މީހުން ދެން ފުރަމަލަ

ތާނީ: އަންހެން ފުޓުބޯޅައިިން ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިިދިނުމުގެ އުއްމީދުގައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފުޓުބޯޅައަކީ ހަމައެކަނި ފިރިހެނުން ކުޅޭ ކުޅިވަރެެއްގެ ގޮތުގައި ބައެއް މީހުން ގަބޫލު ކުރެއެވެ. ނަމަވެސް ފުޓުބޯޅައަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފޯރިއާއެކު އަންހެނުން ވެސް ކުޅެއުޅޭ ކުޅިވަރެއްކަން، ފުޓުބޯޅައަށް ލޯބިކުރާ ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

Ads by Hajj Corporation

އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ވެސް ގައުމު ފަޚުރުވެރިވާ ފަދަ ރަން ވަނަތަކެއް އަންހެން އެތުލީޓުން ވަނީ މީގެ ކުރިންވެސް ހޯދާފައެވެ. އަދި މިއަދު ޤައުމީ ޖާރޒީ އަޅައިގެން އެކި ކުޅިވަރުތަކުން މި ލޮބުވެތި ވަތަނަށް ރީތި ނަމާއި ޝަރަފު ހޯދައި ދިނުމަށް އަޒުމް ކަނޑައަޅައިގެން ތިބި އަންހެން އެތުލީޓުންގެ އަދަދު ވެސް މަދެއް ނޫނެވެ.

މިއީވެސް އެފަދަ އެތުލީޓެއްގެ ވާހަކައެވެ. ތިޔަ ކިޔުންތެރިންނަށް މި ދޫކޮށްލަނީ ފުޓުބޯޅައަކީ ހަމައެކަނި ފިރިހެނުން ކުޅޭ ކުޅިވަރެއް ކަމުގައި ބުނާ މީހުންގެ ބަހަށް ގޮން ޖަހާލާ، އަންހެން ފުޓުބޯޅައިން ދިވެހި ޤައުމަށް ރީތިނަން ހޯދައިދޭން ބޭނުންވާ 19 އަހަރުގެ ޒުވާން އަންހެން ކުއްޖެއްގެ ވާހަކައެވެ.

އެންމެ ކުޑައިރުވެސް ފުޓުބޯޅައަށް ޝައުގުވެރިކަން ހުރޭ

ރާއްޖޭގައި ގިނަ އަންހެން ކުދިން ކުޑައިރު ކުޅެ އުޅޭތަން ފެންނަނީ "ބަތް ކައްކާ" އެވެ. ނުވަތަ ކޮންމެވެސް ކަހަލަ އެހެން ކުޅިވަރެކެވެ. ދިވެހިންގެ ތެރޭގައި ފުޓުބޯޅައަކީ ހަމައެކަނި ފިރިހެން ކުދިން ކުޅޭ ކުޅިވަރެއް ކަމަށް އެ ދުވަސްވަރުވެސް ގަބޫލު ކުރެވިފައި އޮތެވެ. އެހެން އަންހެން ކުދިން "ބަތް ކައްކާ" ކުޅެން އުޅުނު ނަމަވެސް ތާނީ ކުޑައިރު ވެސް ކުޅެން ޝައުގުވެރިކަން ހުންނަނީ ފުޓުބޯޅައެވެ.

ޕްރީސުކޫލުގައި އުޅުނު އިރު ބޭބެއާއެކު ފުޓުބޯޅަ ކުޅެއުޅޭ ހަނދާން ހުންނަ ކަމުގައި ތާނީ ބުންޏެވެ. އަދި ހަނދާން ހުންނަން ފެެށީއްސުރެ ވެސް ފުޓުބޯޅައަކީ ތާނީ ވަރަށް ކުޅޭ ހިތުން ކުޅޭ ކުޅިވަރެކެވެ.

