ދުނިޔެ

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސް މިލިއަނަށް އަރައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ފަސް މިލިއަނަށް އަރައިފިއެވެ.

Ads by WAMCO

މުޅި ދުނިޔެއިން ވެސް ދެވަނައަަށް އެންމެ ގިނަ ކޮވިޑް ކޭސްތައް ފެނިފައިވަނީ އިންޑިއާއިންނެވެ. ފަގީރު އަދި އެކަހެރި އަވަށްތަކުގައި ޓެސްޓްކުރުން ކުރިއަށް ދާތީ މި އަދަދު އަދިވެސް ދާނީ މައްޗަށް ކަމަށް އެޤައުމުގެ ސިއްޙަތާއި ބެހޭ ވުޒާރާތަކުން ބުނެފައިވެއެވެ.

މިދިޔަ މަހެއްހާ ދުވަހު އިންޑިއާ އިން އެއް މިލިއަން އެއްހާ މީހުން ކޮވިޑަށް ފައްސި ވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ކޭސްތައް ފެންނަ ރޭޓަށް ބަލާއިރު މުޅި ދުނިޔެއިން ވެސް އެންމެ ގިނަ ބަޔަކަށް މިބަލި ޖެހިފައިވަނީ އިންޑިއާ އިންނެވެ.

ރިޕޯޓު ތަކުން ހާމަވާ ގޮތުގައި ފާއިތުވީ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު ވަނީ 90،123 އަރާފައެވެ. މި އަދަދާ އެކު މިހާތަނަށް އިންޑިއާ އިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،020،359 އަށް އަރައިފަ އެވެ.

މިހާތަނަށް އިންޑިއާ އިން އެއް ދުވަސް ތެރޭ އެންމެ ގިނަ ކޭސް ފެނުނީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. އެދުވަހު 97،570 މީހުން އިންޑިއާ އިން މިބައްޔަށް ފައްސި ވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!