ދަރިފުޅު އުރައިގެން ހުރެ ސެލްފީ ނަގަން އުޅެނިކޮށް ޖެހި ރާޅެއްގައި ދަރިފުޅު މޫދަށް ދަމައިގަނެ،ގެއްލިއްޖެ

އިންޑިއާ: ތުއްތު ދަރިފުޅު އުރައިގެން ،މޫދު ކައިރީގައި ހުރެ ސެލްފީ ނަގަން އުޅެނިކޮށް ޖެހި ރާޅެއްގައި ދަރިފުޅު އަތުން ދޫވެ ރާޅާއެކު ދަރިފުޅު މޫދަށް ދަމައިގެންފިއެވެ.
މި ޙާދިޘާ ހިނގީ މިދިޔަ އާދީއްތަ ދުވަހު ކެރެލާގެ އަލަޕުއްޒާ ބީޗްގައެވެ. މަންމަ އަނިތަމޮލީގެ އުރުގައި އިންދާ ، ޖެހި ރާޅާއެކު މޫދަށް ދަމައިގަނެ ގެއްލުނު އުމުރުން އެންމެ ދެއަހަރާ ބައިގެ . އަދިކްރިޝްނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އިންޑިއާގެ މީޑިއާތައް ރިޕޯޓް ކޮށްފައިވާ ގޮތުގައި އަނިތަމޮލީ އަކީ ޕަލަކަޑް ކިޔާ ސަރަހައްދެއްގެ މީހެކެވެ. ދަރީންނާއެކު އަލަޕުއްޒާއަށް ދިޔައީ އޭނާގެ ދައްތައެއްގެ ގާތަށް ޒިޔާރަތް ކޮށްލުމަށެވެ.
ދެކުނު އިންޑިއާގެ މޫސުމް ގޯސް ވުމުގެ ސަބަބުން އަލަޕުއްޒާ ބީޗް ވެސް ޙާދިޘާ ހިނގި ދުވަހު އޮތީ ބަންދު ކޮށްފައެވެ. ހަމައެހެންމެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ރިޕޯޓް ކޮށްފައިވާ ގޮތުގައި އަލަޕުއްޒާ ބީޗަށް އަނިތަމޮލީގެ ބޭބެއާއި ތިން ކުދިން ދިޔުމުން ބީޗްގެ މައި ސަރަޙައްދުން ފުލުހުން ވެސް ވަނީ އެމީހުން ހުއްޓުވާފައެވެ. ނަމަވެސް އެހެން ދިމާލަކުން އަނިތަމޮލީއާއި ދަރީން ބީޗަށް ވަންއިރު އޭނާގެ ބޭބެ ދިޔައީ ކާރު ޕާކް ކުރާށެވެ.
ކާރު ޕާކް ކޮށްފައި ބީޗްގެ ރާޅު ފަށާއި ހަމައަށް ބޭބެއަށް ދެވުނު އިރު އެ ޙާދިޘާ ވަނީ ހިނގާފައެވެ. އަދި ބޭބެއަށް ބޮޑު ދެކުދިން ސަލާމަތް ކުރެވުނު ނަމަވެސް ތުއްތު ކުއްޖާ ފެންނަގޮތެއް ނުވިއެވެ.
އަލަޕުއްޒާގެ ކުޑަކުދީންގެ ވެލްފެއާ ކޮމިޓީން ވަނީ މި މައްސަލައަކީ މައިންބަފައިންގެ ފަރުވާކުޑަވުމުން ދިމާވި މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.