ތާނީގެ ފުޓުބޯޅަ ކެރިއަރުގެ ފެށުން

ތާނީގެ ފުޓުބޯޅަ ކެރިއަރު ފެށުނީ 2008 ވަނަ އަހަރުގައެވެ. އެއީ އޭނާ ގުރޭޑް 1ގައި އުޅުނު އަހަރެވެ. އުމުރުން އެންމެ 7 އަހަރެވެ. ތާނީ ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ފެށުން "ދެން" އާއި ހިއްސާކޮށްފައެވެ. އެގޮތުން އެ އަހަރު އައްޑޫގައި އޮތް އިންޓަރސުކޫލް މުބާރާތް އަންހެން ފިރިހެން މަސްހުނިކޮށް އޮތުމުން ވަރަށް ޖެހިލުން ވި ކަމަށާއި ނަމަވެސް އޭރު މަރަދޫ ސުކޫލްގެ ކޯޗު ލަބީބް އޭނާއަށް އެ ސެލެކްޝަން އަށް ދިއުމަށް ހިތްވަރު ދިން ކަމަށް ތާނީ ބުންޏެވެ.

ކޯޗުގެ ހިތްވަރާއެކު ތާނީ ސެލެކްޝަންއަށް ދިޔައީ އުއްމީދު ތަކަކާއެކުގައެވެ. ނަސީބު ވަރަށް ވެސް ރަނގަޅެވެ. ޓީމަށް ނެގި 3 އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކީ ތާނީއެވެ.

އައްޑޫ އިންޓަރސުކޫލްގައި ދެއްކީ ތަފާތު ކުޅުމެއް، ފިރިހެން ކުދިންނަކަށް ދުލެއް ނުކުރޭ

އައްޑޫގެ އިންޓަރސުކޫލްގައި ތާނީގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ކުޅުމެކެވެ. އަންހެން ފިރިހެން މަސްހުނިކޮށް ކުރިއަށްދިޔަ މި މުބާރާތުގައި ތާނީ ފިރިހެން ކުދިންނަށް ގޮންޖަހާލިއެވެ. ތާނީ ސާބިތުކޮށްދެމުން ދިޔައީ އަންހެން ކުދިންނަށް ވެސް ފުޓުބޯޅައިގައި ކުރިއަށް ދެވިދާނެކަމެވެ. މެޗުތައް ބަލަން ދިޔަ ގިނަ ބައެއްގެ ލޯތައް ތާނީއަށް އަމާޒުވެ ގިނަ ބަޔަކު އާޝޯހުވީ ވެސް މި ސަބަބަށް ޓަކައެވެ.

2008, 2009 އަދި 2010 ވަނަ އަހަރުގައި ވެސް ތާނީ ވަނީ އައްޑޫގެ އިންޓަރސުކޫލް މުބާރާތްތަކުގައި ކުޅެފައެވެ. އެކުޅުނު ކޮންމެ މުބާރާތެއްގައިވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާ ރަން ވަނަތަކެއް ހާޞިލު ކޮށްފައެވެ. އެގޮތުން 3 އަހަރުުވެސް މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެެރޭގައި ތާނީ ހިމެނުނެވެ. އަދި މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހާ 2 ކުޅުންތެރިން ހޮވާއިރު އެ 2 ކުޅުންތެރިންގެ ތެރޭގައި ތާނީ ކޮންމެ އަހަރަކުވެސް ހިމެނުނެވެ.

ފުޓުބޯޅައިން ބްރޭކެއް ނެގުނު

2010 ވަނަ އަހަރުގެ މުބާރާތަށް ފަހު އައްޑޫގައިވެސް އަންހެން ކުދިންނަށް ހާއްސަކޮށްގެން މުބާރާތްތަކެއް ނޯންނާތީ ފުޓުބޯޅައިން ކުރިއަށް ދެވޭނެ މަގެއް ތާނީއަަށް ތަނަވަސް ވެފައެއް ނެތެވެ. އެހެން ކަމުން ޖެހިގެން އައި ތިން އަހަރު ތާނީއަށް ޖެހުނީ ފުޓުބޯޅައާއި ދުރުގައި ހުންނާށެވެ. ނަމަވެސް ގޭގައި އުޅޭއިރު ވެސް އަބަދުވެސް ފުޓްބޯޅަ ކުޅެއުޅޭ ކަމުގައި އޭނާ ބުންޏެވެ.

