ޝައްފާންގެ ކަށުނަމާދު މިރޭ 23:30ގައި އާސަހަރާ މިސްކިތުގައި

ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް މިއަދު ހަވީރު ނިޔާވި މ.ބޮއިލިންގ ފިޝް ޝައްފާން ރަޝީދު (24އ)ގެ ކަށު ނަމާދު މިރޭ 11:30ގައި އާސަަހަރާ މިސްކިތުގައި އޮންނާނެއެވެ.
ޝައްފާން ވެސްޓްޕާކް ސަރަހައްދަށް ސްނޯކްލިންގ އަށް ދިޔައީ މިއަދު 11:00 ހާއިރެވެ.
އޭނާ ގެއްލުނު ކަމުގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު 16:36 ހާއިރެވެ. ޝައްފާން ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ސްކޮޑްރޮންގެ ޑައިވަރުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ކޯސްޓްގާޑުގެ ޑައިވަރުންނާއި އާއްމުންގެ ޑައިވަރުން ގުޅިގެން ޝައްފާން ހޯދުމަށް ކުރި މަސައްކަތުން އޭނާގެ ހަށިގަނޑު ފެނިފައިވަނީ އާއްމުންގެ ޑައިވަރުންނަށެވެ.

އެނގިފައިވާ ގޮތުގައި ޝައްފާން މަސައްކަތް ކުރަމުން ދިޔައީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަޔަރ ފައިޓަރެއްގެ ގޮތުގައެވެ. އަދި 24 އަހަރުގެ މި ޒުވާނާ ކައިވެނި ކުރިފަހުން އަދި ވީ 16 ދުވަހެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون