އިންޒާރުދެމުންދާ ކަމަށްބުނެ އެންޑީއޭގެ ސީއީއޯ ކަމުގެ މަގާމުން ޝަހީލު އިސްތިއުފާ ދެއްވައިފި
މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުން ހަސަން ޝަހީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޝަހީލް އިސްތިއުފާ ދެއްވާފައި މިވަނީ އޭނާއަށް ބަޔަކު ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މަގާމުން އިސްތިއުފާ ދެއްވާ، އެންޑީއޭ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދަށް ފޮނުއްވި ސިޓީއެއްގައި ޝަހީލް ވިދާޅުވީ އެއެޖެންސީގައި މިހާތަނަށް މަސައްކަތް ކުރަމުން ދިޔައީ ނުހަނު އިޚުލާސްތެރި ކަމާއެކު ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާނެ ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް ޤާނޫނާއި ޚިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
އެންޑީއޭ ގެ ސީއީއޯ އަކަށް ޝަހީލް ހަމަޖައްސާފައިވަނީ ކުރީގެ ރައީސް ޢަބްދުލްޔާމީން ޢަބްދުލްޤައްޔޫމް ގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ޝަހީލް ފުރަތަމަ އެ މަގާމަށް އައްޔަންކުރީ ތިން އަހަރަށް ކަމަށް ވިޔަސް މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު ހަމަވުމުން އިތުރު ތިން އަހަރަށް ކޮންޓްރެކްޓް އިތުރުކުރީ އެވެ.
ޝަހީލް މިއަދު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ، އެކަމަށް ދެވި ހިފާފައި ތިބި ބައެއް މީހުން މެދުވެރިކޮށް މިހާރު ސީދާ އޭނާއަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ސޯޝަލް މީޑިއާގައި ސާބިތު ނުހިފޭ ހުތުރު ވާހަކަތައް ފަތުރައި ބަދުނާމުކޮށް ފުރައްސާރަކޮށް މަގުމަތިން ދިމާކޮށް އިންޒާރު ދީފައިވާ ކަމަށެވެ.
"އަޅުގަނޑު އެންޑީއޭގެ ސީއީއޯއެއްގެ ގޮތުގައި މަސައްކަތްކުރާތާ ފަސް އަހަރުވެފައިވާއިރު، ކުރިން މިފަދަ ބައެއްގެ ފަރާތުން މިފަދަ ކަމެއް ކުރިމަތިވެފައެއް ނުވެ އެވެ. އެހެން ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް ކޮންމެވެސް ނުފޫޒެއް އޮތްބަޔަކު ފޮރުވިފައި ތިބެގެން އެބައެއްގެ މަގުސަދުތަކެއް މިހާރު ހާސިލްކުރުމަށްޓަކައި އަޅުގަނޑުގެ އަބުރު ކަތިލައި އަދި އިންޒާރު ދީ ހެދުމަކީ މިހާރު އަޅުގަނޑު މި މަގާމުގައި ހުންނަން ޖެހިލުންވާ ކަމެއްކަމުގައި ދަންނަވަމެވެ،" ޝަހީލް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
ޝަހީލް ވަނީ އެސިޓީ ރައީސް އޮފީހަށާއި ޖެންޑާ މިނިސްޓްރީ އަށް ވެސް ކޮޕީ ކޮށްފައެވެ.