2013 ވަނަ އަހަރާއި ހަމައަށް އައްޑޫގެ މަރަދޫ ސުކޫލުން ކިޔެވުމަށްފަހު ތާނީ 2014 ވަނަ އަހަރަށް ގްރޭޑް 7 އަށް ބަދަލުވީ ވެރިރަށް މާލެއަށެވެ. މާލެއަށް ފުރަތަމަ ބަދަލުވީ ފުޓުބޯޅަ ކުޅެން ފުރުސަތުތަކެއް ލިބޭނެ ކަމުގެ އުއްމީދުގައި އެއް ނޫނެވެ. މާލެއަށް ބަދަލުވުމުން ފުޓުބޯޅަ ކެރިއަރަށް ބުރޫ އަރާފާނެކަމަށް ހިތަށް އަރައި އެކަމާ ބިރުން ހުރެވެސް މެއެވެ.

ކުރެވުނީ ކުށްހީއެއް، މާލެއަށް ބަދަލުވުމުން ފުޓުބޯޅައިން ކުރިއަށް ދިއުމަށް ހުޅުވުނީ އިތުރު ދޮރުތަކެއްް

ތާނީ މާލެ ބަދަލުވީ ކުރިން ވެސް ފާހަގަ ކުރިހެން ފުޓުބޯޅައިން ކުރިއަށް ދިއުމުގެ މާބޮޑު އުއްމީދުތަކަކާ އެއްކޮށްނެއް ނޫނެވެ. އަދި މާލެއަށް ބަދަލުވުމުން ފުޓުބޯޅަކުޅުމަށް އިތުރު ފުރުސަތުތަކެއް ނުލިބޭނެ ކަމަށް ތާނީ ހީކުރިއެވެ. ނަމަވެސް ތާނީއަށް ކުރެވުނީ ކުށްހީއެކެވެ.

މާލެ ބަދަލުވުމުން ފުޓުބޯޅައިން ކުރިއަށް ދިއުމަށް ތާނީއަށް ހުޅުވިގެން ދިޔައީ އިތުރު ދޮރުތަކެކެވެ. ތަނަވަސްވެގެން ދިޔައީ އިތުރު މަގުތަކެކެވެ.

އަންހެން ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ފުރަތަމަ އިންޓަރސުކޫލް މުބާރާތުގައި ކުޅުނު

ތާނީގެ ނަސީބު ކިތަންމެހާ ވެސް ރަނގަޅެވެ. ތާނީ މާލެ ބަދަލުވި 2014 ވަނަ އަހަރަކީ މާލޭގައި އެފްއޭއެމް އިން އިންތިޒާމް ކޮށްގެން މުޅިން އަލަށް އިންޓަރސުކޫލް މުބާރާތެއް އަންހެން ކުދިންނަށް ހާއްސަކޮށްގެން ބޭއްވި އަހަރެވެ.

ތާނީ މާާލެއައިސް ވަނީ ތާޖުއްދީން ސުކޫލަށެވެ. ރާއްޖޭގައި އަންހެންކުދިންނަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ އިންޓަރސުކޫލް މުބާރާތުގައި ތާޖުއްދީން ތަމްސީލް ކުރުމުގެ ފުރުސަތު ތާނީއަށް ލިބިގެން ދިޔައެވެ. އެ މުބާރާތުގައި ތާނީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެމުބާރާތުގެ ޗެމްޕިއަންކަން ތާޖުއްދީނުން ހޯދި އިރު ޓީމުގެ އެންމެ މުހިިއްމު ކުޅުންތެރިއަކީ ތާނީއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އެމުބާރާތުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ފަޚުރުވެރި މަގާމުވެސް ހާޞިލު ކުރީ ތާނީއެވެ.

އިންޓަރސުކޫލަށް ފަހު ތާނީ ދިޔައީ ވައިޑީޕީއަށް

އެ ދުވަސްވަރަކީ މާލޭގައި އެފްއޭއެމްގެ ފަރާތުން ޔޫތު ޑިވަލޮޕްމަންޓު ޕްރޮގްރާމްތައް ހިންގަމުން ދިޔަ ދުވަސްވަރެކެވެ. އޭރު ތާނީގެ ކޯޗަކަށް ހުރީ ކުރިން ރާއްޖޭގެ ސީނިއަރ އަންހެން ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އަރީޝާއެވެ. އަރީޝާގެ އެދުމުގެ މަތިން ތާނީ ވައިޑީޕީއަށް ދާން ފެށިއެވެ.

ވައިޑީޕީގައި ކޮންމެ ރެޔަކު ވެސް ފަރިތަކުރުންތައް އޮންނަ ކަމަށާއި އެއީ ކުރެވުނު ތަފާތު ތަޖުރިބާއެއް ކަމުގައި ތާނީ ފާހަގަ ކުރިއެވެ.

