ރިޕޯޓް ސިޔާސީ

ހަވާސާއިން ބޭރުން: އަޒާން މަސައްކަތް ކުރައްވަނީ މިނިވަންކަމާއެެކު

  • އިންޑިއާއާ އަޅައިގަނެގެން ނޫޅެން، ގުޅުން ރަނގަޅު
  • މެމްބަރުންނަށް ރައީސް މުއިއްޒު އޮތީ މިނިވަންކަން ދެއްވާފައި
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މެމްބަރު އަހުމަދު އަޒާން ދެން އޮންލައިންގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ

ދެން އޮންލައިންގެ ފުރަތަމަ ޕޮޑްކާސްޓު ޝޯ ރޭ 9:30 ގައި ވަނީ ސްޓްރީމް ކޮށްފަ އެވެ. މި ޝޯވގައި މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އެވެ. ރޭގެ ޝޯވގައި އަޒާން ވަނީ ހައްސާސީ ގިނަ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

Ads by Sosun Fihaara

އެގޮތުން އެންމެ ފާހަގަކޮށްލެވުނީ ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ވާހަކަތަކުގެ އިތރުުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކެވެ. މިވާހަކަތަށް ތަފްސީލީ ގޮތެއްގައި ބަލައިލާނަމެވެ.

އިންޑިއާ ސިފައިންގެ މައްސަލަައިގައި ސަރުކާރުން ހޯދީ ޑިޕްލޮމެޓިކް ހައްލެއް

އަޒާން ނޫސްވެރިއެއްގެ ގޮތުގައި ކުރިން އުޅުއްވިއިރު އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތަފްސީލުތައް އާންމުންނަށް ތިލަކުރެއްވުމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިފައިންގެ މައްސަލަ ހައްލު ކުރުމުގެ ރިޔާސީ ވައުދާއިއެކު އެވެ. މިވަގުތު އަޒާން ހުންނެވީ ސަރުކާރު މެމްބަރެއްގެ ގޮތުގައިކަމުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއިމެދު އަޒާންގެ ހިޔާލު ހޯދައިލީމެވެ.

"މިހާރު ކުރިން އޮތް ހާލަތަކީ ތިން އެއްބަސްވުމެއްގެ ދަށުން (އިންޑިއާއިން) ރާއްޖޭގައި ތިން އުޅަނދެއް އޮޕަރޭޓު ކުރަމުން މި ދިޔައީ. އެއީ ދެ ހެލިކޮޕްޓަރާ ޑޯނިއޯ މަތިންދާ ބޯޓު"

އަޒާން ވިދާޅުވީ އޭރު ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެގެން ތިބީ މި އުޅަނދުތައް އޮޕަރޭޓު ކުރުމުގެ ނަމުގައި ކަމަށެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ އިންޑިއާއާއިއެކު އެއްބަސްވުމަކަށް އައިސް މި އުޅަނދުތައް އޮޕަރޭޓު ކުރަން އިންޑިއާގެ އަސްކަރިއްޔާގެ ބޭފުޅަކަށް ނުތިބެވޭގޮތް ހެދުންކަމަށް އަޒާން ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުން އެގޮތަށް ނިންމާފައިވާކަމަށް އިންޑިއާ ސަރުކާރަށް ދެންނެވުމުން އެގައުމުންވެސް އެކަމަށް އިހުތިރާމު ކުރިކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު އެ އުޅަނދުތައް އޮޕަރޭޓު ކުރަން ތިބެނީ ހަލް ކިޔާ އިންޑިއާ ސަރުކާރަށް ނިސްބަތްވާ ކުންފުންޏެއްގެ މުވައްޒަފުންކަން އަޒާން ފާހަގަކުރެއްވި އެވެ.

