މީހުން ދެން ފުރަމަލަ

ޅަފަތުގައި އުފާވެރިކަމުން މަހުރޫމްވި ކާއްޓޭ، މިހާރު އެހެން މީހުން އުފާކޮށްދިނުމުގައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނާޒިރު ޝިހާމްއޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހުން ވަރަށް ގިނަވާނެ އެވެ. ނަމަވެސް އެއީ ގިނަބައެއްގެ މެދުގައި މަޤުބޫލުކަން ހޯދައިފައިވާ ކުޅަދާނަ ކޮމީޑިއަން އެކެވެ. މީހުން ހެއްވާލުމުގައި ދެވަނައެއް ނެތް އެއްވަނައިގެ ފަންނާނެކެވެ. އެއީ ރާއްޖޭގެ ގިނަ ބައެއްގެ ލޯބި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހޯދި ކުޅަދާނަ ކޮމީޑިއަން ކާއްޓޭ ޑި ވާންޗޯއެވެ.

Ads by Sosun Fihaara

ކާއްޓޭގެ އިންޓަވިއުއެއް ހޯދާލުމަށް ޓަކައި ކާއްޓޭގެ ނަންބަރު ހޯދައިގެން ގުޅާލީމެވެ. ފުރަތަމަ ގުޅާލުމުން ވެސް އަޅުގަނޑަށް ހޭން ފެށުނީ މައިޓިއުންސްއަށް ކާއްޓޭ ލާފައިވާ ލަވައެއްގެ ސަބަބުންނެވެ. އެއީ ބަނގްލަދޭޝީންގެ ލަވައެކެެވެ. ކިތަންމެ ރުޅި އައިސްގެން ކާއްޓޭއަށް މީހަކު ގުޅި ނަމަވެސް ރުޅި މަޑުވެ ހަމަޖެހޭނެކަން ޔަގީނެވެ. ގުޅާ މީހާއަށް އެ ލަވަ އަޑުއިވުމުން ނުހީ ނުހުރެވޭނެކަން ޔަގީނެވެ. ފޯނު ނެގުމަށްފަހު ވާހަކަދެއްކީ ވަރަށް ހިތްހެޔޮ ކަމާއެކުއެވެ. ދެއްކި ވާހަކަ ތަކުން އަޅުގަނޑަށް ހަމަ ނުހީ ނުުހުރެވުނެވެ. އެއީ ހަމަ ހަގީގަތުގައި ވެސް "ޓެލެންޓެޑް" ކޮމީޑިއަން އެކެވެ.

 

ކާއްޓޭގެ ޅަފަތުގެ ދިރިއުޅުން، އެހާ އުފާވެރިއެއް ނޫން

މިއީ ވަރަށް މަދު މީހަކަށް ނޫނީ ނޭނގޭނެ ވާހަކައެކެވެ. ކާއްޓޭގެ އެންމެ ގާތް ރަހުމަތްތެރިންނާ ވެސް ހިއްސާކޮށްފައި ނުވާ ވާހަކަ ތަކެކެވެ. ނަމަވެސް މި ވާހަކަ ތަކަކީ ކާއްޓޭއަށް ސަޕޯޓު ކުރާ ހުރިހާ އެންމެން ވެސް އެނގެން ވަރަށް ބޮޑަށް ބޭނުންވާނެ ވާހަކައެއް ކަން ގައިމެވެ.

ކާއްޓޭ އުފަންވީ 1989 ވަނަ އަހަރުގައެވެ. އެ ދުވަސްވަރަކީ ރާއްޖޭގައި ވަރަށް މަދު ބަޔަކު ނޫނީ މީހުން އެހާ ފޯރާ ދިރިއުޅުމެއް އުޅުނު ޒަމާނެއް ނޫނެވެ. ކާއްޓޭގެ އާއިލާއަކީވެސް ފަގީރު އާއިލާއެކެވެ. އާއިލާއަށް އާމްދަނީ ހޯދޭނެ މާ ގިނަ މަގުތަކެއް ނެތެވެ. އެއީ ކާއްޓޭއާ އޭނާގެ ދޮންބެއެވެ. އަދި އެހެން ބަނޑަކަށް ކާއްޓޭގެ ބައްޕައަށް ލިބިފައި ހުރި ދަރިއަކު ހުންނަކަމަށް ކާއްޓޭ ބުންޏެވެ. އޭރު ކާއްޓޭގެ އުމުރަކީ ގާތްގަނޑަކަށް 10 ވަރަކަށް އަހަރެވެ.

ކާއްޓޭގެ ބައްޕަ އަކީ ރަށު އޮފީހުގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. ކާއްޓޭއާއި އޭނާގެ އާއިލާ އޭރު އުޅެމުން އައީ އާދައިގެ ދިރިއުޅުމެކެވެ. މާބޮޑު ފޯރުންތެރިކަމެއް ނެތަސް އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް ކާއްޓޭގެ މުޅި ހަޔާތް ބަނަކޮށްލި ވިލާގަނޑު ނެގީ ކާއްޓޭއަށް ނުވެސް އެނގި ހުއްޓައެެވެ. ދިރިއުޅުން ސުންނާފަތިކޮށްލި ބިޔަ ރާޅު ބޯމަތިން ހިއްލައިލީ ކަމެއް ވާން އުޅޭކަމަށް ނުވެސް ވިސްނާ ހުއްޓައެވެ. ކާއްޓޭގެ ބައްޕަ ދިމާވި މައްސަލައަކާ ގުޅިގެން ރަށުން ބޭރަށް ފޮނުވާލިއެވެ. އެހިސާބުން ކާއްޓޭއާ އޭނަގެ އާއިލާގައި އޭރު ހުރި އެއްބަނޑުއެއްބަފާ ހަމައެކަނި ބޭބެގެ މުޅި ދިރިއުޅުން އަނދިރިވިއެވެ.

މި ހިސާބުން ނިމުނީއެއް ނޫނެވެ. ލޯބިވާ ބައްޕަ ލޯކުރިމަތީގައި ފެންނަން ނެތްކަމުގެ ހިތާމައިގައި ތިއްބާ ލޯބިވާ މަންމައަށް ވެސް ބަޔަކު ސިހުރު ހެދީއެވެ. ބައެއްގެ ނުބައި މުޑުދާރު އަމަލެއްގެ ސަބަބުން ކާއްޓޭގެ މަންމަގެ ހަށިގަނޑުގެ އެއްފަޅިން ވާގި ދިޔައީއެވެ.

އެއީ ދިރިއުޅުމުގައި އައި އަނދިރި ދުވަސްތަކެއް

އެއީ ކާއްޓޭގެ ދިރިއުޅުމުގައި އައި އަނދިރި ދުވަސްތަކެކެވެ. މަޖާ މިޒާޖެއްގެ ކާއްޓޭ މިވާހަކަ އަޅުގަނޑުމެންނާ ހިއްސާކުރީ ނުހަނު އަސަރާއެކުގައެވެ.

"އަހަރެމެން ބޭނުންވި އެއްވެސް އެއްޗެއް އޭރަކު ނުލިބޭ. މިސާލަކަށް ސުކޫލަށްދާ ބޫޓު ހަލާކުވިޔަސް ބޫޓެއް ނުލިބޭ. ދާން ޖެހޭނީ ތެރަހުން ތަތްކޮށްގެން. ވާރެެވެހޭ ދުވަހެއް އައިސްދާނެތީ ވެސް އޭރު އަހަރެމެން ބިރުގަނޭ، ބޫޓަށް ނޭރިދާނެތީ، ބޫޓު ނެއްޓިދާނެތީ، އެހެން މީހުންނަށް ލިބޭ އެއްޗިއްސެއް އޭރު އަހަރެމެންނަކަށް ނުލިބޭ"

ދިރިއުޅުމުގައި އެންމެ މާޔޫސްވާން ޖެހުނު އެއްކަމަކީ އެއީ ކަން ކާއްޓޭ ހިއްސާކުރިއެވެ. ސުކޫލަށް ގެންދަން ބޭނުންވާ ވަރަށް މުހިއްމު އެއްޗެއް ވިޔަސް ގަންނާނެ ގޮތެއް އޭރުގައި ކާއްޓޭއަށާއި އޭނާގެ ދޮންބެއަކަށް ނޯވެއެވެ. ކަމެއް ބޭނުންވެއްޖެ ނަމަ ދާން ޖެހެނީ އޭރު ރިސޯޓެއްގައި މަސައްކަތް ކުރި ބޮޑުބޭބެއެއްގެ ގާތަށް ކަމުގައި ކާއްޓޭ ބުންޏެވެ.

ކަމެއް ޖެހިގެން ގޮސްފިނަމަ އެކަމެއް އޭނާ ކޮށްދޭ ކަމަށާއި އަބަދުވެސް ވަރަށް ރަނގަޅުވާނެ ކަން ކާއްޓޭ ފާހަގަ ކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ދާން ޖެހިލުންވާ ކަމަށާއި ގޮތެއް ނެތިގެން ނޫނީ ގޮސްފައި ނުހުންނާނެ ކަން ކާއްޓޭ ފާހަގަ ކުރިއެވެ.

ގޭގައި ކާނެއެއްޗެއް ނެތިގެން އަމިއްލައަށް ކެއްކި

ކާއްޓޭގެ އާއިލާ އެދުވަސްވަރު އުޅެމުން ދިޔައީ ތަދު ދިރިއުޅުމެކެވެ. އާއިލާއަށް އާމްދަނީ ވަންނާނެ އެއްވެސް ގޮތެއް ނެތި ހަކުރާ ބަތާ އެކަނި ކައިގެން ވެސް ކާއްޓޭމެން މުޅި ދުވަސް ހޭދަކުރަން ޖެހުނެވެ. އެއީ ކާއްޓޭއަށް ދިމާވި ހިތްދަތި ދިރިއުޅުމެކެވެ. ހިތުގައި އަބަދުމެ ބިންވަޅު ނެގިފައިވާ ހަނދާންތަކެކެވެ.

ލޯބިވާ މަންމަ ބަލިވެ އެއްފަޅިން ވާގި ނެތިފައި އޮތް ދުވަސްވަރު ކާއްޓޭ އާއި އޭނާގެ ދޮންބެ އަމިއްލައަށް ރޮށި ދަމާ ރޮށި ފިހެގެން ވެސް ކެއެވެ.

"އަހަރެމެން އޭރު ދިރިއުޅުނީ ދެކޮޓަރީގެ ގެެއެއްގަ. އަހަރެމެން ބޮޑުވެގެން އައިއިރުވެސް، ޕްރައިވެސީއެއް، ކޮޓަރިއެކޭ ކިޔާފަ ކޮޓަރިއެއްވެސް ނުހުންނާނެ އެހާ ދަތިކޮށް އަހަރެމެން ބޮޑުވީ"

ކާއްޓޭގެ ޒުވާން ދުވަސްތައް ހިތްދަތިކަމާއި އެކަނިވެރިކަމުގައި ހޭދަ ކުރިއިރު ނުވަތަ އެ ދުވަސްތަކުގައި އުފާވެރިކަމެއް ނެތް އިރު މިއަދު އުފާވެރި ނުވަތަ އުފާ ކޮށްދޭ މީހަކަށް ވީ ކިހިނެއް ހެއްޔެވެ؟

ސުކޫލުގައި އުޅެމުން ވެސް އާމްދަނީ ހޯދަން މަސައްކަތް ކުރި

ކާއްޓޭ އާއި އޭނާގެ ދޮންބެ ބޮޑުވަމުން އައީ ނުހަނު ދަތި ހާލުގައެވެ. އުޅެމުން ދިޔައީ ހިތާމަވެރި ދިރިއުޅުމެކެވެ. އުފާވެރިކަމުން ވީ މަހުރޫމެވެ. އާއިލާއަށް އާމްދަނީ ލިބޭނެ ހަމަ އެއްވެސް ގޮތެއް ނެތުމުން ކާއްޓޭ އާއި އޭނާގެ ދޮންބެ ތިބީ ބިކަވެ ހާލުގައި ޖެހިފައެވެ. ލޯބިވާ މަންމަ ވެސް އޮތީ ބަލި އެނދުގައި ކަމަށް ވީތީއެވެ.

