ލުނބޯ ހުތު ފެން: ބަރުދަން ލުއިކޮށްދީ ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށް ދިނުމުގެ އިތުރުން އެތައް ފައިދާތަކެއް!
ދުވަސް ފެށުމުގެ ގޮތުން ހެނދުނު ގިނަ ބަޔަކު ބޮއެ އުޅޭ އެއްޗެއްސަކީ ކޮފީ ނުވަތަ ސަޔެވެ. ނަމަވެސް ބައެއް މީހުން ލުނބޯ ހުތް ފެނަށް އަޅައިގެން ވެސް ދުވަސް ފެށުމުގެ ގޮތުން ބޮއެ އުޅެއެވެ. ލުނބޮޔަކީ އެއްވެސް ޝައްކެތް ވެސް ނެތް ގޮތުގައި ވަރަށް މީރު އެއްޗެކެވެ. ދިވެހީން އެކި ގޮތްގޮތަށް ލުނބޯ ބޭނުން ކުރެއެވެ. ގަރުދިޔަ ނުވަތަ ރިހާކުރާ ބަތް ކާއިރު ވެސް ދިވެހިން ލުނބޯ ބޭނުން ކުރެއެވެ.
ފެނަށް އަޅައިގެން ލުނބޯ ހުތް ބޭނުން ކުރުމަކީ ސިއްހަތަށް ވަރަށް ގިނަ ފައިދާތައް ލިއްބައިދޭ ކަމެކެވެ.
ވިޓަމިން ސީ ލިއްބައިދޭ
ލުނބޯގައި އެކުލެވޭ ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކު ވުމުން ރައްކާތެރިކޮށްދެއެވެ. އަދި މިއީ އާދައިގެ ރޯގާތަކަށް ފަރުވާއެކެވެ. އަދި ވިޓަމިން ސީގެ ސަބަބުން ލޭގެ ޕްރެޝަރު ދަށް ކޮށްދީ ސްޓްރޯކް ޖެހުމުންވެސް ދުރުކޮށްދެއެވެ.
ޔުނައިޓެޑް ސްޓޭޓް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ހާމަ ކުރާ ގޮތުގައި އެންމެ ލުނބޮއެއްގައި ވެސް 18.6 މިލިގްރާމް ވިޓަމިން ސީ ހިމެނެއެވެ. އަދި ދުވާލެއްގެ މައްޗަށް ބޭނުން ކުރުން އެންމެ ރަނގަޅަކީ 65-90 ދެމެދުގެ އަދަދުގެ މިލިގްރާމް ލުނބޯ ހުތެވެ.
ބަރުދަން ލުއިކޮށްދޭ
ލުނބޯގައި ހިމެނޭ މާއްދާއެއް ކަަމަށްވާ ޕޮލިފެނޮލް އެންޓި އޮކްސިޑެންޓުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދިހަމަ އެހެންމެ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ ގުލްކޯޒް ލެވެލް އެކަށޭނެ މިންވަރެއްގައި ހިފަހައްޓައިދެއެވެ. އެހެންކަމުން ލުނބޯ ހުތް ފެނަކީ ހަކުރުބަލި ހުންނަ މީހުން ބުއިމަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ.
ހަންގަނޑު ރީތިކޮށްދޭ
ލުނބޯގައި ހިމެނޭ ވިޓަމިން ސީގެ ސަބަބުން ހަންގަނޑުގައި ހުންނަ ރޫތަކާއި ހަންގަނޑު ކުރަކި ވެފައި ހުންނަ ހުރުމުން ދުރުކޮށްދީ ގިނަ ދުވަހަށް ހަންގަނޑު ތާޒާކަން މަތީ ދަމަހައްޓައިދެއެވެ. މިކަން ވަނީ 2016 ވަނަ އަހަރު ލެބޯޓަރީއެއްގައި ކުރި ދިރާސާއަކުން ވެސް ސާބިތުވާ ކަމެކެވެ.
ހަޖަމް ކުރަން ފަސޭހަ ކޮށްދޭ
ހެނދުނު ހޭލައިގެން ހޫނުފެނަށް އަޅައިގެން ލުނބޯ ބޭނުން ކުރުމަކީ ހަޖަމްގެ ނިޒާމަށް ފައިދާ ހުރި ކަމެކެވެ. އޭގެ ސަބަބުން ހަޖަމް ކުރުމަށް ފަސޭހަ ކޮށްދީ ހަޖަމް ކުރުމުގައި ދިމާވާ އުނދަގޫތަކުން ދުރުކޮށްދެއެވެ.
ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރި ކޮށްދޭ
ލުނބޯގައި ހިމެނޭ މާއްދާއެއް ކަމަށްވާ ސިޓްރިކް އެސިޑްގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރި ކޮށްދެއެވެ. ސިޓްރިކް އެސިޑްގެ ސަބަބުން ކުޑަކަމުދާތަކެތީގައި ހިމެނޭ އެސިޑްގެ ބައި މަދުކޮށްދީ ކުޑަކަމުދާއިރު ދިމާވާ އެކި ކަހަލަ މައްސަލަތަކުން ރައްކާތެރި ކޮށްދެއެވެ.
ފެނަށް ލުނބޯ ހުތް އަޅައިގެން ބޯނެ ގޮތް
ލުނބޯފެން ތައްޔާރު ކުރުމުގައި އާޓިފިޝަލް ލުނބޯ ސިރަޕް ބޭނުން ކުރުމަށްވުރެ ސިއްހަަތަށް ފައިދާހުރި ގޮތަކީ ތާޒާ ލުނބޯ ބޭނުން ކުރުމެވެ. ލުނބޯ ފެން، ފިނި ފެނުގައި އަދި ހޫނު ފެނުގައި ވެސް ބޭނުން ކުރެވިދާނެއެވެ. ރަހަ މީރު ކުރުމަށް ނުވަތަ ސިއްހަތަށް ބޮޑަށް ފައިދާ ކުރާނެ ގޮތަކަށް ބޭނުން ކުރުމަށް މާމުއި ނުވަތަ މިންޓް ލީވްސް ބޭނުން ކުރެވިދާނެއެވެ.