ޠޮއިބާ މިސްކިތް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ޠޮއިބާ މިސްކިތް ކައިރިން ހަމަނުޖެހުމެއް ހިނގާ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި މިހަމަނުޖެހުން ހިނގީ ދެބެއިންގެ ދެމެދުގައެވެ. އޭގެތެރެއިން "ކޮއްކޮ ވަޅި ޖެހީ ބޭބެގެ ކަރަށް" ކަމަށް އެސަރަޙައްދުގައި ތިބި ބައެއް މީހުން މައުލޫމާތު ދީފައިވެއެވެ.
މިހަމަނުޖެހުމުގައި ޒަޚަމްވީ މީހާ ވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހަމަލާ ދިން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެމީހާގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު، ހަމަލާދިން މީހާ ސައިކަލަކަށް އަރައިގެން ފިލަން އުޅުމުން އެސަރަޙައްދުގައި ތިބި އާއްމުންގެ ބަޔަކު ވަނީ އޭނާ ހިިފަހައްޓާފައެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނު ޠޮއިބާ މިސްކިތް ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު މިރޭ 20:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އަނިޔާވި މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ ފޮރެންސިކް ޓީމުން މިހާރު އެސަރަޙައްދުގައި ހަރަކާތްތެރި ވާއިރު، މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިމަައްސަލައާއި ގުޅިގެން ހައްޔަރު ކުރީ އުމުރުން 19 އަހަރުގެ ޒުވާން ފިރިހެން ކުއްޖެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
4534