ޚަބަރު

 4000 ފަހަރު ގެންގޮސްގެން ވެސް ވަގުން ނުހިފެހެއްޓުނީ ކޯޓުތަކާ ހެދި 

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފުލުސް އޮފިސަރަކު މަގުމަތީގައި ހަރަކާތްތެރިވަނީ/ ފޮޓޯ: ޕޮލިސް

މާލެ ތެރޭގައި އާއްމުގޮތެއްގައި ވައްކަން ކުރަމުން އަންނަ 46 ވަގަކު ދެނެގަނެވެފައިވާ ކަމަށާއި ނަމަވެސް ކޯޓުތަކުން ޤާނޫނު މާނަ ކުރުމުގައި އަރާ ފުށުއެރުންތަކެއްގެ ސަބަބުން އެފަދަ މީހުންނަށް އަދަބާއި ރިހެބްލިޓޭޓް ނުކުރެވޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު, ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ދެއްކެވި ވާހަކަފުޅުގައި އިޙްސާން ވިދާޅުވީ, މާލެ ތެރޭގައި އާއްމުކޮށް ވައްކަން ކުރަމުން އަންނަ 46 މީހަކާ އެކި ފަހަރު މަތިން ފުލުހުން ހުއްޓުވައިފި ކަމަށެވެ.

"ވަަައްކަން ކުރާ މީހުންގެ ތެރޭގައި ނޮޓޯރިއަސްކޮށް މާލޭގައި ވައްކަން ކުރާ 45 މީހަކު އެބައުޅޭ. މި 45 މީހުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 4000 ފަހަރު ފުލުހުން ވަނީ އިންޓަރެކްޓް ވެފައި.  ބައެއް މީހުން ހައްޔަރަށް ގެނެވިފައި, އަނެއް ބައިފަހަރު ނަސޭހަތް ދެވިފައި." މިނިސްޓަރު ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ, މިފަދަ މައްސަލަތަކުގައި ހައްޔަރަށް ގެންނަ ފަރާތްތަކާމެދު ކަންތައް ކުރަންވީ ގޮތް ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިނުވާތީ, އެފަދަ ފަރާތްތަކަށް މުޖުތަމައުގެ ތެރެއަށް ދޫވާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު މިފަދަ ފަރާތްތަކުގެ ޔޫރިން ޑްރަގްއަށް ޕޮޒިޓިވްވުމުން ޑްރަގް ކޯޓަށް ގެންދިއުމުން, އެއީ ކްރިމިނަލް މައްސަލައެއް ކަމަށް ބުނެ ދޫކޮށްލާ ކަމަށާއި, ޑްރަގް ކޯޓުން އެއީ ޑްރަގް މައްސަލައެއް ކަމަށް ބުނާ ކަމަށް ވެސް ވިދާޅުވިއެވެ.

"މީގެ މައްސަލައަކީ ޔޫރިން ޕްޒިޓިވް ވެގެން ޑްރަގް ކޯޓަށް ގެންދިޔައީމަ ބުނާނެ ތިއީ ކްރިމިނަލް މައްލައެކޭ ޤާނޫނުގައި ސާފުކޮށް ބުނަން ޖެހޭ ކަންތައް ކުރަންވީ ގޮތް" މިނިސްޓަރު ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ, ޤާނޫނީ މިފަދަ އޮޅުންތަކާހުރެ ފުލުހުންގެ ބެލުމުގެ ދަށުގައި އެންމެ ގިނަ ވެގެން އެފަދަ ފަރާތްތައް ބެހެއްޓެނީ 24 ގަޑިއިރު ކަމަށެވެ.

އިޙްސާން އިތުރަށް ވިދާޅުވީ މިފަހުން ވަގުންގެ މައްސަލަ ބޮޑުވެގެން 46 މީހުންގެ ތެރެއިން 21 މީހަކު މޮނިޓަރުކޮށް 10 މީހަކު ޑްރަގް ފަރުވާއަށް ލާފައިވާ ކަަމަށެވެ. އަދި 4 މީހަކު އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު 7 މީހަކު ހޯދަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އިޙްސާން ވިދާޅުވީ މި 21 މީހުން މުޖުތަމައުން އެކަހެރި ކުރުމުން އެކަން އިނގިގެންދާނެ ކަމަށެވެ.

  1. ދޮހިކަރު

    މިހާރު ދެން ގާނޫނު ބަދަލު ކުރެވޭނެތާ..