"ދެން މިއީ އެންމެ އައިޑިއަލް ސޮލިއުޝަންއެއްވެސް ނޫން. އެކަމަކު މިވަގުތަށް އަޅުގަނޑަށް ހީވަނީ މިއީ ރަނގަޅު ހައްލެއްހެން"

އިންޑިއާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގައި ކުރިން ބޭނުން ކުރަމުން ދިޔައީ ބަލި މީހުން އުފުލުމުގެ އިތުރުން ސަވައިލެންސް އޮޕަރޭޝަން ތަކަށެވެ. އަޒާން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެއާ އެމްބިއުލާންސް ތައާރަފު ކުރުމުން ބަލި މީހުން އުފުއްލަން އިންޑިއާގެ އުޅަނދުތައް ބޭނުން ކުރުން ނިމުމަކަށް އައީ ކަމަށެވެ. އަދި ސަވައިލެންސް އޮޕަރޭޝަންތަކަށް ތުރުކީން ޑްރޯން ގެނައުމުން އެ ކޮމްޕޯނެންޓުވެސް އުނިވީ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިންޑިއާ އާއިއެކު ހަދާފައިވާ އެއްބަސްވުންތައް ނިމުމުން އަލުން އެ އާކުރަން އިންޑިއާއިންވެސް ބޭނުންވާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށް އަޒާން ވިދާޅުވި އެވެ.

 

ދެން އޮންލައިންގެ ޕޮޑްކާސްޓުގައި އަޒާން ބައިވެރިވެވަޑައިގަންނަވަނީ

 

އިންޑިއާ އާއެކު އޮތް ގުޅުން ގޯހެއް ނުވޭ

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރިން އިންޑިއާއާއިއެކު ބާއްވަމުން އައި ގާތް ގުޅުން ނިމުމަކަށް އައީކަމަށް ވާހަކަ ދެކެވުނެވެ. އަދި އަލުން ޗައިނާއާއިއެކު ރާއްޖޭގެ ގުޅުން އިސްކުރައްވާނެކަމަށް އިދިކޮޅުން ވާހަކަ ދައްކަމުން ދިޔަ އެވެ. އެހެންނަމަވެސް އަޒާންގެ ވިސްނުން މިކަމުގައި ތަފާތެވެ.

"އެންމެ ފުރަތަމަ އިންޑިއާގެ މީޑިއާތަކުންވެސް ރައީސް މުއިއްޒު ސިފަކުރައްވާފައިވަނީ ޕްރޯ ޗައިނާ ބޭފުޅެއްގެ ގޮތުގަ. ޗައިނާ ޕްރޯ ޕްރެޒިޑެންޓެއް ވެރިކަމަށް އައިސްފިއޭ ދެން ދިއްލީއިން ކީއްހޭ ކުރާނީ"

އަޒާން ވިދާޅުވީ އެއްވެސް އިރެއްގައި މައްސަލައަކީ އިންޑިއާ ނޫން ކަމަށެވެ. މައްސަލައަކީ ވެރިކަން ކުރައްވަން ތިއްބަވާ ފަރާތްތައް ކަމަށާއި ކަންކަން ގޯސްވެގެން ދިޔައީ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް ވަންނަން ފުރުސަތު ދިނީމައިކަމަށް އަޒާން ވިދާޅުވި އެވެ.

އިންޑިއާ ވިޔަސް އަދި އެމެރިކާ ވިޔަސް މަސައްކަތް ކުރާނީ އެގައުމެއްގެ މަސްލަހަތު އިސްކޮށް ކަމަށާއި ރާއްޖެއިންވެސް މަސައްކަތް ކުރަންޖެހޭނީ އެ އުސޫލުންކަމަށް މެމްބަރު ވިދާޅުވި އެވެ. އެހެންމަވެސް ރައީސް ޞާލިހުގެ ސަރުކާރުގައި ފެނުނީ ވެރިކަމުގައި ތިއްބެވި ބައެއް މީހުންގެ އަމިއްލަ މަސްލަހަތު އިސްކުރި މަންޒަރު ކަމަށްވެސް އަޒާން ވިދާޅުވި އެވެ.

މީގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގުރުބާން ކުރެވިގެން ދިޔަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެފުރުސަތު ހުޅުވާލައިފިނަމަ އޭގެ ބޭނުން ބޭރުގެ ގައުމުތަކުން ކުރާނެ ކަމަށެވެ. ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން މިނިވަންކަމަށް ހުރަސް އެޅިދާނެ ހުރިހާ ދޮރުތަކެއް ބަންދު ކުރައްވާފައިވާކަމަށް އަޒާން ވިދާޅުވި އެވެ.

 

އިންޑިއާއާ އަޅައިގަނެގެން ނޫޅެން

އަޒާން ފާހަގަކުރެވިގެން ދިޔައީ "އިންޑިއާ އައުޓު" ކެމްޕެއިންގެ ހަބަރުތައް ގެނަސްދިނުމުގައި އިސް ދައުރެއް އަދާކުރެއްވި ނޫސްވެރިއަކަށެވެ. އަދި ފަހުންވެސް ސިޔާސީ ދާއިރާއަށް ނިކުންނަވައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ހެދިފައިވާ އެއްބަސްވުންތަކާއި ގުޅޭ މުހިންމު ވާހަކަތަކެއް ތިލަކުރެއްވި އެވެ.

މެމްބަރުކަމަށް ވަޑައިގެންނެވުމަށްފަހު، ކުރީ ސަރުކާރުން ރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ހަދާފައިވާ އެއްބަސްވުން 241 ކޮމިޓީން ބަލަން އަޒާން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. މިމައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ ދިވެހި ސަރުކާރުން އެހެން ގައުމުތަކާއިއެކު ހަދާ އެއްބަސްވުންތައް ބެލުމުގެ ބާރު ކޮމިޓީއަށް ލިބިގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާއި ގުޅޭ ކަންކަން ބެލުމުގެ އިހުތިޔާރުވެސް 241 ކޮމިޓީއަށް ލިބިގެންވާކަމަށް އަޒާން ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން އެއްގޮތަކަށްވެސް މިއުޅެނީ އިންޑިއާގެ މައްސަލައެއް ބަލާ، އިންޑިއާއަކާ އަޅައިގަނެގެނެއް ނޫން"

އޭގެ ބަދަލުގައި މަޖިލީހުން ބަލަން އުޅެނީ ދެވަނަ ފަހަރަށްވެސް މިފަދަ ކަމެއް ރިޕީޓު ނުވާނީ ކޮން ގޮތަކަށް ކަންކަން ކުރީމައިތޯ ކަމަށް އަޒާން ވަނީ ވިދާޅުވެފަ އެވެ.

 

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން

 

ކުއްލި މައްސަލަ ހުށަހެޅުން ހަރުކަށި ކުރުމާ ދެކޮޅު

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 12 މެމްބަރުންނެވެ. ސަރުކާރަށް ތާއީދު ކުރައްވާ 80 މެމްބަރުން އެބަ ތިއްބެވި އެވެ. ކަން މިހެން އޮތުމުން އެމްޑީޕީން މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކާ ގަރާރުތަކާއި ގުޅޭ ގިނަ މަސައްކަތް ކުރިއަށް ގެންދަން ފާހެއް ނުވެ އެވެ.

މިއީ އެމްޑީޕީން މިހާރު އެންމެ ބޮޑަށް ދައްކަމުން ގެންދާ ވާހަކަ އެވެ. އެހެންނަމަވެސް ސަރުކާރު މެމްބަރުން ވިދާޅުވަނީ އެމްޑީޕީން ކުއްލި މައްސަލަތައް ހުށަހަޅަނީ މަޖިލީހުގެ ވަގުތުތައް ބޭކާރު ކުރަން ކަމަށެވެ. މިކަމަށް ހައްލު ގެންނަން މަޖިލީހުގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

