ލައިފްސްޓައިލް

ކޮންމެ ވަކިވުމެއްގައި ވަނީ ހިތާމައާއި މޮޅިވެރިކަމެވެ. އެހެންނާ އުފަލާއި ހިތްހަމަ ޖެހުމެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މވަގުތީ ދުނިޔޭގައި އޮތީ ދިރުމާއި މަރެވެ. ޙަޔާތުގެ ޙަޤީޤަތަކީ އެއީއެވެ. ހަމައެހެންމެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ވަނީ މި އުޞޫލެވެ. ބަދަލުވުމާއި ވަކިވުމެވެ. އެކުވެރީން ، އެކުވެރިކަމުން ފޭވެ ވަކިވެއެވެ. އެކުގައި އުޅޭ ލޯބިވެރިން ވަފާ އާއި ބޭވަފާގެ ނަމުގައި ދުރުވެ ވަކިވެއެވެ. އިންސާނުންގެ ޙަޔާތް އެކި މަރުޙަލާތަކުން ވީއްލި ވަކިވެއެވެ. ތުއްތު ކުއްޖެއްގެ މަރުޙަލާއިން ކުއްޖަކަށެވެ. ކުއްޖެއްގެ މަރުޙަލާއިން ފުރާވަރު އުމުރަށެވެ. މިފަދަ ކޮންމެ ޙާލަތަކީ ވަކިވުމެކެވެ. އެއް ޙާލަތުން ވަކިވެ އަނެއް ޙާލަތަކަށް ވާ ބަދަލުވުމެކެވެ.

Ads by Sosun Fihaara

މިފަދަ ކޮންމެ ވަކިވުމެއްގައި ވަނީ ހިތާމައާއި މޮޅިވެރި ކަމެވެ، އެހެންނާ އުފަލާއި ހިތްހަމަ ޖެހުމެވެ.

ދަރިއެއް ދުނިޔެއަށް އުފަންވުމަކީ އާއިލާއަށް ބަޔާން ކުރަން ނޭނގޭހާ އުފާވެރިކަން ލިބޭ ކަމެކެވެ. ތުއްތު ކުއްޖާގެ ވަށައިގެން އެހެން ކުދިންނާއި އާއިލީ މެމްބަރުން އަވަދިނެތި އުޅެނީ އެ ކުއްޖާގެ ޚިދުމަތުގައެވެ. އެ ކުއްޖާގެ މޫނަށް ހިނިތުންވުން ގެނެވޭތޯއެވެ. އެފަދަ ކޮންމެ ހިނިތުންވުމަކާއެކު ގާތުގައި ތިބޭ އެންމެންގެ މޫނު އުފާވެރިކަމުން އަލިކޮށްލައެވެ. ތުއްތު ކުއްޖެއްގެ މަރުޙަލާއަކުން ކުއްޖާ ބަދަލުވަނީ ކުޑަ ކުއްޖަކަށެވެ. އެހިނދު ވޭތުވެދިޔަ ދުވަސްތައް މަތީން ހަނދާންވެއެވެ. މިސްވެއެވެ. ނަމަވެސް ކުރިމަތީގައި އޮތީ އުފަލެވެ. ދަރިފުޅު ހެދި ބޮޑުވާ މަންޒަރުން ނިހާޔަތަށް ލިބެނީ އުފާވެރިކަމެވެ.

ހުރިހާ މަރުހަލާއަކަށް ފަހު ދަރިފުޅު ކައިވެނިކޮށް އަމިއްލަ ދިރިއުޅުމެއް ފަށާ ދުވަހާއި މެދު ވިސްނާލަމާ ހެއްޔެވެ؟ ކުޑައިރުންސުރެ އުޅުނު ގެ ދޫކޮށް އެހެރަ ދަނީ އެހެން ގެއަކަށެވެ. 20 ނުވަތަ 25 އަހަރު ވަންދެން މަންމައާއި ބައްޕައާއެކު އުޅެފައި ވަކިވެގެން އެދަނީއެވެ. މި ވަކިވުމުގައި މައިންބަފައިންނާއި ދަރީން ހިތާމަކުރި ނަމަވެސް ކުރިމަތީގައި އޮތީ އުފާވެރިކަމެވެ. މަންމަގެ ލޮލުން ކަރުނަ ފޮހެލަނީ ދަރިފުޅުގެ އުފަލަށް ޓަކައެވެ.

ލޯބިވެރީންނާ އަދި އެކުވެރީންނާ ގުޅުން ކެނޑި ވަކިވާ ޙާލަތަށް ވިސްނަވާށެވެ. ލޯބިވެރިޔާ ނުވަތަ ނުހަނު އެކުވެރިޔާ ނުހަނު ބޮޑަށް އަޅާލުމާއި އޯގާތެރިކަން ދީ އުޅެނިކޮށް ތިބާ ދޫކޮށް އޭނާ އެދިޔައީއެވެ. އެ ވަކިވުމުގައި ހިތާމައާއި ރިހުން އުފެދޭނެއެވެ. ނަމަވެސް ، ތިބާގެ އަގު ކުރަން ނޭނގުނު މީހަކު ތިބާގެ ޙަޔާތަށް ލާއިގުވެގެން ނުވެއެވެ. އެފަދަ މީހަކު ވަކިވުމުގައި އޮތީ އުފާވެރިކަން ނޫން ހެއްޔެވެ؟

ނެތުމުގެ ތެރެއިން ތިބާ ދުނިޔެއަށް އައި ފަދައިން ތިބާ ދުނިޔެއާ ވަކިވެގެން ދާ ދިޔުމުގައި ވެސް އޮތީ ހިތާމައާއި އުފަލެވެ. ތިބާ ވަކިވެގެންދާއިރު އާއިލީ މެމްބަރުންނާއި ގާތް ތިމާގެ މީހުން ހިތާމަ ކުރާއިރު ތިބާއަށް އޮތީ ދާއިމީ އުފަލާއި މަތިވެރި ނިޢުމަތްތަކެވެ. ނުވަތަ ދާއިމީ ހިތާމައާއި ޢަޒާބު ޙައްޤު ވެގެންވީ މީހެއް ނަމަ ، އެވަކިވުމުން އެހެން އިންސާނުންނަށް އޮތީ ދިރުމެކެވެ. އޭނާގެ ކިބައިން ބައެއްގެ އަބުރާއި މާލާއި މުދާ ރައްކާތެރިވީތީއެވެ. ނުވަތަ އޭނާގެ އަތްފައިގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވީތީއެވެ.

ގުޅުމާއި ވަކިވުމަކީ ދުނިޔޭގެ ފިތުރަތެވެ. އެކުވެރިކަމުގެ ގުޅުމާއި ޙަޔާތުގެ އެކި މަރުޙަލާތަކުގެ ގުޅުންތަކާއި ވަކިވުންތަކެވެ. މިފަދަ ކޮންމެ ކަމެއްގައި ހިތާމައާއި މޮޅިވެރިކަން ވާފަދައިން އުފާވެރިކަމާއި ހިތްހަމަ ޖެހުން ވެސް އެބަވެއެވެ.

 

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!