މުޒާހަރާ ކުރަމުން އެދާ މީހުންނަކީ ޓެރެރިސްޓުން: ކަންގަނާ

އިންޑިޔާގެ ޤާނޫން ހަދާ ދަށުގެ، ލޯކް ޝަބާއިން އެޤައުމުގެ ދަނޑުވެރިކަމާ ގުޅޭ ގޮތުން ފާސްކޮށްފައިވާ 3 ބިލަކާއި ގުޅިގެން އިންޑިއާގެ މަޝްރަޙް ހޫނުވެ، އެޤައުމުގެ ބައެއް ހިސާބުތަކުގައި މުޒާހަރާ ކުރަން ފަށާފައިވާއިރު، މުޒާހަރާގެ ބައިވެރިންނަކީ ޓެރެރިސްޓުން ކަަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނާވަތު ބުނެފިއެވެ.
ސަރުކާރުން ތާޢީދު ކުރާ މިބިލް ލޯކް ޝަބާއިން ފާސްކުރުމާއި ގުޅިގެން އުފެދިފައިވާ އަރައިރުންތައް ސާފުކޮށްދެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޓްވީޓެއް ކޯޓް ކުރަމުން ކަންގަނާ ބުނެފައިވަނީ، އަބަދުވެސް ބަދަލެއް ގެންނަން އުޅޭއިރު، އެކަމާ ދެކޮޅު ހަދާ ބައެއް ތިބޭނެ ކަމަށާއި އެއީ ދުނިޔޭގެ އުސޫލު ކަމަށެވެ. އަދި މުޒާހަރާ ކުރާ ފަރާތްތަކަކީ ޓެރެރިސްޓުންގެ ޖަމާޢަތެއް ކަމަށް ސިފަކޮށް ކަންގަނާ ބުނެފައިވަނީ، މުޒާހަރާ ކުރުމަކީ ޙައްޤެއް ކަމަށް ޤަބޫލު ކުރާ ކަމަށާއި ނަމަވެސް ކަމަކުން ކަމަކާ ނުލާ މުޒާހަރާ ކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.
އިންޑިއާގެ ދަނޑުވެރިން މުޒާހަރާ ކުރަމުން ދަނީ، ލޯކްޝަބާއިން ފާސް ކުރި ބިލްގެ ސަބަބުން ދަށު ފަންތީގެ ދަނޑުވެރިން ހައްދާ ތަރުކާރީ އަދި މޭވާ އެކްސްޕޯޓް ކުރަން ދަތިވާ ކަމަށް ބުނެއެވެ. އަލަށް ފާސްކުރި ބިލާއެކު، މުދާ އެކްސްޕޯޓް ކުރެވޭނީ ވަކި ޝަރުތުތަކަކާއެކުއެވެ.
މިގޮތުން އާއްމު ފަރުދުންނަށް މުދާ އެކްސްޕޯޓް ކުރަން ކުރިން އޮތް ހުއްދަ ބާތިލްކޮށް، މުދާ އެކްސްޕޯޓް ކުރެވޭނީ ހަމައެކަނި ކުންފުންޏެއް މެދުވެރިކޮށެވެ. މިއާއެކު މިބިލްތަކަކީ މުއްސަދިން އިތުރަށް މުއްސަދިކޮށް، ފަޤީރުން އެމީހުންގެ ހާލައިގެން ދޫކޮށްލަން ހުށަހެޅި ބިލެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.