އެެހެންކަމުން ކާއްޓޭމެންނަށް މަޖުބޫރުވީ އެދެމީހުންގެ އާއިލާއަށް ޓަކައި ސުކޫލުގައި އުޅެމުން ވެސް އާމްދަނީ ލިބޭނެ ފަދަ އިތުރު މަސައްކަތް ތަކެއް ކުރުމަށެވެ.

"އޭރު ކްރައުޑާއި އެކީ ބޮޑެތި ދަނޑު އެއްޗެހި ނޮޅަން ގޮސް، ތަންތަން ސާފުކޮށް، މީހުނަށް ކޭބަލް ކޯރު ކޮނެދީ އެކަހަލަ ކަންތައްތަކުން ވެސް ކުދިކުދި ލާރިކޮޅުކޮޅު ލިބޭ"

އޭރު ކާއްޓޭގެ އުމުރުން އެންމެ 15 އަހަރެވެ. އެހާ ޅަ އުމުރެއްގައިވެސް ކާއްޓޭ މަސައްކަތް ކުރަން ފެށީ އާއިލާއަށް ޓަކައެވެ. ކާއްޓޭގެ ދޮންބެ ވެސް ސުކޫލް ނިމުމާއެކު ރިސޯޓަކަށް ވަޒީފާއަކަށް ދިޔައެވެ. ދޮންބެ ވަޒީފާއަށް ދިއުމުން ކޮންމެވެސް ވަރަކަށް ކަންތައްތައް ރަނގަޅުވި ކަމުގައި ކާއްޓޭ ފާހަގަ ކުރިއެވެ.

ކާއްޓޭގެ ހިތްދަތި ދިރިއުޅުމާއެކު ކަނޑައެޅި އަޒުމް 

ކާއްޓޭ ނިންމައިގެން ހުރީ ގްރޭޑް 10 ނިމޭއިރަށް އެންމެ ހިނދުކޮޅަކު ވެސް ރަށުގައި މަޑު ނުކޮށް ވަޒީފާއަށް ދިއުމަށެވެ. އޭރު ކާއްޓޭގެ އާއިލާއަށް އިތުރު 2 ކޮއްކޮ ވެސް ވަނީ އުފަންވެފައެވެ. ކާއްޓޭ އެންމެ ފުރަތަމަ އަޒުމް ކަނޑައެޅީ ކާއްޓޭ އާއި އޭނާގެ ދޮންބެ އެ އުޅުނު ހާލުގައި އޭނާގެ ދެ ކޮއްކޮ އުޅެން ނުޖެހޭނެ ކަން ޔަގީން ކުރުމެވެ. ކާއްޓޭ އާއި އޭނާގެ ދޮންބެ ކުރި ތަޖުރިބާ، ދުށް ދުވަސްތައް އޭނާގެ ކޮއްކޮމެންނަށް ކުރިމަތި ނުވާނެ ކަން ޔަގީން ކުރުމެވެ.

"އެއީ އެންމެ ބޮޑަށް ކުރި އަޒުމަކީ ، އެމީހުން ބޭނުން ކޮންމެ އެެއްޗެއް ސުކޫލަށްވެސް ގެންދެވޭނޭ. އެމީހުން ލައިފުގައި ބޭނުންވާ ކޮންމެ ކަމެއް، ބޫޓަށް ނޭރިވެސް ހުންނާކަށް ނުޖެހޭނެއޭ، ވާރެވެހޭ ދުވަސް ދުވަހުވެސް ދެވޭނެޔޭ. އެގޮތަށް މަގޭ އަޒުމު ހުރީ"

ކާއްޓޭ ކޮމީޑިއަންއަކަށް ވުމާ ކާއްޓޭގެ ހިތްދަތި ދިރިއުޅުމާ އޮތް ގުޅުން

ކާއްޓޭ  ބުނީ އެހާ ދަތި ދިރިއުޅުމެއް އުޅެމުންވެސް އޭނާގެ ފަރާތުން މީހަކަށް ހިނިތުންވުމެއް ނުވަތަ ހިތްހަމަ ޖެހުމެއް ލިބޭނަމަ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އޭނާގެ ފުށުން މީހަކަށް ހެވިއްޖެ ނަމަވެސް  ވަރަށް އުފާވާ ކަމަށްވެސް ކާއްޓޭ ބުންޏެވެ.

އެހިސާބުން ކާއްޓޭ ދިރިއުޅުުމުގައި ވަރަށް ބޮޑު ނިންމުމެއް ނިންމިއެވެ. އަޒުމުކަނޑައެޅީ އެހެން މީހުންނަށް ހިނިތުންވުން ގެނެސްދޭ މީހަކަށް ވުމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ކާއްޓޭ މިވާހަކަ އެއްވެސް މީހަކާ ހިއްސާކޮށްފައެއް ނުވެއެވެ.

"ދެން ވިސްނީ ވާހަކައަކީ އެކަކަށްވެސް ނޭނގޭނެ އަދި ދުވަހަކުވެސް ކިޔައެއް ނުދެން، ގޭ މީހަކަށްވެސް ނޭނގޭނެ އެއްވެސް އެކުވެރިއަކަށްވެސް ނޭނގޭނެ. އެހިސާބުން އަޒުމް ކަނޑައެޅީ އެހެން މީހުންނަށް ހިނިތުންވުން ގެނެސްދޭ މީހަކަށޭ މަ ވާނީ. އެއީ އަސްލު ކޮމީޑިއަން އަކަށް ވާން ބޭނުންވީ ސަބަބު"

އެހިސާބުން ކާއްޓޭ އަޒުމް ކަނޑައެޅީ ކޮންމެވެސް އެއްގޮތަކަށް ހިނިތުންވުމެއް ބޭނުންވެފައި ހުރި މީހަކަށް ހިނިތުންވުން ގެނެސް ދެވޭނެ ފަދަ މީހަކަށް ވުމަށެވެ.