ހަމަ އެއަހަރު 14 އަހަރުން ދަށުގެ ޤައުމީ ޓީމަށް

ވައިޑީޕީގެ ފަރިތަކުރުންތަކުން ތާނީގެ މޮޅު ކުޅުން ކޯޗުންގެ ލޮލުގައި އަޅައިގަތެވެ. ނަތީޖާއަކަށްވީ އޭރު 14 އަހަރުންދަށުގެ އަންހެން ގައުމީޓީމުގެ ކޯޗު އިބްރާހިމް ހަލީމް (ޖަޑާ)ގެ ލޮލުގައި ތާނީގެ މޮޅު ކުޅުން އަޅައިގަތުމެވެ. އަދި 14 އަހަރުން ދަށުގެ އަންހެން ޓީމުށް ތާނީއަށް ފުރުސަތު ލިބުމެވެ.

ގައުމީ ޖާރޒީގައި އިންޓަރނޭޝަނަލް މުބާރާތްތަކަށް

2014 ވަނަ އަހަރު އަންހެން ގައުމީ ޓީމަށް އެރުމަށްފަހު، 14 އަހަރުން ދަށުގެ އަންހެން ޤައުމީ ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ 2015 ވަނަ އަހަރުގެ އޭ.އެފް.ސީ ކޮލިފައިންގައި ކުޅުމަށެވެ. އެގޮތުން 2015 ވަނަ އަހަރުގެ މެދުތެރޭގައި އޮތް މި މުބާރާތުގައި ތާނީ ވެސް ކުޅުނެވެ. އަދި އެފަހަރު އެ މުބާރާތުގައި ރާއްޖެ ޓީމުގެ ކެޕްޓަންކަން ވެސް ކުރީ ތާނީއެވެ.

މި މުބާރާތުގައި ރާއްޖެ ޓީމު ބޮޑު ތަފާތުތަކަކުން ބަލިވި ނަމަވެސް އެ މުބާރާތްތައް ވެސް ވެގެން ދިޔައީ ރަނގަޅު ތަޖުރިބާއަކަށް ކަމުގައި ތާނީ ބުންޏެވެ. 2015 ވަނަ އަހަރު އެ މުބާރާތުގައި ކުޅުމަށްފަހު 2016 ވަނަ އަހަރު ގައުމީޓީމުގެ މާ ގިނަ މުބާރާތްތަކެއް ނެތެވެ. 2017 ވަނަ އަހަރު ތާނީ ފުޓުބޯޅައާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ސަބަބަކީ އެއީ އޭނާގެ އޯލެވެލް އަހަރު ކަމުގައި ވާތީއެވެ.

2018 ވަނަ އަހަަރު އަނެއްކާވެސް ތާނީ ފުޓުބޯޅައިގެ ތެރެއަށް ނިކުތެވެ. އައު އަޒުމުތަކަކާއި އައު އުންމީދު ތަކަކާއެކުގައެވެ. އެގޮތުން 19 އަހަރުންދަށުގެ ގައުމީޓީމާއެކު 2018 ވަނަ އަހަރު ތާނީ 2 މުބާރާތަކަށް ދިޔައެވެ. އެއީ ބޫޓާންގައި އޮތް އޭއެފްސީ ކޮލިފައިން އާއި ކިރިގިސްތާނުގައި އޮތް ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި ވެސް މާ އެދެވޭ ނަތީޖާތަކެއް ނުހޯދުނު ނަމަވެސް މި މުބާރާތް ވެސް ވީ ރާއްޖޭގެ އަންހެން ޓީމަށް ރަނގަޅު ތަޖުރިބާ އަކަށެވެ.

 

އުމުރުން އެންމެ 18 އަހަރުގައި ސީނިއާރ ގައުމީ ޓީމަށް

2019 ވަނަ އަހަރު ސީނިއާރ ގައުމީޓީމަށް އެރުމުގެ ފުރުސަތު ތާނީއަށް ލިބިގެން ދިޔައެވެ. އެހާ ޅަ އުމުރެއްގައި އެފަދަ ފުރުސަތެއް ލިިބިގެން ދިއުމުން ކުރެވުނު އިހްސާސް ތާނީ ވަނީ ދެން އާއި ހިއްސާ ކޮށްފައެވެ.

