭޓުންނަށް ތާއީދު ކުރުމާއި ގުޅިގެން އެކަން ތަކުރާރު ވާނެތޯ ސުވާލު ކުރެއްވުމުން ރައީސް ޔާމީން ވިދާޅުވީ, އެމަނިކުފާނު ތާއީދު ކުރެއްވި ހަމައެކަނި އެމްޑީޕީ ކެނޑިޑޭޓަކީ ކެލާ ދާއިރާއަށް އެމްޑީޕީން ވާދަ ކުރެއްވި އަޙްމަދު ޣާލިބު ކަމަށެވެ. އެކަން ކުރެއްވީ, ޣާލިބަކީ އަސްލު އެމްޑީޕީ ކެނޑިޑޭޓަކަށް ނުވާތީ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
އިތުރު އެމްޑީޕީ ކެނޑިޑޭޓަކަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް, އެމްޑީޕީގެ ޓިކެޓްގައި ފުވައްމުލަކު ދެކެނު ދާއިރާއަށް ކުރިމަތިލެއްވި ކުރީގެ ޔޫތް މިނިސްޓަރު މަޙްލޫފްގެ އަނބިކަބަލުން ނަޒޫއަށް ޕީއެންއެފް އިން ވަނީ ތާއީދުކޮށް އެކަން އިންތިޚާބުގެ ތެރޭގައި ހާމަކޮށްފައެވެ.
ރައީސް ޔާމީންގެ ވާހަކަފުގައި އިތުރަށް ވިދާޅުވީ, އެމްޑީޕީން އެމަނިކުފާނާ ދޭތެރޭގައި ކަން ކުރެއްވި ގޮތް ހަނދާނުގައި އެބަހުރި ކަމަށެވެ.
"ކީއްކުރަންތޯ އެމްޑީޕީ މީހުންނަށް ތާއީދު ކުރަންވީ. އެ މީހުން ދެއްތޯ އަޅުގަނޑު ހުރަ ގޭގައި ގެންގުޅުނީ. އެ މީހުން ދެއްތޯ އަޅުގަނޑުގެ އިންތިޚާބީ އެލިޖިބިލިޓީ ނަގާލީ" އަދި އެމްޑީޕީއަކީ މިހާރު އޮތް ބައެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"އެމްޑީޕީ އެބައޮތްތޯ ރާއްޖޭގައި, ނެތޭ, އެއީ އެކްޕަޔާޑް ފޯސް އެކޭ. އެ މީހުނެއް ނެތޭ މިއަދު. އަޅުގަނޑު އެ މީހުންނަށް ތާއީދެއް ނުކުރާނަން. މުޅި މިތަނުގެ އަޚްލާޤް ހަލާކުކޮށްލި ބަޔަކީ އެއީ ދެއްތޯ, އެއްވެ އުޅުމުގެ މިނިވަންކަމާއި, ހުރިހާ ކަމެއް ދޭނަމޭ ކިޔާފައި ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުން ހަލާކޮށްލި ބަޔަކީ އެ މީހުން ނޫންތޯ. ކީއްވެގެންތޯ މިކަންކަން އަޅުގަނޑުމެންގެ ހަނދާނުން ކައްސާލައިގެން ދާންވީ.
ގިނަ ދުވަސްތަކަކަށްފަހު މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ދެ ގަޑިއިރު ވަންދެން ވާހަކަފުޅު ދައްކަވާފައެވެ. އަދި ވާހަކައިގެ ތެރެއިން ނޫސްވެރިންނާއި, ބައްދަލުވުމުގެ ބައިވެރިންނަށް ސުވާލު ކުރުމަށް ވަނީ ފުރުސަތު ދެއްވާފައެވެ.