"މި ނައްޓާލީ، ދެން ފެންނާނީ ހޭޔަންބޯ އިން"

އެންމެ ފުރަތަމަ ސުކޫލް ނިންމާ މާލެއަށް އަންނަމުންވެސް ރައްޓެހިންގެ ގާތުގައި ކާއްޓޭ ބުނީ މިހެންނެވެ. "މަ މިނައްޓާލީ ދެން. ދެން އެންމެ އަވަހަށްވެސް ފެންނާނީ ހޭޔަންބޯއިން" މިހެންނެވެ. ކާއްޓޭ ހޭޔަންބޯ ޕްރޮގްރާމުން ފެންނާނެއޭ ބުނި ސަބަބަކީ ކޮބައި ބާވައެވެ؟

"ހޭޔާންބޯ އިން ފެންނާނެޔޭ ބުނި ސަބަބަކީ އޭރު ރާއްޖޭގައި އެންމެ މަޝްހޫރު ޕްރޮގްރާމަކީ ހޭޔަންބޯ، އެއީ އަހަރެމެންގެ ލެވެލެއް ނޫންތާ އޭރު، އޭރު ރާއްޖޭގައި މަޝްހޫރުވާ އެންމެން ވެސް އަރާނެ ހޭޔަންބޯއަށް"

ކާއްޓޭ ބުނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ކޮމީޑިއަނުން ކަމަށްވާ ޝާޒް (ތަޖޫބެ) މެން ފަދަ މީހުން ވެސް ސިފައުފާ ޝޯއަށް އެރުމުގެ ކުރިން ވެސް ހޭޔާންބޯއަށް އެރި ކަމަށެވެ. އަދި އޭރު އޭނާ ވެސް ބޭނުންވީ ސިފައިންގެ އަށް ވަންނަން ކަމަށާއި ސިފައިގެއަށް ވަދެ ސިފައުފާ ކުޅެލާ ހޭޔަންބޯ އަށް އެރުމަކީ ކާއްޓޭ ދެކެމުން އައި ހުވަފެނެއް ކަމަށް ކާއްޓޭ ބުންޏެވެ.

އެހެންނަމަވެސް މިއަދު ކާއްޓޭ މާ އުފާވާ ކަމަށާއި، މިއަދު ކާއްޓޭ އާންމުންނަށް ފެނިފައި މިވަނީ މާ ރަނގަޅަށް ކަމުގައި ކާއްޓޭ ފާހަގަ ކުރިއެވެ. ކާއްޓޭ އަދި ހޭޔަންބޯ ޕްރޮގްރާމުން ވެސް ފެނުމަކީ އަޅުގަނޑުމެންގެ އުއްމީދެވެ.

ކާއްޓޭގެ ކޮމީޑިއަން ކެރިއަރުގެ ފެށުން، ސްނެޕްޗެޓް ފިލްޓަރ

ކާއްޓޭ އާންމުންގެ ތެރެއަށް އެންމެ ފުރަތަމަ މަޝްހޫރު ވެގެން ދިޔައީ ސްނެޕްޗެޓްގެ ފިލްޓަރ އެއް ބޭނުންކޮށް ކާއްޓޭ ތައްޔާރު ކޮށްފައިވާ ވީޑިއޯކްލިޕް ތަކަކުންނެވެ. އޭނާ އެންމެ ފުރަތަމަ މި ފިލްޓަރ ބޭނުން ކުރީ ރައްޓެހިންނާއެކު ސަކަރާތް ޖެހުމަށެވެ.

އެންމެ ފުރަތަމަ ކާއްޓޭގެ އާންމުވެ ވައިރަލް ވި ވީޑިއޯ އަކީ ރަސްލީ ސްޕާރީ ރާއްޖެއިން މުޅިން ހުސްވުމުން އޭނާ ތައްޔާރުކުރި ވީޑިއޯއެކެވެ. އެ ވީޑިއޯގައި ކާއްޓޭ ވަނީ ރަސްލީ ސްޕާރީއާ ދިވެހިންނާ ހުރި ގުޅުން ވަރަށް ރަނގަޅަށް ވެސް ކިޔައިދީފައެވެ.

އެ ވީޑީއޯ ތައްޔާރުކޮށް ފޭސްބުކުގައި އަދި އިންސްޓަގްރާމްގައި ކާއްޓޭ ހިއްސާކުރީ އެއްވެސް ހާލެއްގައި އެ ވީޑިއޯ ވައިރަލްވެގެން ދާނެ ކަމަކަށް ނޫނެވެ. އެއްވެސް ހާލެއްގައި އެއީ އޭނާގެ ކެރިއަރުގެ ފެށުން ކަމަށް އުއްމީދު ކޮށްގެނެއް ވެސް ނޫނެވެ.

#istandwitRASLY

Posted by Kaattey de Vaancho on Wednesday, July 18, 2018

 

ކާއްޓޭއަކީ ސުކޫލް ދައުރުގައި ވަރަށް މަޑުން ހުންނަ މީހެއް

މިއަދު ކާއްޓޭ އަޅުގަނޑުމެން އެންމެންނަށް ވެސް އެނގިފައިވަނީ ކޮމީޑިއަންއެއްގެ ގޮތުގައެވެ. ނަމަވެސް ކާއްޓޭގެ އުފަން ރަށް ކާށިދޫގެ ރައްޔިތުންނަށް އެނގިފައިވަނީ އެހެން ކާއްޓޭ އެކެވެ. މަޑުމައިތިރި، ބަސްމަދު ކާއްޓޭ އެކެވެ. ސުކޫލުގައި އުޅުނު އިރުގައިވެސް ހަރަކާތެއް އޮތަސް ބައިވެރި ނުވާ ކުއްޖެއްގެ ގޮތުގައެވެ. އިތުރު ހަރަކާތެއްގައި ވެސް ކާއްޓޭ ބައިވެރި ކުރަން ޖެހޭނީ ގަދަކަމުންނެވެ.

