ދީން

އިސްލާމްދީން ގޮވާލަނީ ޒުވާންކަމުގެ އުމުރު މާތްﷲ އަށް ކިޔަަމަންގަތުމުގައި ހޭދަކުރުމަށް: ޚުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޒުވާންކަމުގެ އުމުރަކީ ކޮންމެ ކަމެއްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ އުމުރެވެ. ތިބާ ގޯސް މަގަކުން ދާން ބޭނުންވި ކަމުގައި ވިޔަސް ދާން އެންމެ ފަސޭހަ އުމުރަކީ ޒުވާން އުމުރެވެ. ނަމަވެސް އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީ ހިނދު އަޅުގަނޑުމެން ޚިޔާރުކުރަން ޖެހޭނީ އަޅުގަނޑުމެންގެ މަތިވެރި ދީނުގައި އުޅުމަށް އަންގަވާފައިވާ ގޮތެވެ. އަޅުގަނޑުމެންގެ ވެރި ރައްބު އަންގަވާފައިވާ ގޮތަށް އުޅުމަކީ އަަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި އެކަލާނގެ މުޅި އުންމަތަށް ރަހުމަތެއް ކަމުގައި ފޮނުއްވި މާތް ސާހިބާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ސީރަތުގައި ހިފެހެއްޓުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އޮތް ކަމެކެވެ.

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާގައި އަލި އަޅުވާލައިފައިވާ ޒުވާންކަން ހެޔޮ ގޮތުގައި ހޭދަކުރުމުގެ މައްޗަށެވެ.

ޒުވާނުންނަކީ ޤައުމެއްގެ އެންމެ ބޮޑު ރައުސްމާލުކަން މިއަދުގެ ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ޤައުމެއް ތަރައްޤީވެ ކުރިއަރައި ދިއުން ބިނާވެފައި ވަނީ، އެޤައުމެއްގެ ޒުވާނުންގެ ހުނަރާއި، ސުލޫކާއި އެމީހުންގެ ހަރުދަނާ އަޤީދާގެ މައްޗަށް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. ހަރުދަނާ އީމާންތެރި ޒުވާނުންނަކީ އެމީހުންގެ ނަފްސާއި މުދަލުންވެސް ދީނާއި ޤައުމަށްޓަކައި ޤުރުބާން ވާނެ ބައެއްކަމުގައި ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ އިސްލާމްދީން ގޮވާލަނީ ޒުވާންކަމުގެ އުމުރު މާތްﷲއަށް ކިޔަމަންގަތުމުގައި ހޭދަ ކުުރުމަށް ކަމަށެވެ. އަދި ހަމަ އެހެންމެ އަޅުކަން ކުުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާއަށް ﷲ ތައާލާ ޤިޔާމަތް ދުވަހުން ވަރަށް މަތީ ދަރަޖައަކާއި ޝަރަފެއް ދެއްވާނެ ކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ހަމަ އެހެންމެ ޤިޔާމަތްދުވަހު އަރުޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައި ﷲ ތަޢާލާއަށް އަޅުކަން ކުރުން މަތީ ދެމި ހުންނަ ޒުވާނާ ހިމެނޭކަން ރަސޫލާގެ ހަދީޡް ބަސްފުޅުތަކުން ދޭހަވާ ކަމުގައި ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

"ކީރިތި ރަސޫލާގެ ސީރަތަށް ބަލާއިރު، އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ޒުވާނުންނަށް އިސްކަންދެއްވުމުގެ ގޮތުން އެކި ކަންކަމަށް ޒުވާނުން އިސްކުރައްވައި، އަމަލީގޮތުން އެތައް ނަމޫނާއެއް ދައްކަވާފައިވެއެވެ. އެގޮތުން މުހިއްމު ކޮމާންޑަރުންގެ ގޮތުގައްޔާއި ޤައުމުތަކަށް ފޮނުއްވާ ސަފީރުންގެ ގޮތުގައި ޒުވާނުން އައްޔަން ކުރައްވާފައިވެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

އިންސާނާގެ އުމުރުފުރާގެ ތެރެއިން ޒުވާންކަން ހޭދަކުރި ގޮތާ ބެހޭގޮތުން ޚާއްސަގޮތެއްގައި ސުވާލުވެވޭނެ ކަން ވެސް ޚުތުބާގައި ވަނީ ބަޔާން ކޮށްފައެވެ. އަދި ފަސްކަމެއްގެ ކުރިން ފަސްކަމެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރަސޫލާ އަމުރުފުޅު ކުރެއްވި ހިނދު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެކަލޭގެފާނު ހަދީޡްފުޅު ކުރެއްވީ މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!