ދުނިޔެ

ސެލްފީ ނަގަން އުޅެނިކޮށް މޫދަށް ވެއްޓި ގެއްލުނު ކުއްޖާގެ ހަށިގަނޑު ފެނިއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންޑިއާ: ތުއްތު ދަރިފުޅު އުރައިގެން ،މޫދު ކައިރީގައި ހުރެ ސެލްފީ ނަގަން އުޅެނިކޮށް ޖެހި ރާޅެއްގައި ދަރިފުޅު އަތުން ދޫވެ ގެއްލުނު ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު ފެނިއްޖެއެވެ.

Ads by Sosun Fihaara

މިދިޔަ އާދީއްތަ ދުވަހު ކެރެލާގެ އަލަޕުއްޒާ ބީޗްގައި ހިނގި މި ޙާދިޘާގައި ގެއްލުނު ދެއަހަރުގެ ކުއްޖާ ފެނިފައިވަނީ އަންގާރަ ދުވަހު ހެނދުނު މޫދު އަޑިންނެވެ.

ގެއްލުނު ކުއްޖާ އަދިކްރިޝްނާ ، މަންމަ އަނިތަމޮލީގެ އުރުގައި އިންދާ ، ޖެހި ރާޅާއެކު މޫދަށް ދަމައިގަތް އިރު މަންމަ އުޅުނީ ސެލްފީ ނެގުމައިގެންނެވެ.

ދެކުނު އިންޑިއާގެ މޫސުމް ގޯސް ވުމުގެ ސަބަބުން އަލަޕުއްޒާ ބީޗް ވެސް ޙާދިޘާ ހިނގި ދުވަހު އޮތީ ބަންދު ކޮށްފައެވެ. ހަމައެހެންމެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ރިޕޯޓް ކޮށްފައިވާ ގޮތުގައި އަލަޕުއްޒާ ބީޗަށް އަނިތަމޮލީއާއި އޭނާގެ ބޭބެ އަދި ތިން ކުދިން ދިޔުމުން ބީޗްގެ މައި ސަރަޙައްދުން ފުލުހުން ވެސް ވަނީ އެމީހުން ހުއްޓުވާފައެވެ. ނަމަވެސް އެހެން ދިމާލަކުން އަނިތަމޮލީއާއި ދަރީން ބީޗަށް ވަންއިރު އޭނާގެ ބޭބެ ދިޔައީ ކާރު ޕާކް ކުރާށެވެ.

ކާރު ޕާކް ކޮށްފައި ބީޗްގެ ރާޅު ފަށާއި ހަމައަށް ބޭބެއަށް ދެވުނު އިރު އެ ޙާދިޘާ ވަނީ ހިނގާފައެވެ. އަދި ބޭބެއަށް ބޮޑު ދެކުދިން ސަލާމަތް ކުރެވުނު ނަމަވެސް ތުއްތު ކުއްޖާ ފެންނަގޮތެއް ނުވިއެވެ.

އަލަޕުއްޒާގެ ކުޑަކުދީންގެ ވެލްފެއާ ކޮމިޓީން ވަނީ މި މައްސަލައަކީ މައިންބަފައިންގެ ފަރުވާކުޑަވުމުން ދިމާވި މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!