"ވަރަށް އުފާވި އަސްލު. އަބަދުވެސް ޑްރީމް ކުރީ ސީނިއާރ ނެޝަނަލް ގައުމީ ޓީމަށް ކޮންމެ ވެސް ދުވަަހަކުން ކުޅެން. ޑްރީމް ކޭމް ޓްރޫ އޭ ހަމަ ހިތަށް އެރީ"

ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމަށް އެރުމުގެ ފުުރުސަތު ލިބުމުން ކުރެވުނު އިހްސާސް ހިނިތުންވެ އިނދެ ތާނީ ހިއްސާ ކުރިއެވެ.

ތާނީ ވަނީ ސީނިއާ ގައުމީ ޓީމާއެކު ބައިނަލްއަޤްވާމީ މުބާރާތެއްވެސް ކުޅެފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ތާނީ ވަނީ ގައުމީ ޖާރޒީގައި ކުޅެފައެވެ. މި މުބާރާތުގައި ރާއްޖޭގެ ގައުމީޓީމުން ވަނީ ލޯ މެޑަލް ކާމިޔާބު ކޮށްފައެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމަށް މިހާތަނަށް މެޑައްޔެއް ލިބުނު ފުރަތަމަ ފަހަރެވެ.

ފުޓުބޯޅައިގެ ދާއިރާގައި އެންމެ އުފާވި ދުވަސް

ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް އެންމެ އުފާވީ ކޮން ކަމަކާއި ގުޅިގެންތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ތާނީ ބުނީ 14 އަހަރުން ދަށުގެ ގައުމީޓީމުގެ ކެޕްޓަން ކަމުގެ މަގާމު އަދާކުރަން ލިބުމަކީ ވަރަށް ބޮޑަށް އުފާވި ކަމެއް ކަމަށެވެ. އަދި ހަމަ އެހެންމެ ސީނިއާ ގައުމީ ޓީމު ފުރަތަމަ ފަހަރަށް މެޑައްޔެއް ކާމިޔާބު ކުރި އިރު ޓީމުގެ ސްކޮޑުގައި ހިމެނުމަކީ ވެސް ނުހަނު އުފާވާ ކަމެއްގެ ގޮތުގައި ތާނީ ފާހަގަ ކުރިއެވެ.

ގައުމަށް ރީތިނަން ހޯދައިދިނުމުގެ އުއްމީދުގައި

ތާނީ ފުޓުބޯޅަ ކެރިއަރުގައި އެންމެ ދެކެން ބޭނުން ވާ ދުވަހަކީ ފިރިހެނުންގެ ފުޓުބޯޅަ ދިވެހިރާއްޖޭގައި އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރައިގެން ދާ ފަދައިން އަންހެނުންގެ ފުޓުބޯޅަ ވެސް ރާއްޖޭގައި ކުރިއަރާ މަންޒަރު ފެނުމެވެ.

އަދިހަމައެހެންމެ ތާނީގެ ހުވަފެނަކީ އަދިވެސް ދިވެހި ގައުމަށް އަންހެން ފުޓުބޯޅައިން ގިނަ ކާމިޔާބީތަކެއް ހޯދައިދީ ދިވެހި ގައުމީ ޖާރޒީގައި ރަންވަނަތަކެއް ހާސިލު ކުުރުމެވެ. އަންހެން ފުޓުބޯޅައިން ރާއްޖެއަށް ތައްޓެއް ގެނެސްދިނުމަކީ ތާނީ ކުރާ އުއްމީދެކެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުޓުބޯޅަ ކުޅެން ބޭނުންވެފައި ތިބި ކުދިންނަށް މެސެޖެއް

ތާނީ ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ހުނަރުވެރި އަންހެން ފުޓުބޯޅަ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެކަން އެކި ރަށްރަށުގައި ބާއްވާ ފުޓުސަލް މުބާރާތްތަކުން އެކުދިން ފެންނަމުންދާ ކަމުގައި ތާނީ ބުންޏެވެ.

