ދުނިޔެ

އުފަންދުވަހުގެ ހަދިޔާއަކަށް މޯދީ ބޭނުން ވަނީ "ގައިދުރުކަން އިޚްތިޔާރު" ކުރަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުފަން ދުވަހުގެ ހަދިޔާ އަކަށް ބޭނުން ވަނީ އެންމެން ވެސް އިޖުތިމާއީ ގައިދުރުކަން އިޚްތިޔާރު ކުރުމަށް ކަމަށް އިންޑިއާ ގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިއްޔެ އަކީ މޯދީ އަށް 70 އަހަރު ފުރުނު ދުވަހެވެ. އުފަންދުވަހުގެ ހެޔޮ އެދުންތައް އިންޑިއާގެ ވަރަށް ގިނަ ރައްޔިތުންނާއި އެހެން ޤައުމުތަކުން މީހުން ވެސް އޭނާއަށް ފޮނުވާފައިވެއެވެ.

އެ އެންމެންނަށް ޝުކުރު އަދާކުރެއްވުމުގައި ރޭގައި ވަރަށް ބިޒީކޮށް އުޅުއްވަމުން، ކުރެއްވި ޓްވީޓެއްްގައި މޯދީ ވިދާޅުވެފައި ވަނީ، އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން އެންމެ ބޭނުން ވަނީ ކޮން އެއްޗެއްތޯ ވަރަށް ގިނަ މީހުން ސުވާލު ކޮށްފައިވާ ކަމަށެވެ.

"އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ބޭނުމީ އެންމެން ވެސް މާސްކު އެޅުމަށާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް" މޯދީ ވިދާޅުވެފައިވެއެވެ.

މޯދީ މިހެން ވިދާޅުވެފައިވަނީ ހަލުވިކަމާއެކު އިންޑިއާ ގައި ފެތުރެމުން އަންނަ ކޮވިޑް-19 ބައްޔަށް އިޝާރާތް ކުރައްވާފަައެވެ. މިޤައުމުން މިހާރު މިބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ފަސް މިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު، އިންޑިއާ މިހާރު ވެފައިވަނީ މުޅި ދުނިޔެއިން ވެސް ދެވަނަ އަށް މިބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޤައުމަށެވެ. އެއްވަނައިގައި އަދިވެސް އޮތީ އެމެރިކާއެވެ.

އިންޑިއާގައި އިއްޔެ ވެސް އިތުރު 97،894 މީހުން ބައްޔަށް ފައްސިވެފައިވާއިރު ޖުމްލަ 5.21 މިލިއަން މީހުންނަށް އެޤައުމުން މިބަލި ޖެހިފައިވެއެވެ. އަދި 84،372 މީހުން ވަނީ އެޤައުމުން މިބަލީގައި މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!