"ރަށު މީހުން މިހާރުވެސް ގުޅާފަ ބުނާނެ ކަލޭ ކީއްވެހޭ ތި ދާއިރާ ޚިޔާރު ކުރީ. އެެއްކަލަ ރަށުގަ އުޅުނު އިރުވެސް މި ފޭސް އެއް ނުވެސް ފެންނާނެ އެއްވެސް ވަރަކަށް. ދެން ގޭގަ ރައްޓެހިންނާއެކީ މަޖާކޮށްލަން އެހެން އުޅެނީ. ރަށުގަ (ސުކޫލުގަ) ދިވެހި ދުވަހެއް ފާހަގަ ކުރިޔަސް ތަމްސީލެއް ކުޅެން ޖެހުނަސް މަ އިންނާނެ ފަހަތުގަ ހިރަފުސް އަރުވަން. ވާހަކަ އަކީ ނުފެންނާނެ. އެކަހަލަ ކަންކަމުގަ ބައިވެރިވެސް ނުވަން. ގަދަކަމުން ، ސުކޫލުން ކަނޑާލާ ހިސާބުން ކަމެއްގަ ބައިވެރިކުރަން ޖެހޭނީ"

ކާއްޓޭގެ ޝައުގުވެރިކަން އެދުވަސްވަރު ހުރީ ކުޅިވަރަށެވެ. ސްޓޭޖް މަތީގެ ހަރަކާތްތަކަށް ކާއްޓޭގެ މާބޮޑު ޝައުގުވެރިކަމެއް އެ ދުވަސްވަރު ނުހުރެއެވެ. އަދި އެންމެ ކުރިންސުރެ ވެސް ކާއްޓޭ އަކީ ޘަގާފީ ހަރަކާތްތަކަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އެގޮތުން ބެރުޖެހުން، މާލި ނެރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކާއްޓޭގެ ފޭވަރިޓަކީ ހާޖަރާ

ހާޖަރާއަކީ ދިވެހިރާއްޖޭގެ އެންމެން ދަންނަ މީހެކެވެ. މޮޅު ފިލްމު ސްޓާރެކެވެ. މިއަދު ހާޖަރާ ދުނިޔޭގައި ނެތްނަމަވެސް ހާޖަރާގެ ފިލްމުތަކުގެ ވީޑިއޯތައް ދިވެހިން ބަލަނީ ހިނިތުންވެ ތިބެއެވެ. ހާޖަރާގެ ޑައިލޮގް ތަކަކީ އެ ބަލައިފި މީހަކު ހީހީ ހަލާކުވާވަރުގެ ޑައިލޮގް ތަކެކެވެ. ނަމަވެސް ހާޖަރާާއަކީ ކޮމީޑިއަން އެއްގެ ގޮތުގައި މަޝްހޫރުވީ މީހެއް ނޫނެވެ.

ކާއްޓޭގެ ފޭވަރިޓަކީ ހާޖަރާއެވެ. ކާއްޓޭ ގަބޫލުކުރާ ގޮތުގައި ހާޖަރާ އަކީ ކޮމީޑިއަންއެކެވެ. ސަބަބަކީ ހާޖަރާގެ ޑައިލޮގްތަކުން މީހުން ހެއްވާލަދޭތިީއެވެ. ހާޖަރާގެ ވީޑިއޯތައް ބަލައި ހިނިގަނޑު ހިފަހައްޓާލަން ކޮންމެ މީހަކަށްވެސް އުނދަގޫ ވާތީއެވެ.

ހާޖަރާ މިއަދު ދުނިޔޭގައި ހުރިނަމަ ހާޖަރާއާއެކު ވީޑިއޯ ކްލިޕެއް ކުޅުމަކީ ކާއްޓޭ ވަރަށް ބޭނުން ވާނެ ކަމެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް މިއަދު ހާޖަރާ ދުނިޔޭގައި ނެތްކަން ކާއްޓޭ ފާހަގަ ކުރީ ނުހަނު މޮޅިވެރިކަމާއެކު ހާޖަރާއަށް ހެޔޮދުއާ ކުރަމުންނެވެ.

އެކުގައި ވީޑިއޯ ކޮޅެއް ކުޅެލަން ކާއްޓޭ ބޭނުންވާ އަނެއް ކޮމީޑިއަން އަކީ ޔޫސުފް ރަފީއު (ޔޫސޭ) އެވެ. ޔޫސޭއާއި އެކު ކުޑަ ވީޑިއޯ ކޮޅަކުން ފެނިދާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް "ދިރިއުޅުމަކީ މިއީ" ފަދަ ބޮޑު ޕްރޮޖެކްޓަކުން ކާއްޓޭ އެއް ނުފެންނާނެއެވެ.

ކާއްޓޭ ފިލްމީ ދާއިރާއިން ފެނިދާނެ ތަ؟

ކާއްޓޭ ފިލްމީ ދާއިރާއިން ފެނިދާނެތޯ ނުވަތަ ނޫންތޯ، މިއީ ކާއްޓޭގެ ފޭނުން ޖަވާބު ބޭނުންވެފައި ތިބޭނެ ސުވާލެއް ކަން ގައިމެވެ.އަދި ކާއްޓޭ އުޅޭ ފިލްމެއް ބަލާލުމަށް ކެތްމަދުވެ ފެން ބޮވައިގެންފައި ތިބި އެތައް ބަޔަކު ތިބޭނެ ކަން ޔަގީނެވެ. ނަމަވެސް އެފަދަ ފޭނުންނަށް ކާއްޓޭ ދޭން އޮތީ އެހާ އުފާވެރި ހަބަރެއް ނޫނެެވެ.

ދެފައިތަޅާފައި ރޯން ނުފަށައްޗެވެ. ނަމަވެސް ކާއްޓޭ ފިލްމީ ދާއިރާއިން ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ސަބަބަކީ ކާއްޓޭ ބުނި ގޮތުގައި ކާއްޓޭ އަކީ ފިލްމްސްޓާރެއް ނޫނެވެ.

