ސައުދީން ބައިނަލްއަޤުވާމީ ދަތުރުތައް ދެން މިއަހަރަކު ނުފަށާނެ!
ސައުދީ އަރަބިއާ އިން ބައިނަލްއަގުވާމީ ދަތުރުތައް ދެން މިއަހަރު ނުފަށާނެ ކަމަށާއި، ދަތުރުތައް ދެން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ކަމަށް އެޤައުމުން ނިންމައިފިއެވެ.
ސައުދީގެ ދައުލަތުގެ މީޑިއާ އާއި ހަވާލާދީ ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން އެ ޤައުމުން އަލުން ބައިނަލްއަޤުވާމީ ދަތުރު ފަތުރުތައް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.
މީގެއިތުރުން ކޮވިޑާއި ގުޅިގެން މިހާރު ސައުދީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، އަންނަ އަހަރު ފެށުމުގެ 30 ދުވަސް ކުރިން އެލުއިތައް ތަންފީޒުކޮށް އިއުލާނު ކުރާނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. އެކަމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް އެޤައުމުގެ ސިއްޙަތާއި ބެހޭ ވުޒާރާއަށް ވެސް ވަނީ އަންގާފައެވެ.
އަންނަ އަހަރު ބައިނަލް އަގުވާމީ ދަތުރުތައް ފެށިނަމަވެސް، ސައުދީން ބުނެފައިވަނީ އެޤައުމަށް އެތެރެވުމުގެ 48 ގަޑިއިރު ކުރިން، ސަައްޙަ އެޖެންސީ އަކުން، ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނައްސި ވާން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން، އެ ޤައުމުގެ ޙާލަތަށް ބަލައި، ކުރިއެކޭ އެއްގޮތަށް އުމްރާގެ އަޅުކަންތައް އަލުން ފެށުމާ ގުޅޭ އުސޫލުތައް ވެސް އެކުލަވާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.