ދިވެހި ގައުމަށް ރީިތި ނަން ހޯދައިދިނުމުގައި އެކުދިންގެ އެހީ ބޭނުންވާ ކަމަށާއި ކުޅެން ބޭނުންވާ ކުދިންނަށް ފުރުސަތުތައް އެބަހުރި ކަމަށް ތާނީ ބުންޏެވެ. ނަމަވެސް އަންހެންކުދިން ފުޓުބޯޅަ ކުޅުމަކީ ބައެއް އާއިލާތަކުން އެހާ ހިތްހަމަ ނުޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއެވެ،

ތާނީއާމެދު ތާނީގެ މަންމަ ފަޚުރުވެރިވޭ 

ދަރިއެއްގެ ކާމިޔާބީއާމެދު އެންމެ އުފާވާނެ އެކަކަކީ އެދަރިއެއްގެ މަންމަ ކަން ޔަގީނެވެ. އެހާ ހަގު އުމުރެއްގައި ސީނިއާ ގައުމީޓީމަށް އަރާ ގިނަ ކާމިޔާބީތަކެއް ހޯދަމުންދާތީ ތާނީގެ މަންމަ އެކަމާކެދު ފަޚުރުވެރިވާ ކަމަށް "ދެން"އާ ވާހަކަ ދައްކަމުން ތާނީގެ މަންމަ ބުންޏެވެ. އަދި ގައުމީ ޖާރޒީގައި އެކޮށްދެނީ ގައުމަށް ޚިދުމަތެއް ކަމަށާއި އެކަމަށްޓަކައި ވެސް ނުހަނު އުފާވާ ކަމުގައި ފާހަގަ ކުރިއެވެ.

ތާނީއާމެދު ކުރާ އުއްމީދަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ތާނީގެ މަންމަ ބުނީ، ދިވެހި ގައުމީ ޖާރޒީގައި ގައުމަށް ރީތިނަން ލިބޭނޭ ފަދަ ކާމިޔާބީތަކެއް އަދިވެސް ހޯދައިދިނުމަކީ އޭނާ ކުރާ އުއްމީދެެއް ކަމަށެވެ.

ކޯޗުންގެ ނަޒަރުގައި ތާނީ

19 އަހަރުންދަށުގެ ގައުމީ ޓީމުގައި ތާނީއަށް އިރުޝާދުދިން ކޯޗެއްކަމުގައިވާ އަނިލް ބުނީ ތާނީއަކީ މިފަހަކުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ކުޅުންތެެރިންގެ ތެރެއިން އެކަކު ކަމަށެވެ. އަދި މިހާރު އެކުރާ ގޮތަށް އެ އަޒުމުގައި މަސައްކަތް ކުރާ ނަމަ ރާއްޖޭގެ އެެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ވެސް ތާނީއަށް ލިބޭނެ ކަމަށް އަނިލް ބުންޏެވެ.

ކޯޗެއްގެ ހައިސިއްޔަތުން ތާނީއާ ދޭތެރޭ ދެކޭ އުއްމީދަކީ ކޮބައިތޯ ސުވާލު ކުރުމުން އަނިލް ބުނީ ރާއްޖޭގެ ސީނިއާ އަންހެން ގައުމީޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ތާނީ ކުޅޭ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ. އަދި ގައުމަށް ރީތިނަން ހޯދައިދީ ތައްޓެއް ހޯދައިދޭނެ ދުވަހަކުން ވަރަށް އުފާވާނެ ކަމުގައިވެސް އަނިލް ބުންޏެވެ.

އެންމެ ފުރަތަމަ ގައުމީޓީމެއްގައި 14 އަހަރުން ދަށުގެ ގައުމީ ޓީމުގައި ތާނީއަށް އިރުޝާދުދިން ކޯޗު އިބްރާހިމް ހަލީމް (ޖަޑާ) ބުނީ އެންމެ ފުރަތަމަ ތާނީއާ ހަވާލުވި އިރު ތާނީ ހުންނަނީ ވެސް ވަރަށް ކުޑަކޮށް ކަމަށާއި ނަމަވެސް އޭރުވެސް ތާނީ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. ތާނީއަކީ ކުރިއެރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުޅުންތެރިއެއްކަން ވެސް ޖަޑާ ބުންޏެވެ.

ކޯޗެއްގެ ހައިސިއްޔަތުން ޖަޑާ ތާނީއާ ދޭތެރޭ ކުރާ އުއްމީދަކީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ 11ގައި ތާނީ ކުޅޭނެ ދުވަހެއް ފެނުމެވެ.