"ފިލްމީ ދާއިރާގައި އަދިވެސް ނެތް ކަންނޭނގެ މަގޭ ހިތުގައި އޮތް ކަހަލަ ރޯލެއް އޮތް ފިލްމެއް ، އެކަހަލަ އެއްޗެއް ލިބިއްޖިއްޔާ ފަހަރެއްގަ ފެނިދާނެ. އެކަމަކު ފިލްމަކުން ވަރަށް ހީނުވޭ ފެންނާނެހެން"

ކާއްޓޭގެ ފިލްމެއް ބަލާލުމަށް ކެތްމަދުވެފައި ތިބި ކާއްޓޭގެ ފޭނުންނަށް ކާއްޓޭ ދޭން އޮތް ޚަބަރަކީ މިއީއެވެ. އަދި މިހާތަނަށް ފިލްމީ ދާއިރާއިން ކުރިއަށް ދާން ޚިޔާލެއް ނެތް ކަމަށް ކާއްޓޭ ފާހަގަ ކުރިއެވެ.

މިހާތަނަށް އައިއިރު ކާއްޓޭއަށް ފިލްމީ ދާއިރާއިން ފުރުސަތެއް ލިބިފައިވޭތޯ އަޅުގަނޑުމެން ކާއްޓޭއާ ސުވާލު ކޮށްލީމެވެ. ޖަވާބު ދެމުން ކާއްޓޭ ބުނީ، "އޮފާއެއް" އައި ކަމަށެވެ، ނަމަވެސް އެފަހަރުވެސް އޭނާ އަކީ ފިލްމު ކުޅޭ މީހެއް ނޫން ކަމަށް ބުނި ކަމުގައި ކާއްޓޭ ފާހަގަ ކުރިއެވެ.

😮🔨🔨🔨🔨

މަބުނީ ބޭނުންތަ ވާ އޮ އެއް..ފޮނުވިދާނެ..😮

Posted by Vaanchoa BBG on Thursday, May 28, 2020

ކާއްޓޭ އެންމެ އުފާވާ އެއް ކަންތައް، އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ ދެއްކުން

ކާއްޓޭ ފާހަގަވެފައި އޮންނަނީ އިޖުތިމާއީ މައްސަލަތަކަށް ވަރަށް ގިނައިން އަލިއަޅުވާލާ ވީޑިއޯ ހަދާ މީހެއް ގޮތުގައެވެ. އެގޮތުން ރާއްޖޭގައި މިއަދު ގިނަ ބައެއްގެ ގައިގައި ހަރުލާފައިވާ އެއް އާދަކަމުގައިވާ އެހެން މީހުންގެ ނުބައި ވާހަކަ ދެއްކުން، އަންހެނުން ތަނަކަށް ދާން ވެއްޖެ ނަމަ ލަސްވުން، މީގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ކާއްޓޭ ވަނީ ގެނެސްދީފައެވެ.

Dhivehi sagaafathuge thereah ehen sagaafatheh Vann Nama?? 🤔🤔🤔🤔🇲🇻

Posted by Kaattey de Vaancho on Tuesday, September 18, 2018

 

އެގޮތުން ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ކާއްޓޭ ވަނީ ރައްޔިތުންނަށް އޭނާގެ ވީޑިއޯތައް މެދުވެރިކޮށް ގިނަ މެސެޖުތަކެއް ދީފައެވެ. ގިނަ ނަސޭހަތްތަކެއް ދީފައެވެ. އަދި އެއިން ކޮންމެ ވީޑިއޯ އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ވީޑިއޯ ތަކެކެވެ.

ކާއްޓޭއަށް މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތް

ކާއްޓޭ އެންމެ އުފާވާ ކަމަކީ އަދި އެންމެ ހިތްހަމަ ޖެހޭ ކަމަކީ އޭނާގެ ފޭނުން އޭނާއަށް ދޭ ތަރުހީބެވެ.  އޭނާގެ ފޭނުން އޭނާއާ ދޭތެރޭ ބަހައްޓާ ގާތްކަމެވެ. އަދި އޭނާގެ މަސައްކަތްތައް މީހުން ބަލައިގަންނާތީއެވެ.

އަދި ހަމަ އެހެންމެ ނޭނގިގެން ނަމަވެސް ކާއްޓޭއަށް އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލާ ވާހަކަ ދެއްކުނީތީ ނުހަނު އުފާކުރާ ކަމުގައި ކާއްޓޭ ފާހަގަ ކުރިއެވެ. އެ ވާހަކަތަކަކީ މުޖުތަމައު ތެރޭގައި އެއްވެސް ބަޔަކަށް ދައްކަން ނުކެރިފައި ހުރި ވާހަކަތަކެއްގެ ގޮތުގައި ސިފަ ކުރިއެވެ.

ކާއްޓޭއަށް ސަޕޯޓް ކުރާ މީހުންނަށް އުފާވެރި ހަބަރެއް، އަދި މެސެޖެއް

ކާއްޓޭ ބުނީ ކާއްޓޭގެ ފޭނުންނެއް ނުތިބޭނެ ކަމަށެެވެ. ކާއްޓޭގެ މަސައްކަތްތައް ބަލައިގަނެ ކާއްޓޭއަށް ސަޕޯޓް ކުރާ އެންމެންނަކީ ވެސް ކާއްޓޭގެ ރައްޓެހިންގެ ގޮތުގައި އޭނާ ސިފަކުރެއެވެ. އަދި އެ އެންމެނަށް ކާއްޓޭ ވަނީ އުފާވެރި ޚަބަރަކާއި މެސެޖެއްވެސް ދީފައެވެ.

"ހުރިހާ އެންމެންނަށް ވެސް ބުނެލަން ބޭނުންވަނީ ވަރަށް އުފާވެޔޭ ތިޔަ ކުރާ ސަޕޯޓަށް، ތިޔަ ބަހައްޓާ ގާތްކަމަށް އަސްލު ދޯ. މިހެން އުޅޭ އިރުވެސް ތަންތަނަށް ދާއިރުވެސް، ދެން ވަރަށް ހެޕީ ހަމަ"

ކާއްޓޭގެ ފޭނުންނަށް ކާއްޓޭ ދޭން އޮތް އުފާވެރި ޚަބަރަކީ ކާއްޓޭ އޭނާގެ އަމިއްލަ ސްޓޫޑިއޯ އެއް ހުޅުވަން އުޅޭ ކަމުގެ އުފާވެރި ޚަބަރެވެ. އަދި އެ ސްޓޫޑިއޯ އިން ކާއްޓޭގެ އަމިއްލަ އުފެންދުންތަކެއް ކައިރި މުސްތަޤުބަލެއްގައި ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ. ކޮމިޑީގެ ތަފާތު މަސައްކަތް ތަކެއް ފެނިގެންދާނެ ކަމުގައި ފާހަގަކުރިއެވެ.

