ދީން

ރަޙިމުގެ ގުޅުން ކަނޑައިލައިފައި ވާ މީހަކު އެބައެއްގެ ތެރޭގައިވާ ބައެއްގެ މައްޗަށް ﷲ ރަޙްމަތެއް ނުލައްވާނެއެވެ.

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ މަޖިލިހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަންހުގެ ޙަދީޘްފުޅުތައް ކިޔަވައިދެއްވިއެވެ. އަދި ވިދާޅުވިއެވެ. "ރަޙިމުގެ ގުޅުން ކަނޑައިލައިފައިވާ މީހަކު މިތާނގައި ވާނަމަ އެމީހާ މިތަނުން ތެދުވެގެން ދާށެވެ." (ރިވާ ވެގެން ވާގޮތުގައި އަބޫހުރައިރާ މިފަދައިން 3 ފަހަރު ތަކުރާރު ކުރެއްވިއެވެ.)

Ads by Sosun Fihaara

އެހިނދު އެމަޖިލީހުން ޒުވާނަކު ތެދުވެގެން ހިނގައްޖެއެވެ. ސަބަބަކީ އެ ޒުވާނާ އޭނާގެ ބޮޑުދައިތައާ ގުޅުން ކަނޑައިލައިފައި ވާތީއެވެ. އަދި އޭނާއާއި އޭނާގެ ބޮޑުދައިތައާ ދެމެދު ހިނގި ކަންތަކުގައި ޞުލްޙަކޮށްފިއެވެ. ބޮޑުދައިތަ ސުވާލު ކުރިއެވެ.

"އޭ އަހަރެންގެ އަޚާގެ ދަރިއާއެވެ! މިހައި ދުވަސްފަހުން ކަލޭ އަހަރެންގެ ކައިރިއަށް ގެނައީ ކޮންކަމެއް ހެއްޔެވެ؟"

އޭނާ ބުންޏެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީ، އަބޫހުރައިރާގެ މަޖިލިހެއްގައި އަހަރެން ވީމެވެ. އަދި ރަޙިމުގެ ގުޅުން ކަނޑައިލައިފައިވާ މީހަކު އެތަނުގައި ވާނަމަ އެތަނުން ބޭރަށް ދިޔުމަށް އަބޫހުރައިރާ ބާރުއެޅުއްވުމުން އަހުރެން އައީއެވެ."

އެހިނދު ބޮޑުދައިތަ ބުންޏެވެ. "އަބޫހުރައިރާގެ އަރިހަށް ދާށެވެ! އަދި އެއީ ކީއްވެތޯ ސުވާލު ކުރާށެވެ!"

ދެން މި ޒުވާނާ އަބޫހުރައިރާގެ އަރިހަށް ގޮސް، އޭނައާއި އޭނަގެ ބޮޑުދައިތައާ ދެމެދު ކަން ހިނގިގޮތް ކިޔައިދިނެވެ. އަދި ސުވާލުކުރިއެވެ. "ރަޙިމުގެ ގުޅުން ކަނޑައިލައިފައިވާ މީހަކު ކަލޭގެފާނުގެ އަރިހުގައި ނުއިށީނުމަށް ވިދާޅުވީ ކީއްވެތޯއެވެ؟"

އެހިނދު އަބޫހުރައިރާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. [ إِنَّ الرَّحْمَةَ لاَ تَنْزِلُ عَلَى قَوْمٍ فِيْهِمْ قَاطِعُ رَحِم ] ހަމަކަށަވަރުން ރަޙިމުގެ ގުޅުން ކަނޑައިލައި މީހަކު އެބައެއްގެ ތެރޭގައިވާ ބައެއްގެ މައްޗަށް ﷲ ރަޙްމަތެއް ނުލައްވާނެއެވެ.

 

މަސްދަރު: ނޫރުލް އިސްލާމް

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!