ތާނީގެ ޝުކުރުގެ ލިސްޓު

ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް އައިއިރު ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަން ތާނީ ފާހަގަ ކުރިއެވެ. އެގޮތުން އެންމެ ﷲއަށް ހަމްދު ކުރަމުން ،ފުޓުބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމުގައި އެންމެ ބޮޑު ހިތްވަރެއް އަދި އެހީތެރިކަމެއް ވެދޭ މީހަކީ ތާނީގެ މަންމަގެ ނަން ފާހަގަ ކުރިއެވެ.

ތާނީ ބުނީ މަންމަގެ އެހީތެރިކަމާއި ސަޕޯޓާ ނުލާ މިހާ ހިސާބަށް ނާދެވޭނެ ކަމަށާއި އެފަދަ ރަނގަޅު މަންމައެއް ދެއްވީތީ ﷲގެ ހަޒްރަތަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށެވެ. އަދި ހިތުގެ އެންމެ ފުންމިނުން މަންމަ އަށް ޝުކުރު އަދާކުރާ ކަމަށް ވެސް ތާނީ ފާހަގަ ކުރިއެވެ.

މީގެ އިތުރުން އެންމެ ފުރަތަމަ ރަށުގައި ފުޓުބޯޅަ ކުޅުނު އިރު އެހީތެރިވެ ދިން ކޯޗު ލަބީގް ކޮށްދިން މަސައްކަތް ފާހަގަކުރިއެވެ. ހަމަ އެހެންމެ މާލެ އައިސް އެންމެ ފުރަތަމަ ހަވާލުވި އަރީޝާ ކޯޗަށް ވެސް ހާއްސަ ޝުކުުރެއް ތާނީ އަދާ ކުރިއެވެ.

ތާނީގެ ރޯލް މޮޑެލް އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އަންހެން އެންމެ މޮޅު ކުޅުންތެރިޔާާ ފަދުވާ ޒާހިރުއެވެ. ހުނަރުވެރި ކުޅުންތެރިއެކެވެ. ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ ކެޕްޓަން ކަން އެތައް ދުވަހަކު ކުރިއެވެ. ފަދުވާގެ ބުރަމަސައްކަތާއި ކުޅުންފެނި ވަރަށް ބޮޑަށް ހިތްވަރު ލިބޭ ކަމަށް ތާނީ ބުންޏެވެ. އަދި ފަދުވާގެ އެހީތެރިކަން ވެސް ލިބޭ ކަމުގައި ތާނީ ފާހަގަ ކުރިއެވެ. އެހެން ކަމުން ތާނީގެ ޝުކުރުގެ ލިސްޓުގައި ފަދުވާގެ ނަންވެސް ހިމެނެއެވެ.

އަދިހަމައެހެންމެ އެކުގައި އުޅޭ އެކުވެރިންނާއި ޓީމް މޭޓުންގެ ނަން ވެސް ތާނީ ވަނީ ފާހަގަ ކޮށްފައެވެ. ފަރިތަކުރުންތަކާއި އަދި އޭގެ ބޭރުން ވެސް އެ ޓީމް މޭޓުންގެ އެހީތެރިކަން އަބަދުވެސް ލިބޭ ކަމުގައި ތާނީ ވަނީ ފާހަގަ ކޮށްފައެވެ.

ތާނީ ސާބިތު ކޮށްދިނީ ފުޓުބޯޅައަކީ ހަމައެކަނި ފިރިހެން ކުދިންނަށް ހާއްސަ ކުޅިވަރެއް ނޫން ކަމެވެ. އަންހެން ކުދިންނަށް ވެސް ފުޓުބޯޅައިގެ ދާއިރާއިން ކުރިއަށް ދެވޭނެ ކަމެވެ. އަދި ހަމަ އެހެންމެ ފުޓުބޯޅައިން ގައުމު ފަޚުރުވެރި ވެސް ކޮށްދެވޭނެ ކަމެވެ. ތާނީ އަދިވެސް އެހުރީ ދިވެހި ގައުމީ ޖާރޒީގައި ކުރިއަށް އޮތްތަނުގައި ވެސް ކުޅެ ގައުމަށް ރަން ވަނަތަކެއް ހޯދައިިދިނުމުގެ އުއްމީދުގައެވެ.

"ދެން" ގެ ފަރާތުން ތާނީއަށް އެދެނީ އުފާވެރި، ފާޤަތި އަދި ކާމިޔާބު ދުވަސްތަކަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!