ކާއްޓޭއާމެދު މިއަދު އާއިލާއިން ފަޚުުރުވެރިވޭ

ކާއްޓޭގެ އާއިލާއިން މިއަދު ކާއްޓޭއާމެދު ވަރަށް ފަޚުރުވެރިވެއެވެ. ކާއްޓޭ ކުޑައިރު ދުށް ހުވަފެނުގައި މިއަދު ކުލަޖެހިފައިވާ ކަމުގެ އިހްސާސް އޭނާއަށް މިއަދު ކުރެވެއެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. އޭނާ އަޒުމް ކަނޑައެޅީ އޭނާގެ ކޮއްކޮމެންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށެވެ. އޭނާ އާއި އޭނާގެ ދޮންބެ އުޅެން ޖެހުނު ހާލުގައި އޭނާގެ ކޮއްކޮމެން އުޅެން ނުޖެހޭނެ ކަން ޔަގީން ކުރުމެވެ. އެކަން މިއަދު އޭނާ އެބަ ކުރެއެވެ. މިއަދު އޭނާގެ ކޮއްކޮމެން އަދި މައިންބަފައިން ވެސް އުޅެމުން އަންނަނީ އުފާވެރި ދިރިއުޅުމެކެވެ.

"ދެން މިހާރު އިރާދަކުރެއްވިއްޔާ ކޮއްކޮމެން ބޭނުންވާ ހުރިހާ އެއްޗެއްވެސް ލިބޭނެ. މަންމަމެން ފަޚުރުވެރިވާ ވަރުގެ ދަރިއަކަށް ވާނެ. އެއީ މަންމަމެން މާލެ އަޔަސް މީހުން އަތް ނަގާ ގޮވާލާ ހަދާތަން ފެނުނަސް، އެހެން ރަށްރަށުން އީދަށް މީހުން ރަށަށް ދިޔަޔަސް ގޭދޮށަށް ދެވިއްޖިއްޔާ މީ ކާއްޓޭމެންގެ ގެ ހެއްޔޭ، ކާއްޓޭ މަންމަ ހޭ ބައްޕަހޭ މީ އަހާލާނެ. އެެެހެންވެ އުފާވާނެ"

މިއަދު ކާއްޓޭ އޭނާގެ މަސައްކަތާއި މެދު އުފާވެއެވެ. އޭނާގެ މަސައްކަތާމެދު ހިތްހަމަޖެހެއެވެ. ސަބަބަކީ މިއަދު އޭނާވެސް އަދި އޭނާގެ އާއިލާވެސް އުޅެމުން އަންނަނީ އުފާވެރި ދިރިއުޅުމެއް ކަމުގައި ވާތީއެވެ.

ކާއްޓޭގެ އަންބަކާއި ދަރިއަކުވެސް މިއަދު އެބަހުއްޓެވެ. އަންހެނުންނާއި ދަރިފުޅުގެ އެހީތެރިކަމާއި ސަޕޯޓް ކުރިއަށް ދިއުމުގައި ވަރަށް ބޮޑަށް ލިބޭކަން ކާއްޓޭ ފާހަގަ ކުރީ ހިނިތުންވެ އިނދެއެވެ.

ކާއްޓޭގެ ޝުކުރުގެ ލިސްޓު

ކޮންމެ މީހަކަށްވެސް ކުރިއަށް ދިއުމުގައި ގިނަ ބައެއްގެ އެހީތެެރިކަން މުހިއްމުވާނެ ކަން ގައިމެެވެ. އަދި ކާމިޔާބީއެއް ހޯދުމަށްޓަކައި އެތައް ބަޔަކު ވާގިވެރިވާނެކަން ގައިމެވެ. ކާއްޓޭގެ ޝުކުރުގެ ލިސްޓު އޭނާ ފެށީ ގަދަކީރިތިވަންތަ މާތް ﷲއަށް ހަމްދާއި ޝުކުރު ކުރަމުންނެވެ.

އެއަށްފަހު ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި ކާއްޓޭ ބުނީ، އޭނާ މިހާހިސާބަށް އައުމުގައި އެންމެ އެހީތެރިވެދިން އެއް ބަޔަކީ "ވާންޗޯ ޓީމް" ކަމަށެވެ. އެހެންކަމުން ކާއްޓޭގެ ހާއްސަ ޝުކުރު ހައްގުވާ އެއް ބަޔަކީ މުޅި ވާންޗޯ ޓީމެވެ.

ކާއްޓޭ ވާންޗޯ ޓީމާއެކު

އެއަށްފަހު ކާއްޓޭގެ އެންމެ ޚާއްޞަ ބައިވެރިޔާ ވިޝާލްގެ ނަން ފާހަގަކޮށް ވަކިން ހާއްސަކޮށް ކާއްޓޭ ޝުކުރު އަދާކުރިއެވެ. އަދި މީގެ އިތުރުން އޭނާގެ ހުރިހާ އެކުވެރިން ވެސް ކާއްޓޭގެ ޝުކުރުގައި ޝާމިލް ކުރިއެވެ.

ކާއްޓޭގެ ޝުކުރުގެ ލިސްޓު ނިންމާލީ އޭނާގެ ވީޑިއޯތަކަށް ލޯބިކުރާ، އޭނާގެ ވީޑިއޯތަަކަށް ހިތްވަރުދޭ އެންމެހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަމުންނެވެ.

