ދީނާ ގައުމުގެ ދިފާއުގަ ނިކުންނަ ކޮންމެ މީހަކީ އައިސިސް މީހެއް ނަމަ، އަހަންނަކީ އައިސިސް ގެ ހަރުކަށި ޒުވާނެއް: މޮސްޓާ

ދީނާ ގައުމުގެ ދިފާއުގައި ނިކުންނަ ކޮންމެ މީހަކީ އައިސިސް ޖަމާއަތުގެ މީހަކަށްވާނަމަ، އޭނާ އަކީ ވެސް އައިސިސް ޖަމާއަތުގެ ޒުވާނެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ދީނީ ގިނަ އިލްމުވެރީންނަކީ އައިއެސްއަށް ތާއީދު ކުރާ ފަރާތްތަކެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދެއްކެވުމާ ގުޅިގެންނެވެ. އެގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އިންޑިއާ އައުޓް" އޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްގެ ސެލްތަކުން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން މިހާރު ބައިނަލް އަގުވާމީ އިދާރާތަކަށް ސާފު ކަމަށާއި ޕީޕީއެމްއާއި ޕީއެންސީން އެ ޝިޢާރު ބޭނުން ކުރަން އެދެނީ ނަމަ އެ ބާރު ދެވެނީ އައިއެސްއިން މި ރާއްޖެ ހިފުމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު ގެ ޓްވީޓު ހިއްސާ ކުރައްވައި މޮސްޓާ ވިދާޅުވީ ދީނީ މީހުން ބުނާ ގޮތުން ނަމަ ދީނާ ގައުމުގެ ދިފާއުގައި ނިކުންނަ ކޮންމެ މީހަކީ ހަރުކަށި އައިއެސް މީހެއް ކަމަށެވެ.
"އެހެންކަމަށްވާ ނަމަ އަހަރެންނަކީ ވެސް ފަހުރުވެރި ހަރުކަށި އައިއެސްގެ ޒުވާނެއް." މޮސްޓާ ވިދާޅުވިއެވެ.
"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން އަދި ގިނަ ފަރާތްތަކަކުން ދަނީ މީސްމީޑިއާގައި އެކި ވާހަކަތައް ދައްކަވަމުންނެވެ. އިންޑިއާއަށް ސަރުކާރުން ގައުމު ވިއްކާލަނީ ކަމަށާއި މިގޮތަށް ކަންތައްތައްވަމުން ދާ ނަމަ ރާއްޖޭގެ މިނިވަން ކަމަށް ހަމަ ކޮންމެ އިރަކުވެސް ބުރޫ އަރާފާނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެެވެ.