ރައީސް އިންޑިއާއަށް ފުރާވަޑައިގެންފި
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެ ބައްދަލު ކުރެއްވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުނެފައި ވަނީ 'ސްޓޭޓް ވިޒިޓް' ގައި ވެރިރަށް ދިއްލީ އަދި އިންޑިއާގެ ވިޔަފާރީގެ ހަބް މުމްބާއީގެ އިތުރުން އައިޓީގެ ހަބް ބެންގަލޫރަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ދިވެހި ވަފުދުގެ މެހެމާންދާރީގެ ހުރިހާ ކަންކަން ހަމަޖައްސައިދެނީ އިންޑިއާ ސަރުކާރުގެ ފަރާތުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
ރައީސް ގެންދަވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރައްވައި ތަރައްގީއަށް މުހިންމު ހުރިހާ ގައުމަކާ ވެސް ބަދަހި ގުޅުމެއް ދެމެހެއްޓުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ރައީސް ވަނީ ތިމާވެށްޓާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ބޮޑު ވަޒީރު މޯދީއާ ބައްދަލުކުރައްވާފަ އެވެ.
އަދި މި އަހަރު ޖޫން މަހު ނުވަ ވަނަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރާއި އާ ސަރުކާރުގެ ވަޒީރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސާ ބައްދަލު ކުރެއްވި އެވެ.