ކޮބައިތަ ދެފައި؟ އާދޭސް ކޮށްފަަ ބުނަން..މަޑުކޮށްދީ.. 😢ސެނަޓައިޒަރ ފުޅިއެއް ލިބިދާނެ..ފުރާނައެއް ދޭކަށްނުލިބޭނޭVideocredit: Maahid thanks bro

Posted by Kaattey de Vaancho on Friday, March 20, 2020

 

މިއީ ޅަފަތުގައި އުފާވެރިކަމުން މަހުރޫމްވި ދިވެހި ކުޑަކުޑަ ކުއްޖަކު ދެކެމުން އައި ހުވަފެނެއްގެ ވާހަކައެވެ، އާނއެކެވެ. ކާއްޓޭގެ ޅަފަތުގައި އޭނާ ތަހައްމަލް ކުރަން ޖެހުނު ކަންތައްތަކަކީ ކުދިކުދި ކަންތައްތަކެއް ނޫނެވެ. އެކަންތައްތަކާ ކާއްޓޭ ކުރިމަތިލީ ކެތްތެރިކަމާއެކުގައެވެ. އަދި އެކަންކަމާ ކުރިމަތިލާން ޖެހުމުން ކާއްޓޭ އަޒުމް ކަނޑައެޅީ ކޮންމެވެސް ދުވަހަކުން ހިނިތުންވުމެއް ބޭނުންވެފައިވާ ކޮންމެ މީހަކަށްވެސް އޭނާގެ ފަރާތުން ހިނިތުންވުމެއް ދިނުމަށެވެ.އެތައްބަޔަކު ހިނިތުންވާނެ ސަބަބަކަށް ވުމަށް ޓަކައެވެ.

މިއަދު ކާއްޓޭއަކީ އަޅުގަނޑުމެން އެންމެން ދަންނަ މީހެކެވެ. އޭނާގެ ވީޑިއޯތައް ވަނީ އެތައް ބަޔަކަށް ހިނިތުންވުން ގެނެސްދޭ އެއްޗަކަށް ވެފައެވެ. އާނއެކެވެ. ޅަފަތުގައި ހިނިތުންވުމުން މަހުރޫމްވި ކާއްޓޭ މިއަދު އެހުރީ އެހެން މީހުން އުފާ ކޮށްދިނުމުގައެވެ.

ކާއްޓޭއާއިއެކު ހޭދަކޮށްލެވުނު ވަގުތުކޮޅަކީ ނުހަނު އުފާވެރި، ހިތްހަމަޖެހޭ އަދި މަޖާ ވަގުތު ކޮޅެކެވެ ދެއްވި ވަގުތުކޮޅަށް ޓަކައި ޝުކުރުވެރިވަމެވެ. އަޅުގަނޑުމެންނާއި "ދެން"ގެ ފަރާތުން ކާއްޓޭއަށް އެދެނީ އުފާވެރި، ފާޤަތި މުސްތަގުބަލަކަށެވެ.

 

Ads by Allied Insurance
  1. އެންމެ ފުރަތަމަ ފެށުނީ ވީ ޗެޓުން ހިތްވަރު ދީގެން ޑޯންޓް ފޮގެޓް

  2. އަޝްރަފް ޢަލި

    ވ ބުރަ މަސައްކަތެއް މިއީ
    މީހެއްގެ ހަޔާތުގެ އެންމެ ސަފުހާއެއް ވެސް ލިޔެ ވުޖޫދުކުރާން ލިޔުންތެރިޔަކު ކުރާ މަސައްކަތަމީ ވ ބޮޑު މަސައްކަތެއް.
    މި ކަން ވަރަށް ބޮޑަށް ފާހަގަކުރަން
    ކާއްޓޭ އެއީ ވަރަށް ހިތް ހެޔޮ ހެޔޮލަފާ ފަންނާނެއް
    ކޮންމެ ވަގުތަކު ވެސް ވާހަކަ ދެކެވޭ ރައްޓެއްސެއް
    އަދަބުވެރިކަމާއެކު މުއާމަލާތުކުރާ ދިވެއްސެއް
    އަހުރެން ދުށް “އިންސާނެއް”
    އެދެނީ ކާމިޔާބަށް

  3. ޢާދިލް އާލު

    ކޮންރަށެއް ކަމެއް، ކާކުގެ ދަރިއެއް ކަމެއް ތިޔަ އާޓިކަލަކުން ނޭނގުނު…
    ކާއްޓޭ ކަހަލަ މަޝްހޫރު މީހުން އެމީސްމީހުންގެ ވަނަވަރު ކިޔުންތެރިންނާއި ހަމައަށް މި އާޓިކަލްގައި ގެނެސްދެވިފައި ނެތީމާ ހިތާމަ ކުރަން.. ޒިންމާދާރު ނޫސްވެރިކަން ކުރައްވާ.

    • އާދިލުގެ ބޭބެ

      އާދިލު ގާތު ކިތައްދުވަހު ބުނަންވީ މުޅިލިޔުން ކިޔާށޭ ނޫނީ އަތަށޭ ގޮވާނީ

      • ޢާދިލް

        ނެތް… ލޮލަށް ގޮވަން ޖެހިދާނެ!

      • އާދިލްގެ ކޮއްކޮ

        އާދިލްބޭބެ ހެޔޮ ނުވާނެ އާޓިކަލް އެއްކޮށް ކިޔާބަލަ.. ސުރުހީ ކިޔާ ލައިގެން މިހާރަކު ޚަބަރު ތަކުގެ ވާނުވާ އެއް ނޭނގޭނެ.

    • މަވެސްް ހަމަަ ހިތަަށްް އެރީީ ތިހެން

    • ޢަލީ

      ޢެއޮތީނުކާށިދޫއެ

    • ަޠާނީ

      ރަށް ލިޔެފަ އެބައިން. ރަނގަޅަށް ކިޔާލާ.

    • ކިޔުމުގައި ޒިންމާދާރުވެބަ!

  4. ވޯލް

    ރާއްޖޭގެ ކަޕިލް ސަރުމާ. ވަރަށްވެސް ތަފާތު މޮޅެތި ކްރިއޭޓިވް އެއްޗެހި ހަދާ. އޯލްދަބެސްޓް.