"އެއް ހައްލަކީ ވަކި ވަރަކަށް މެމްބަރުންގެ ސިގްނޭޗާއާއެކު މެނުވީ މިފަދަ މައްސަލައެއް ނުލެވޭ ގޮތަށް ހެދުން"

ކުއްލި މައްސަލަ ހުށަހެޅުމަކީ ދުނިޔޭގެ އެންމެ ބޮޑެތި ޑިމޮކްރަސީ އޮންނަ ގައުމުތަކުގައިވެސް ޕްރެކްޓިސް ކުރަމުން އަންނަ ކަމެކެވެ. އަޒާން ދެކެވަޑައިގަންނަވާ ގޮތުގައި ކުއްލި މައްސަލަ ހުށަހެޅުން މި މިނަށް ހަރުކަށި ކުރެވިގެން ނުވާނެ އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއިން އިދިކޮޅުގައި އޮތްއިރު އަދި އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރަމުން ދިޔައިރު ކުއްލި މައްސަލަ ހުށަހެޅުމަށް އޮންނަ ގަވާއިދު ހަރުކަށި ކުރަން އެމްޑީޕީން މަޝްވަރާ ކުރިކަމަށް އަޒާން ވިދާޅުވި އެވެ. މިއީ އެއިރެއްގައި އޮންނަ މެޖޯރިޓީ ޕާޓީއަށް އޭގެ ފައިދާތަކެއް ހުރި ކަމެއް ކަމަށް ވިޔަސް މައިނޯރިޓީ މެމްބަރުންނަށް މީގެ ސަބަބުން ހުރަސްތަކެއް ހުރިކަން އަޒާން ފާހަގަކުރެއްވި އެވެ.

"ހަގީގަތުގަވެސް ރައްޔިތުންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަމެއް، ގެންނަންޖެހޭ ހާލަތުގަ އަޅުގަނޑުމެންނަކަށް ނޯންނާނެ އެ ފުރުސަތެއް އެމަޖެންސީ މޯޝަން ނޯންނަނަމަ"

ކުއްލި މައްސަލަ ހުށަހެޅުން ހަރުކަށި ކުރުމުގެ ބަދަލުގައި އިދިކޮޅުންވެސް ވިސްނަންވީ ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ކަމަށް އަޒާން ވިދާޅުވި އެވެ.

 

ބާރުތައް މަސްހުނި ވާގޮތަށް އޮތަސް މެމްބަރުން ވަރަށް މިނިވަން

ކޮންމެ ރިޔާސީ އިންތިހާބަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބެނީ ވެރިކަމަށް އިންތިހާބުވާ ޕާޓީއަށެވެ. މީގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވިދާނެކަމާއިމެދު ސުވާލު އުފެދެ އެވެ.

ރާއްޖޭގައި ބާރުތައް ވަކިވެފައިވާ ނިޒާމެއް އޮތްނަމަވެސް ދައުލަތް ޑިޒައިން ވެފައިވަނީ ބާރުތައް މަސްހުނިވާ ގޮތަށްކަމަށް އަޒާންވެސް ދެކެވަޑައިގަންނަވަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީއަށް ލިބިއްޖެއްޔާ އެ ބާރުތައް ހަމަ މަސްހުނި ވާނެ"

އެހެންނަމަވެސް މިހާރު ޕީއެންސީގެ މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ބާރުތައް މަސްހުނިކޮށްގެން ނޫންކަމަށް އަޒާން ވިދާޅުވި އެވެ. ރައީސް ޑރ. މުއިއްޒު ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕަށް އިހުތިޔާރު ދެއްވާފައި އޮންނަ ކަމަށާއި މިހާރުވެސް މަޖިލީހުގެ މަސައްކަތްތަކަށް ބަލައިލުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތްތައް ފެންނާނެކަމަށް އަޒާން ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންނަށް ވިޔަސް ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އޮތްކަން އަޒާން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުންވެސް މަސައްކަތް ކުރަނީ އެއް އަމާޒަކަށް ކަމަށާއި އެއީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!